އާޖެންޓީނާ އާއި އުރުގުއޭގެ އެތައް މިލިއަން މީހުންނަށް ކަރަންޓު ކެނޑުނު މައްސަލަ ބަލަނީ

ބުއޭނޮސްއައިރިސް (ޖޫން 17): އާޖެންޓީނާ އާއި އުރުގުއޭގެ 44 މިލިއަނަށް ވުރެ ގިނަ މީހުންނަށް އިއްޔެ ކަރަންޓުގެ ހިދުމަތް ކެނޑުނު މައްސަލަ ތަހުގީގު ކުރާނެ ކަމަށް އެދެ ގައުމުން ބުނެފި އެވެ. އާޖެންޓީނާގެ ރައީސް މައުރީސިއޯ މަކްރީ ވިދާޅުވި ގޮތުގައި ދެ ގައުމުގެ ބޮޑު ބަޔަކަށް ކަރަންޓު ކެނޑުނީ ދެ ގައުމުން ބޭނުން ކުރާ ޕަވާ ގްރިޑުގައި މައްސަލައެއް ޖެހިގެންނެވެ. ނަމަވެސް އެމައްސަލަ ޖެހުނު ސަބަބެއް ނޭނގޭ ކަމަށާއި އެހާދިސާގެ ފުރިހަމަ ތަހުގީގެއް ކުރިއަށްގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އާޖެންޓީނާގެ މީޑިއާތަކުން ބުނާ ގޮތުގައި ކަރަންޓު ކެނޑުނީ ހެނދުނު ހަތެއް ޖެހި ފަހުންނެވެ. އޭގެ ސަބަބުން ދަތުރުފަތުރުގެ ނިޒާމު ހުއްޓުމަކަށް އައިސް، ފިހާރަތައް ބަންދުކޮށް، އާޖެންޓީނާގައި ކުރިއަށްދާ ޕްރޮވިންޝަލް އިލެކްޝަންތައް ލަސްވި އެވެ. އަދި އިންތިހާބު ކުރިއަށް ގެންދިޔަ ސަރަހައްދުތަކުހައި މީހުން ވޯޓު ލާން ޖެހުނީ ޓޯޗާއި ފޯނުގެ އަލިން ވޯޓުލާ ބޫތު ދިއްލައިގެންނެވެ. އާޖެންޓީނާއަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭ ކުންފުންޏެއްގެ ތަރުޖަމާނު އަލެހަންދުރާ މާޓިނޭޒް ވިދާޅުވި ގޮތުގައި އެއީ އެގައުމުގެ އެހާ ބޮޑު ސަރަހައްދަކަށް ކަރަންޓު ކެނޑުނު ފުރަތަމަ ފަހަރެވެ. ނަމަވެސް އިއްޔެ ހަވީރުވީ އިރު އާޖެންޓީނާގެ އާއި އުރުގުއޭއިންވެސް ވަނީ 98 ޕަސެންޓަށް ވުރެ ބޮޑު ސަރަހައްދަކަށް އަލުން ކަރަންޓުގެ ހިދުމަތް ފޯރުކޮށްދީފައިވާ ކަމަށް ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ