ޒުވާނުންގެ ސިއްހަތާއި ދުޅަހެޔޮކަން ރައްކާތެރިކުރުމުގެ މަގްސަދުގައި، އޮންލައިން ސަލާމަތްތެރިކަމުގެ އާ ފިޔަވަޅުތަކެއްގެ ދަށުން، އުމުރުން 16 އަދި 17 އަހަރުގެ ކުދިންނަށް ރޭގަނޑުގެ ވަގުތުތަކުގައި ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރާ ކާފިއުއެއް ތައާރަފުކުރުމަށް ވިސްނަމުން އަންނަ ކަމަށް އިނގިރޭސި ސަރުކާރުން އިއްޔެ ބުނެފި އެވެ.
މި ގަވާއިދުތަކުގެ ދަށުން، ކުދިން އަމިއްލައަށް ސެޓިންސް ބަދަލުނުކުރާހާ ހިނދަކު، ދަންވަރު 12 އިން ހެނދުނު 6އާ ދެމެދު ސޯޝަލް މީޑިއާ އެޕްތައް ބޭނުންކުރުން އެ ކުދިންނަށް ބްލޮކްވާނެ އެވެ. އަދި ގިނަ ވަގުތު އެޕްތަކުގައި ސްކްރޯލްކޮށް، ވަގުތު ހޭދަކުރުމަށް ހިތްވަރުދޭ ގޮތަށް ފަރުމާކޮށްފައިވާ ފީޗާސްތައް ވެސް އޮޓޯއިން ހުންނާނީ ޑިސޭބަލް ވެފަ އެވެ.
ޓެކްނޮލޮޖީ މިނިސްޓަރު ލިޒް ކެންޑަލް ވިދާޅުވީ، މި ފިޔަވަޅުތަކުގެ ސަބަބުން ޒުވާނުންނަށް ބޭނުންވާ ފުރިހަމަ ނިދި ލިބުމަށާއި ސްކޫލް ނުވަތަ ކޮލެޖުގެ ކިޔެވުމަށް ސަމާލުކަންދިނުމަށާ އަދި އާއިލާ އާއި ރައްޓެހިންނާ އެކު ހޭދަކުރާ ވަގުތުގެ ފައިދާ އެންމެ ފުރިހަމައަށް ހިފުމަށް އެހީތެރިވެދޭނެ ކަމަށެވެ.
އޮންލައިން ސޭފްޓީ މިނިސްޓަރު ކަނިޝްކާ ނަރާޔަން ވިދާޅުވީ، މި އުސޫލުތަކަށް އަމަލުކުރުން ޓެކްނޮލޮޖީ ކުންފުނިތަކަށް ގާނޫނުން މަޖުބޫރުވާނެ ކަމަށެވެ.
"އަޅުގަނޑުމެން މި ބާރުއަޅަނީ ޓެކް ކުންފުނިތަކުން މިކަން ކުރުމަށް،" އުމުރު ކަށަވަރުކުރާނެ ވަރުގަދަ ނިޒާމުތަކެއް ގާއިމުނުކުރާ ކުންފުނިތަކަށް ވަރަށް ހަރުކަށި ފިޔަވަޅުތަކެއް ކުރިމަތިވާނެ ކަމުގެ އިންޒާރު ދެއްވަމުން އޭނާ ވިދާޅުވި އެވެ.
މި ހުށަހެޅުން އައިސްފައިވަނީ، އުމުރުން 16 އަހަރުން ދަށުގެ ކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރުމަށް ސަރުކާރުން ދާދި ފަހުން ނިންމި ނިންމުމާ ގުޅިގެންނެވެ. މި ގަވާއިދުތަކުގެ ފުރަތަމަ ބައި މިއަހަރުގެ ނިޔަލަށް ގާނޫނު ހަދާ މަޖިލީހަށް ހުށަހެޅޭނެ ކަމަށް ބެލެވޭއިރު، މި ފިޔަވަޅުތަކަށް އަމަލުކުރަން ފަށާނީ އަންނަ އަހަރުގެ ކުރީކޮޅު އެވެ.
އިދިކޮޅު ކޮންޒަވޭޓިވް ޕާޓީން ވަނީ މި ހުށަހެޅުމަށް ފާޑުކިޔާފަ އެވެ. އެ ޕާޓީން ބުނި ގޮތުގައި، ޒުވާނުންނަށް އަމިއްލައަށް އެ ކާފިއު އުވާލެވޭ ގޮތަށް އޮތުމުން އެއްވެސް ނަތީޖާއެއް ނުނިކުންނާނެ އެވެ.
އިނގިރޭސިވިލާތުން 16 އަދި 17 އަހަރުގެ ކުދިންނަށް ދަންވަރު ސޯޝަލް މީޑިއާ މަނާކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ