ހެއްވާ މަޖާ ކެރެކްޓާތަކަކަށްފަހު އަކްޝޭ ތަންކޮޅެއް ސީރިއަސް ރޯލަކުން

ބޮލީވުޑްގެ މަގުބޫލު ދެ އެކްޓަރުން ކަމަށްވާ އަކްޝޭ ކުމާރު އަދި ސައިފް އަލީ ޚާން އަހަރުތަކަކަށްފަހު އެކީގައި މަސައްކަތްކުރާ ފިލްމު "ހައިވާން"ގެ ފުރަތަމަ ޕޯސްޓަރު ދައްކާލައިފިއެވެ. މި އަހަރު މިހާތަނަށް ރިލީޒްކުރި އަކްޝޭގެ ގިނަ ފިލްމުތަކުން އެކްޓަރު ފެނިފައި ވަނީ މުޅިންވެސް ހެއްވާ މަޖާ ރޯލްތަކުން ކަމަށްވިޔަސް ފިލްމު "ހައިވާން"ގައި އަކްޝޭގެ އިތުރުން ސައިފް ވެސް ފެންނަނީ ވަރަށް ސީރިއަސް ދެ މީހެއްގެ ގޮތުގައެވެ. ފިލްމުގެ ޕޯސްޓަރުތައް ސޯޝަލް މީޑިއާގައި ހިއްސާކުރަމުން އަކްޝޭ ބުނީ، ބެލުންތެރިން ހެއްވާލުމަށްފަހު ދެން އޭނާ ފެންނާނީ ރަހުމްކުޑަ ހަމަ އެހެންމެ ބެލުންތެރިން ސިއްސުވާލާފަދަ ނާމާން މީހެއްގެ ގޮތުގައި ކަމަށެވެ. ފިލްމުގެ ޕޯސްޓަރުތަކުން ވެސް ފިލްމުގެ ނާމާން އަދި އަނދިރި މާހައުލުގެ ކުޑަ ތަސްވީރެއް ވެސް ބެލުންތެރިންނަށް ސިފަވެގެންދެއެވެ. ފިލްމު "ހައިވާން"ގެ ސެޓުގައި އަކްޝޭ އަދި ސައިފް ފިލްމުގެ ޕްރޮޑަކްޝަން ޓީމާ އެކު--ފޮޓޯ/އެންޑީޓީވީ މިދިޔަ އަހަރުގެތެރޭ ޝޫޓިންގް ނިންމާފައި އޮތް ފިލްމު "ހައިވާން" އަކީ، އަކްޝޭއާ އެކު ހެއްވާ މަޖާ ފިލްމުތަކެއް އުފެއްދި ޑައިރެކްޓަރު ޕްރިޔާދަރުޝަންގެ އުފެއްދުމެކެވެ. މި ފިލްމަކީ، ޕްރިޔާދަރުޝަން މަޝްހޫރު މަޅަޔާލަމް އެކްޓަރު މޯހަންލާލްއާ އެކު 2016ގައި ގެނެސްދިން "އޮއްޕަމް"ގެ ރިމޭކްއެކެވެ. ފިލްމު "ހައިވާން"އިން މޯހަންލާލްގެ ހާއްސަ ފެނިލުމެއް ގެނެސްދޭނެކަން ވަނީ އިއުލާނުކޮށްފައެވެ. އަކްޝޭ އެންމެފަހުން ބެލުންތެރިންނަށް ގެނެސްދިން ހެއްވާ މަޖާ ފިލްމު "ބޫތު ބަންގްލާ" އަކީ ވެސް ޕްރިޔާދަރުޝަންގެ ފިލްމެކެވެ. މި ފިލްމުގައި ސައިފް ލޯފަން މީހެއްގެ ގޮތުގައި ފެންނާނެއިރު އަކްޝޭ ފެންނާނީ ނެގެޓިވް ރޯލަކުން ކަމަށް ރިޕޯޓުތަކުން ބުނެއެވެ. އަކްޝޭ އާއި ސައިފްގެ އިތުރުން ފިލްމީ ތަރިން ކަމަށްވާ ސައްޔާމީ ކޭރު އަދި ޝްރިޔާ ޕިލްގާއޯންކަރް މުހިއްމު ރޯލްތަކުން ފެންނާނެ މި ފިލްމު ސިނަމާތަކަށް ގެންނާނީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ