ފޮނަދޫ އާއި ބާރަށު ދާއިރާގެ ބާތިލު ވޯޓުތައް އަލުން ގުނަނީ

ނިމިގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ލ.ފޮނަދޫ ދާއިރާ އާއި ހއ.ބާރަށު ދާއިރާގެ ބާތިލް ވޯޓުތައް ހުރި ހުރިހާ ވޯޓު ފޮށިތަކެއް އަލުން ގުނަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނީ އެ ދެ ދާއިރާގެ ބާތިލު ވޯޓުތައް އަލުން ގުނަން ނިންމާފައިވަނީ ފޮނަދޫ ދާއިރާއަށް ވާދަކުރެއްވި އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އާއި ބާރަށު ދާއިރާއަށް ވާދަކުރެއްވި އިބްރާހިމް ޝުޖާއު އެދުމުން ކަމަށެވެ.
ފޮނަދޫ ދާއިރާގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން އެ ދާއިރާގެ މެމްބަރުކަން މިހާރު ކުރައްވަމުން ގެންދަވާ އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ގެ މައްޗަށް ކުރި ހޯއްދަވައި އިންތިހާބު ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި މޫސާ ސިރާޖުއެވެ.
އެގޮތުން ވަގުތީ ނަތީޖާ ދައްކާ ގޮތުން އަދުރޭ އަށް ލިބިވަޑައިގެންފައިވަނީ 963 ވޯޓެވެ. ސިރާޖަށް ލިބިވަޑައިގެންފައިވަނީ 1007 ވޯޓެވެ.
މީގެއިތުރުން ބާރަށު ދާއިރާގެ ވަގުތީ ނަތީޖާގެ ދައްކާ ގޮތުން އެ ދާއިރާގެ މެމްބަރުކަން މިހާރު ކުރައްވަމުން ގެންދަވާ އިބްރާހިމް ޝުޖާއު އާއި ވާދަކޮށް ގޮނޑި ކާމިޔާބުކުރީ އެމްޑީޕީގެ ކެންޑިޑޭޓް އަހުމަދު އަބްދުﷲ އެވެ.
އެގޮތުން އަހްމަދު އަބްދުﷲ އަށް 1524 ވޯޓު ލިބިވަޑައިގެންނެވި އިރު، މިހާރު ވެސް މެމްބަރުކަން ކުރައްވާ ޝުޖާއު އަށް ލިބިވަޑައިގެންނެވީ 1482 ވޯޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ