ނަވާރަ ވަނަ މަޖިލީހުގެ ނަމޫނާ މެމްބަރު: ކާކުބާ؟

ރައްޔިތުންގެ މަޖިލީހަށް ކުރިމަތި ލައްވައިގެން އުޅުއްވި ދުވަސްވަރު ކޮންމެ ކެންޑިޑޭޓަކުވެސް އެ ދާއިރާއެއްގެ ރައްޔިތުންގެ ހިތް އަތުލުމަށް ނުވަތަ ރުހުން ހޯދުމަށް ނުވަތަ ތާއީދު ހޯދުމަށް ވަރަށް ޒާތް ޒާތުގެ ވައުދުތައް ވެވަޑައިގެންނެވިއެވެ.އަދި އޭގެ ތެރެއިން 87 މެމްބަރަކު ރައްޔިތުން އައްޔަނުކުރިއެވެ. ރައްޔިތުންގެ ހައްގުގައި ޤައުމީ ފެންވަރުގެ މަސައްކަތްތަކެއް ކުރުމަށެވެ. ނަމަވެސް ގޮނޑިގައި ފޫ ޖައްސަވާ ލެއްވުމާ އެކު އެ ކަންކަން މަތިން ހަނދުމަ ހުންނެވީ ކިތައް މެމްބަރުން ބާ އޭ މިއީ ހަމަ ހިތަށް އަރާ ސުވާލެކެވެ.ދާއިރާ އަކަށް އިންތިޚާބުވާ ކޮންމެ މެމްބަރަކީ އެ ދާއިރާއެއްގެ ބެލެނިވެރި ފަރާތުގެ ގޮތުގައިވެސް ބެލެވިދާނެއެވެ. އެހެނީ ދާއިރާގެ ރައްޔިތުންނަށް ދިމާވާ ކޮންމެ ކުދި ބޮޑު ކަންކަމުގައި ވެސް އެ މެމްބަރެއްގެ ޙިއްޞާ އަކީ މުހިއްމު އެއްޗަކަށް ވުމުންނެވެ. މާ ގިނަ ފައިސާ ތަކެއް ނުދެއްވުނު ކަމުގައިވީ ނަމަހީ ވެސް ރައްޔިތުންގެ ހާލު ކައިރިން ބައްލަވާ ލެއްވުމަކީ ވެސް އެ ރައްޔިތުންނަށް ދެވޭނެ އަގު ބޮޑު ހަދިޔާއެކެވެ.މި ދުވަސްވަރަކީ މުޅި ރާއްޖެއަށްވެސް ވަރަށް މޫސުން ގޯސް އަދި އެހާމެ ވިއްސާރަ ދުވަސްވަރެކެވެ. މިމަހުގެ ދިހަ ވަނަ ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް ކުރަން ފެށި ވިއްސާރައިގައި އެންމެ ބޮޑު ގެއްލުންތަކެއް ލިބިފައިވަނީ ރާއްޖޭގެ އެންމެ ދެކުނުގެ އަތޮޅުތަކަށެވެ. އައްޑޫ ސިޓީ އާ ފުވައްމުލައް ސިޓީ ގެ އިތުރުން ގދ ތިނަދޫއަށް ވެސް ހަމަ އެދުވަހު ވަނީ ވިއްސާރައިގެ ސަބަބުން ގެއްލުންތަކެއްވެފައިވެއެވެ.މި ދެންނެވުނީ ރާއްޖޭގެ ނިސްބަތަށް ބަލާއިރު އެންމެ އާބާދީ ބޮޑު ތިން ސަރަހައްދުގެ ވާހަކައެވެ. މިއިން ކޮންމެ ހިސާބެއް ތަމްސީލު ކުރައްވަން ވެސް އެތައް މަންދޫބުންނެއް މަޖިލީހުގައި ތިއްބަވައެވެ. ނަމަވެސް ސުވާލަކީ އަމިއްލަ އިސް ނެންގެވުމާއެކު އެ ދާއިރާތަކުގެ ހާލު ބެއްލެވީ ކިތައް މަޖިލިސް މެމްބަރުންބާއެވެ؟ ދާއިރާއެއްގެ ގޮނޑި ފުރުއްވަން އިންނެވިޔަސް އަދި ކަމަކު ނުދާނެއެވެ.ދާއިރާގެ ރައްޔިތުންނަށް ދިމާވާ އުފަލާ ހިތާމައިގައިވެސް ތިޔަ އެންމެ ބޭފުޅުންގެ ހިއްސާ އާ ބައިވެރިވުން އޮންނަން ޖެހޭނެއެވެ. ރައްޔިތުން ފެންނަން ޖެހޭނީ ހަމަ އެކަނި ވޯޓު ހޯދައްވަން ވީމާ އެކަންޏެއް ނޫނެވެ.ކޮންމެ އަކަސް ރާއްޖެއަށް ކުރަމުން ދާ ވިއްސާރައިގެ ސަބަބުން އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހި ވައި ގަދަވެ ފެންބޮޑުވުމާ ގުޅިގެން އެކި ވަރުގެ ގެއްލުންތައް ރައްޔިތުންނަށް ވަމުންދާއިރު، މަޖިލީހުގެ މެމްބަރަކު މިވަނީ ނަމޫނާ ދައްކަވާފައެވެ.ވެހި ވެހި އޮތް ބޯ ވާރޭގެ ތެރޭގައި އެ މެމްބަރު މިވަނީ އެ ބޭފުޅާގެ ދާއިރާގައި ހިމެނޭ ރަށް ތަކުގެ ތެރެއިން ވިއްސާރައިގައި ގެއްލުން ލިބުނު ރަށުގެ ރައްޔިތުންގެ ގެތަކަށް ދޮރުން ދޮރަށް ހިންގަވާފައެވެ.ބަޔަކު މީހުން ދޮރުން ދޮރަށް ހިންގެވީ ވޯޓު ހޯދަން ކަމުގައިވީ ނަމަވެސް ނައިފަރު ދާއިރާގެ އިއްޒަތްތެރި މެމްބަރު އަހުމަދު ޝިޔާމު ދޮރުން ދޮރަށް ހިންގެވީ ނައިފަރަށް ކުރި ވިއްސާރައިގައި ރައްޔިތުންނަށް ލިބުނު ގެއްލުން ކައިރިން ބެއްލެވުމަށް ފަހު އެކަންކަން ހައްލުކުރަން ކޮށްދެއްވި ދާނެ ކަންކަމާ މެދު މަޝްވަރާކުރުމަށެވެ.އިޚުލާސްތެރި އަދި ރައްޔިތުންގެ އިހްސާސްތައް އެންމެ ގާތުން ބައްލަވާ މަންދޫބުންގެ ތަފާތަކީ މިއެވެ. ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމު ތަފާތު ދައްކަވަނީ ހަމައެކަނި ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އެކަނި ނޫންކަން އެބޭފުޅާ މިވަނީ ދާއިރާގެ ރައްޔިތުންނަށް ސާބިތުކޮށްދެއްވާފައެވެ.ނައިފަރު ދާއިރާގެ އިއްޒަތްތެރި މެމްބަރު އަހުމަދު ޝިޔާމަކީ މަޖިލީހުގެ ތަޅުމުގައި ވެސް އަދި ތަޅުމުން ބޭރުގައިވެސް ނަމޫނާ އެމްޕީއެއްކަން އެ ބޭފުޅާ ސާބިތުކޮށްދެއްވައިފިއެވެ.ރައްޔިތުންގެ ހައްގުގައި ތި ކުރައްވާ މަސައްކަތަށް އައްސަރި ބަހާ ސާބަސް ދަންނަވަމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ