ތަރައްގީގެ ވާހަކަ ދައްކަން ފަށަން ވާނީ ވެސް ގައިން ތާހިރުވެގެން: ރައީސް

އަަމާޒަކީ ރާއްޖޭގެ ހުރިހާ ރަށެއްގެ ފެނުގެ ނިޒާމު، ތާޒާކަމާއެކު ހިނގައިހިނގާ ހުރުން ކަމަށާއި ތަރައްގީގެ ވާހަކަ ދައްކަން ފަށަން ވާނީ ވެސް، ގައިން ތާހިރުވެ ތިބެގެން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.
ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ އެމްޑީޕީގެ ކެމްޕެއިން ނިންމައިލުމަށް، އއ. ރަސްދޫގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ބީލަމުގެ މަރުހަލާ އިން ފެށިގެން، ކޮންމެވެސް މަރުހަލާއެއްގައި ފެނާއި ނަރުދަމާ ފެށިފައި ނުވާ އެއްވެސް ރަށެއް މިހާރު ރާއްޖޭގައި ނޯންނާނެ ކަމަށެވެ. އަމާޒަކީ، މި ސަރުކާރުގެ ދައުރު ނިމޭ އިރު ހުރިހާ ނަރުދަމާތަކުން އަތްދޫކޮށްލުން ކަމަށާއި ހުރިހާ ރަށެއްގެ ފެނުގެ ނިޒާމު ތާޒާ ކަމާއެކު ހިނގަހިނގާ ހުރުން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ސަރުކާރުން ގެންނާނެ ތަރައްގީގެ ވާހަކަ ދައްކަން ފަށަން ވާނީ ވެސް، ގައިން ތާހިރުވެ ތިބެގެންނެވެ. އެމްޑީޕީގެ ސަރުކާރުން މިހާރު ކުރަމުން އަންނަނީ އެ މަސައްކަތް ކަމަށް ވިދާޅުވި އެވެ.
ކެމްޕެއިން ނިންމާ ޖަލްސާ އަށް އެމްޑީޕީގެ ގިނަ އިސްވެރިންނާއި ސަޕޯޓަރުން ރަސްދުއަށް އައެވެ. އެކަމަކު އެ މީހުން ތިބީ ފަޅުތެރޭގައި ދޯނިތަކުގަ އެވެ. އެ ރަށުން ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓުންނާއި ސަޕޯޓަރުން ތިބީ ރަށުގެ އަތިރިމަތީގަ އެވެ. ވާހަކަ ދައްކާ ޕޯޑިއަމް ވެސް ބަހައްޓާފައި ހުރީ މަސް ދޯންޏެއްގަ އެވެ.
ވަށައިގެން ގިނަ އަދަދެއްގެ މީހުން ތިބި އެ ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، ރާއްޖޭގެ ލާމަރުކަޒީގެ ފުރަތަމަ ފަތިހަށް އަލިވިލޭއިރު، ރަށްތަކުގެ އިންތިޒާމުތަކާއި ބޭނުންތަކާއި ނިންމުންތައް، ރަށުގެ ފުޅޮހިން މި ފަތިސް އެތެރެކޮށްދޭނެ ކަމަށެވެ. ވަށައިގެން ގުދުރަތީ ވަސީލަތްތަކާއި މުއްސަނދިކަމުގެ އިހްތިސޯސީ އިންފާރެއް ލެވޭނެ ކަަމަށާއި ރަށާއި އަތޮޅާއި ސިޓީގެ ނިންމުންތައް ތަންފީޒު ކުރުމުގެ އިހްތިޔާރާއި ގާނޫނީ ބާރު ލިބިދާނެ ކަމަށް ވިދާޅުވި އެވެ.
"މި ދެކޭ ހުވަފެނާއި، ދާން އެދޭ މަންޒިލާއި އަލިވިލެން މިދާ ފަތިހަކީ އެއީ،" ރައީސް ވިދާޅުވި އެވެ.
މި ޖަލްސާގައި އެ މަނިކުފާނު ވަނީ ސަރުކާރުން މިހާތަނަށް ކޮށްދީފައިވާ ތަރައްގީގެ މަޝްރޫއުތައް ވަރަށް ތަފްސީލުކޮށް ކިޔައިދެއްވައިފަ އެވެ.
ރަސްދޫ ބަނދަރުގައި އޮތް ދޯންޏެއްގައި ހުންނަވައިގެން ރައީސް ވާހަކަފުޅު ދައްކަވާއިރު، ރަށުގެ އަތިރިމަތީގައި ގިނަ ބަޔަކު އަޑުއަހަނީ-- ފޮޓޯ: ރައީސް އޮފީސް
ރައީސް ގެންނެވީ ތަރައްގީ ކުރުކޮށް
- ހަމައެކަނި ރަށްރަށުގެ ބޯހިޔާވަހިކަމަށް އަންނަ އަހަރު، 1.5 ބިލިއަން ރުފިޔާ ބަޖެޓް ކުރާނަން. އެ ބަޖެޓާއެކު، ރާއްޖޭގެ ގިނަ ރަށްތަކުން ބޯހިޔާވަހިކަން ލިބޭނެ.
- މާލޭގައި މި އަހަރު އެކަނި ވެސް 5،000 ހައުސިން ޔުނިޓްގެ މަސައްކަތް ކުރާނެ. އަމާޒަކީ 13،000 ޔުނިޓަށް އިތުރުކުރުން
- ރާއްޖޭގެ ފަސް ސަރަހައްދެއްގައި ޓާޝަރީ ހޮސްޕިޓަލް ގާއިމް ކުރެވިއްޖެ. އަންހެނުންގެ ހާއްސަ ބަލިތަކާ، ގޮހޮރާއި މައިބަދައިގެ ބޮޑެތި އޮޕަރޭޝަންތައް ކޮށްފި. އިންތިހާ ދަރަޖައިގެ ނާޒުކު ނާރުގެ އޮޕަރޭޝަން މާލެ ނާރާ ކާމިޔާބު ކޮށްފި.
- ސަރުކާރުން ވެރިކަމާ ހަވާލުވި އިރު ރަށްރަށުގައި ކަރަންޓު އުފެއްދޭ މިންވަރަކީ ޖުމުލަ 150 މެގަވޮޓް. މި ސަރުކާރަށް ވި ދެ އަހަރާއި ހަތަރު މަސް ތެރޭގައި އެކަނި ވެސް އިތުރު 180 މެގަވޮޓް އުފެއްދޭނެ ގާބިލްކަން ގާއިމު ކުރެވިއްޖެ
- ދެ އަތޮޅެއްގެ ހުރިހާ ރަށެއްގައި އަވިން އުފައްދާ ކަރަންޓުގެ ޖުމުލަ 2،868 ކިލޯވޮޓާ ހަމަކުރުން. މި ފަދަ 15 މަޝްރޫއު ދަނީ ކުރިއަށް.
- ފުރަތަމަ ޑިގްރީ އަށް ސަރުކާރުން ހިލޭ ކިޔަވައިދެމުންދާ 10،486 ދަރިވަރުން އެބަތިބި. ދަރިންނަށް ތަޢުލީމު ހޯދައިނުދެވުމުގެ ހާސްކަމުގައި، އުމުރު ހުސްކުރާނެ ދިވެއްސަކު، ދެން މި ރާއްޖެއަކު ނުހުންނާނެ ކަމަށް ވިދާޅުވި
- އެއްގަމާ ކަނޑުން 20-30 މިނެޓްގެ ދަތުރަކަށްފަހު ކޮންމެ ރަށަކުން ވެސް އެއާޕޯޓަކަށް ދެވޭނެ. މި އަހަރު ފަހުކޮޅު، ހައިސްޕީޑް ފެރީ، ހއ. އަދި ހދ، އަތޮޅުން ފަށާނެ
- ރައީސް ވިދާޅުވަނީ މިއިން ޒަމާނަކު ނުވާވަރަށް އައިސް ޕްލާންޓާއި ކޯލްޑް ސްޓޯރޭޖްގެ ކެޕޭސިޓީ އިތުރުވަމުންދާ ކަމަށް. މި ލަނޑުދަނޑި ހާސިލްވެ ނިމޭއިރު އިތުރު 525 ޓަނުގެ އައިސް އުފެއްދޭ އައިސް ޕްލާންޓް 20 ރަށެއްގައި އަލަށް ގާއިމު ކުރެވޭނެ
ރައީސް ވިދާޅުވި ގޮތުގައި ތަރައްގީ އާއި ކުރިއެރުމަކީ ޓީމެއްގެ ގޮތުގައި ތިބެގެން ނޫނީ ހޯދޭނެ އެއްޗެއް ނޫނެވެ. އެމްޑީޕީއަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު، އެންމެ ވަރުގަދަ އަދި ބަދަހި ޓީމު ކަމަށާއި އިންތިހާބު ކާމިޔާބު ކުރާ މޭޔަރުންނާއި ކައުންސިލްތަކުގެގެ ރައީސުންނާއި މެމްބަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ މެމްބަރުންނަކީ މި ޓީމުގެ އެއްބައި ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"ރަށާއި އަތޮޅާއި ސިޓީގެ ކުރިއެރުމާއި ތަރައްގީއަށް، އެ ޓީމުން ޓަކި ޖަހަން ހުރި ދޮރުތަކަކީ އެ ޓީމުގެ އަނެއް ބައި،" ރައީސް ވިދާޅުވި އެވެ.
ޖަލްސާ ނިންމާލަމުން އެ މަނިކުފާނު އިލްތިމާސް ކުރެއްވީ އެންމެ ކަމަކަށެވެ؛ އެއީ ދަތުރަށް އެދޭ، އެކަމަށް ފަރިތަ، ކަނޑަށް ގަދަ އެމްޑީޕީގެ ހުރިހާ ކެންޑިޑޭޓުން، ލާމަރުކަޒީ އޮޑީގެ ހަފޮޅުން، އެ ކެންޑިޑޭޓުން އެތެރެ ކޮށްދިނުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ