ގާސިމް އިބްރާހިމްއާއާއި، ގާސިމްގެ އާއިލާއާ އަޅައިގަނެގެން ނޫޅުމަށް ޖޭޕީން ޖާބިރުއަށް ގޮވާލައިފި

ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމްއާއި އަދި އެމަނިކުފާނުގެ އާއިލާއާ އަޅައިގަނެގެން ނޫޅުމަށް، ޖޭޕީގެ އިސް ތަރުޖަމާނު އަލީ ސޯލިހް، ރއްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުއަށް ގޮވާލައްވައިފިއެވެ.
އަލީ ސޯލިހް މިކަމަށް ގޮވާލެއްވީ، މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އަބްދުﷲ ޖާބިރު، ގާސިމް އިބްރާހިމްގެ އާއިލާއަށް ނިސްބަތް ކުރައްވައި ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ.
އަލީ ސޯލިހް ވިދާޅުވީ، ގާސިމް ކަހަލަ އަނބިދަރިންނަށް އޯގާތެރި ނަމޫނާ ބޭފުޅަކަށް ހެންވޭރު ތިމާވެށި އަބްދުﷲ ޖާބިރުއަށް ނުވެވުމަކީ ގާސިމް އާއި އަޅައިގަންނަންވީ ސަބަބެއް ނޫންކަމަށެވެ.
ކާށިދޫ ދާއިރާގެ މެމްބަރު ޖާބިރު، ގާސިމް އިބްރާހިމްއާ އަޅައިގަނެގެން އުޅުއްވާއިރު، ކާށިދޫ ގޮނޑި ތަބަކަކަށް ލާފައި ފުރަތަމަ ދިއްކޮށްލީ ގާސިމް ކަމާއި، އެ ގޮނޑި ނަގައިދިނުމަށް ޖުމްހޫރީ ޕާޓީން ކުރި މަސައްކަތް ހަނދުމަފުޅު ނެތުނީތޯވެސް އަލީ ސޯލިހް ސުވާލުކުރައްވާފައި ވެއެވެ.
ޖޭޕީގެ އިސް ތަރުޖަމާނު ވިދާޅުވީ، ރައްޔިތުން ގުނބޯ ހައްދައި، ކޭބަލްކާރު އަޅާވާހަކަ ދައްކާ ބީދައިން އަދި މީސްމީހުންގެ މުދަލަށް އަރައިގަތުމާއި، މުދާ ގަންނަން އޮޅުވާލާޒާތުގެ ކަންކަމަކީ ގާސިމް އިބްރާހިމްގެ ސިފަފުޅުތަކެއް ނޫން ކަމަށެވެ.
ކޮންމެ ކަމެއްކުރިޔަސް، އޮޅުވާލުމެއް ނޫނީ ފެންނަން ނެތްއިރު، ސިޔާސީ ޕާޓީއެއް ގަނެގެންވެސް އެ ނަން ބޭނުންކޮށްގެން ކުރައްވަނީ ކޮން ކަމެއްތޯ އަލީ ސޯލިހް ސުވާލު ކުރައްވާފައި ވެއެވެ.
އެފަދަ މީހަކު، ޖޭޕީ އާއި އަދި ގާސިމް އިބްރާހިމްއާ ބެހުން އެއީ އުރަތްޕެއް ނެތީމާ ކުރާކަމެއް ކަމަށްވެސް އަލީ ސޯލިހް ވިދާޅުވެފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ