ކުނިން ކާދު ހެދުމުގެ ޕައިލެޓް މަސައްކަތް ކާމިޔާބުކަމާއެކު 6 ރަށެއްގައި ކުރިއަށްގެންދާ ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ކުނީގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، ކުނިން ހަކަތަ އުފެއްދުމާއި، ކުނިން ކާދު ހެދުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.
ޕީއެސްއެމްނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވަޒީރުގެ ނައިބު އަޙްމަދު ނިޒާމު ވިދާޅުވީ، އަތޮޅު ތެރޭގައި ކުނިމެނޭޖު ކުރުމަށް ކުރާ މަސައްކަތުގެ ދަށުން ކުނި މެނޭޖުކުރާ މަރުކަޒުތަކުގެ މަސައްކަތް އަންނަ އަހަރުގެ ޖުލައިމަހަށް ނިންމުމަށް އަމާޒު ހިފައިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މިކަމަށް ޤާއިމްކޮށްފައިވާ ތަންތަން އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.
ނިޒާމު ވިދާޅުވީ، ރަށު ފެންވަރުގައި ކުނިމެނޭޖު ކުރުމުގެ މަަސައްކަތް ކުރުމަށް 88 ރަށަކަށް ވަސީލަތްތައް ފޯރުކޮށްދީފައިވާ ކަމަށެވެ. އަދި ބައެއް ރަށްރަށުގައި އުފެދޭ ކުނީގެ 70 އިންސައްތައަކީ ފަނާވާ ޒާތުގެ ކުނި ކަމަށާއި، މިތަކެތި ބޭކާރު ގޮތުގައި ބޭރުކޮށްލުމުގެ ބަދަލުގައި ރައްކާތެރި ގޮތުގައި އެއިން ނަފާ ލިބޭނެ ގޮތަކަށް ކާދު ހެދުމުގެ މަސައްކަތް ބައެއް ރަށްތަކުގައި ކުރިއަށްދާ ކަމަށެވެ. ކާދު ހެދުމުގެ މަސައްކަތް ޕައިލެޓް ކުރުމުގެ ގޮތުން 6 ރަށެއްގައި އެމަސައްކަތް ކުރިއަށްގެންދާ ކަމަށްވެސް ނިޒާމު ވިދާޅުވިއެވެ.
" ރައްކާތެރިގޮތުގައި އެކަން ކުރެވޭނެ ގޮތަކަށް އަޅުގަނޑުމެންނަށް އެކަމުން ނަފާވެސް ލިބޭނެ ގޮތަކަށް. ކާދަށް ބަދަލުކޮށް ކާދު އަޅުގަނޑުމެންނަށް ބޭނުން ކުރެވޭނެ މަސައްކަތްތަކެއް ކުރުމުގައި. އޭގެން އެ ޓެކްނޮލޮޖީ ޕައިލެޓް ކުރުމުގެ ގޮތުން 6 ރަށެއްގައި އިންސްޓޯލްކޮށް، ކާމިޔާބު ކަމާއެކު އެ 6 ރަށެއްގައި އެ މަސައްކަތް ދަނީ ކުރަމުން." ތިމާވެށްޓާއި ހަކަތައާ ބެހޭ ވަޒީރުގެ ނައިބު އަޙްމަދު ނިޒާމު ވިދާޅުވިއެވެ.
ނިޒާމު ވިދާޅުވީ، ކުނި މެނޭޖު ކުރުމުގެ މަސައްކަތް ކުރަމުންދަނީ 7 ޒޯނަކަށް ބަހާލައިގެން ކަމަށެވެ. އެހެންނަމަވެސް ސަރަހައްދުތަކަށް ބަލާފައި ކުނި އުފެދޭ މިންވަރަށް ބެލުމަށްފަހު ބައެއް ޒޯންތައް އެއްކޮށްލައިގެން ކުނި މެނޭޖުކުރުމުގެ މަސައްކަތް ކުރާނެ ކަަމަށް ވިދާޅުވިއެވެ. ނިޒާމު ވިދާޅުވީ، ޒޯންތަކަށް ބަހާލައިގެން ކުރާއިރު ސަރަހައްދުތަކުގައި އުފެދޭ ކުނި، މެނޭޖު ކުރުމަށް ވަކި ރަށްތަކެއް ކަނޑައަޅައިގެން އެކަން ކުރެވޭނެ ކަމަށެވެ.
އަތޮޅު ތެރޭގެ ރަށްތަކުގެ އިތުރުން ޖަލުތަކުގައި ކުރާ އިސްރާފު މަދުކޮށް، ތިމާވެއްޓާއި ރައްޓެހި އަދި ފައިދާކުރުވަނިވި އާދަތައް ތަޢާރަފް ކުރުމުގެ ގޮތުން، ސަސްޓޭނަބަލް ވޭސްޓް މެނޭޖުމަންޓުގެ މަސައްކަތް ފެށުމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ސޮނެވާ ނަމޫނާއާއެކު ވަނީ، ކާދު ހެދުމުގެ އެއްބަސްވުމެއް އެކުލަވާލާފައެވެ. މި މަސައްކަތުގެ ދަށުން ޖަލުތަކުގައި އުކާލެވޭ ކާތަކެތި ބޭނުންކޮށްގެން ކާދު އުފެއްދުމުގެ މަސައްކަތް ކުރާނެއެވެ. އަދި އެމަސައްކަތް ދަނީ، ކާމިޔާބުކަމާއެކު ކުރިއަށް ގެންދަމުންނެވެ.
ކުނިން ކާދު ހެދުމުގެ މަސައްކަތް 6 ރަށެއްގައި ކުރިއަށް އެބަދޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ