އިއްޔެ މި ވަނީ ކަޅު ބާޒާރުގައި ޑޮލަރެއްގެ އަގު ރަސްމީކޮށް 20ރ.އަށް އަރައި ނިމިފަ އެވެ. މިއީ މިފަހުގެ ތާރީހެއްގައި ޑޮލަރުގެ އަގު މިހާ ބޮޑަށް މައްޗަށް އެރި ފުރަތަމަ ފަހަރެވެ. މިއީ ވިޔަފާރިތަކާއި އާންމުންނަށް ވެސް ކަންބޮޑުވުމެކެވެ. މީގެ ދައްޗާއި ތުރާ އެތައް ގޮތަކަށް ކުރިމަތިވާނެ އެވެ.
މިއީ އިއްޔެއަކު މިއަދަކު ވީ ކަންކަމަކުން ކުރިމަތިވީ ހާލަތެއް ނޫނެވެ. ގިނަ ކަންތައްތަކެއް އެއްފަހަރައި އެކުވެ ކުރިމަތިވީ ހާލަތެކެވެ. އަގު އެހިސާބަށް އެރުމަށް ކުރިމަތިވީ ސަބަބުތަކަކީ ކޮބައިހެއްޔެވެ؟
ކޮންމެ އަހަރެއްގެ ވެސް ޖޫން އިން އޮގަސްޓަށް ރާއްޖެއަށް ޓޫރިސްޓުން އަންނަވަރު ދަށަށްދެ އެވެ. ޓޫރިޒަމްގެ އެ ދަަށް ސީޒަނާ އެކު އިގްތިސާދުގައި ޑޮލަރު ދައުރުވާ ވަރު މަދުވެ، ޑޮލަރު އަގު މައްޗަށް ޖެހިލަ އެވެ. އެއީ އާންމުކަމެކެވެ.
އެއްޗެއްގެ މިންވަރު މަދުވުމުން އޭގެ އަގު އުފުލުމަކީ އިގްތިސާދީ އާދަ އެވެ.
ނަމަވެސް މިއަހަރު ރެކޯޑް އަދަދަކަށް ޑޮލަރުގެ އަގު މި އުފުލުނީ، އެމްއެމްއޭން ރިސޯޓުތަކާއި އެހެނިހެން ވެސް ވިޔަފާރިތަކުން ލިބޭ ހުރިހާ ޑޮލަރެއް ރާއްޖޭގެ ބޭންކުތަކަށް މާރުކުރަން މަޖުބޫރުވާ ސިޔާސަތާ އެކު ޑޮލަރު ދައުރުވާ ވަރު މަދުވެފައި ވަނިކޮށް އިތުރަށް އެ އަދަދު މަދުވާނޭ ފަދަ ހާލަތެއް މެދުވެރިވުމުންނެވެ.
ޑޮލަރު މާރުކުރުމުގެ ބާޒާރު ހަމައަކަށް އެޅުވުމަށް އެޅި އެ ފިޔަވަޅުގެ ސަބަބުން އިގްތިސާދު ބަރޯސާވެފައިވާ ކަޅު ބާޒާރުގައި ޑޮލަރުގެ ދައުރުވާ މިންވަރު ވަނީ ވަރަށް ބޮޑަށް މަދުވެފަ އެވެ. އަދި ގިނަ ރިސޯޓުތަކުން މުސާރަ އާއި ސާވިސް ޗާޖް ޑޮލަރުން ދިނުން ހުއްޓާލުމާ އެކު ދައުރުވާ ފައިސާގެ ތެރެއަށް ނިކުންނަ ޑޮލަރު ވަނީ މަދުވެފަ އެވެ.
ކަޅު ބާޒާރުގައި ޑޮލަރު ދައުރުވާ ވަރު މަދުވި ނަމަވެސް، ޑޮލަރަށް އޮތް ޑިމާންޑް އެއްވެސް ވަރަކަށް ކުޑައެއް ނުވެ އެވެ. އަދި މި މަސް ތެރޭ އެ ޑިމާންޑް އިތުރަށް ބޮޑުވާނޭ ކަމަށް ބެލެވެ އެވެ.
ސްކޫލް ޗުއްޓީ އާއި ޖުލައި 26 ނުވަތަ މިނިވަން ދުވަހުގެ ޗުއްޓީ ބޯމަތިވަމުން އަންނައިރު ގިނަ ދިވެހިން ބޭރަށް ދަތުރުކުރާނެ އެވެ. އެހެންވުމުން ޑޮލަރު ބޭނުންވާ ވަރު ގިނަވާނެ އެވެ. ޑޮލަރު ދައުރުވާ ވަރު ގިނަ ނުވެ ޑޮލަރު ފަހާ ދުވަން ޖެހޭ ސަބަބުތައް ގިނަވުމަކީ ޑޮލަރުގެ މަގުމަތީ އަގު 20ރ.އަށް މި ދުވަސްވަރު އެރުމުގެ އެއް ސަބަބެވެ.
ރިސޯޓްތަކަށް ލިބޭ ޑޮލަރުގެ ބޮޑު އަދަދެއް ބޭންކުތަކަށް މާރުކުރިއަސް އެ ޑޮލަރު ބޭންކުތަކަށް ވިޔަފާރިތަކަށް ނުދެވޭ މައިގަނޑު ސަބަބަކީ އެހެން ލިބޭ ޑޮލަރުގެ %90އަށް ވުރެ ބޮޑު ބައެއް މަރުކަޒީ ބޭންކް، އެމްއެމްއޭއަށް ނެގުމަށް ފަހު ދައުލަތުގެ ބޭނުންތަކަށް އެ ފައިސާ ބޭނުން ކުރަން ޖެހުމެވެ.
އެންމެ ފަހުގެ އާމްދަނީ އާއި ހަރަދުގެ ތަފާސްހިސާބުތަކަށް ބަލާއިރު ވެސް ދަރަނި އަދާކުރުމަށް ކުރި ހަރަދު ވަނީ ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު %180 އިތުރުވެފަ އެވެ. އެ އަދަދު 1 ބިލިއަން ރުފިޔާއިން 3 ބިލިއަން ރުފިޔާއަށް އަރައިފި އެވެ. ޔަގީނުން ވެސް މީގެ ބޮޑު ބަޔަކީ ބޭރު ދަރަނި ދައްކަން ހަރަދުވާނޭ އަދަދެވެ.
އެއާ އެކު ބޭންކުތަކުން ނަގާ ރިޒާވަށް ލާ ޑޮލަރުގެ ބޮޑު އަދަދެއްގެ ދަރަނި ދެއްކުމަށް ރާއްޖެއިން ބޭރު ވެގެން ދާނެ އެވެ. އެއާ އެކު އާންމު ބާޒާރަށް ނެރެވޭ ޑޮލަރުގެ އަދަދު މަދުވެގެންދާނެ އެވެ.
ޑޮލަރު މާރުކުރަން މަޖުބޫރު ކުރި ސިޔާސަތުގެ ސަބަބުން، ވަރަށް ޝައުގުވެރި އެހެން ބަދަލެއް އިގްތިސާދުގައި ވަނީ އުފަންވެފަ އެވެ. ޓޫރިޒަމް ދާއިރާގެ ވިޔަފާރިތަކުން ޑޮލަރު މާރުކުރަން މަޖުބޫރުވުމާ އެކު އެ ކުންފުނިތަކުގައި ހުރި ރުފިޔާ ވަރަށް ގިނަވެއްޖެ އެވެ.
ކުންފުންޏެއްގެ ބޭފުޅަކު ވިދާޅުވި ގޮތުގައި، ބޭންކަށް ޑޮލަރު މާރުކޮށްގެން 50 މިލިއަން ރުފިޔާ މިދިޔަ ހަތް މަސް ތެރޭގައި އެ ކުންފުނީގައި އެބަ ހުއްޓެވެ. އެހެންވެ، އެ ފައިސާ އިންވެސްޓް ކުރާނޭ ގޮތްތަކެއް ބޭންކުތަކާ ގުޅިގެން ހޯދޭތޯ އަންނަނީ ބަލަމުންނެވެ. މީގެ ކުރިން ނަމަ، ޑޮލަރުން ފައިސާ ބޭރަށް ގެންގޮސް ބޭރުގައި އިންވެސްޓްކުރެވެ އެވެ.
ރުފިޔާ ގިނަވުމާ އެކު ބައެއް ކުންފުނިތަކުން އެ ފައިސާ ރާއްޖޭގެ އެތެރޭގައި އާ ވިޔަފާރިތަކަށް އިންވެސްޓްކުރަން ބޭނުންވެ އެވެ. އާ ދިމާތަކަށް ވިޔަފާރި ފުޅާކުރަން މަސައްކަތް ފަށާފައި ވެސްވެ އެވެ.
ނަމަވެސް ރާއްޖޭގައި އާ ވިޔަފާރިއެއް ފެށި ނަމަވެސް، ސާމާނާއި އެކަމަށް ބޭނުންވާ ވަސީލަތްތައް ޖެހެނީ ރާއްޖެއިން ބޭރުން އެތެރެކުރާށެވެ. އެއީ ޑޮލަރު ބޭނުންވާނެ ކަމެވެ. އެއާ އެކު، މިއީ ވެސް ޑޮލަރަށް އޮންނަ ޑިމާންޑު މަތިވާ ސަބަބަކަށް ވަނީ ވެފަ އެވެ.
ފެންނަ ފެނުމަށް މަރުކަޒީ ބޭންކް، އެމްއެމްއޭން ވަނީ މި ހާލަތް އަންނާނޭ ކަމަށް ލަފާކޮށް ފިޔަވަޅުތަކެއް އަޅައިފަ އެވެ. ސުވާލަކީ އެ ފިޔަވަޅުތަކުގެ ރާހަތެއް އިގްތިސާދަށް ކުރަނީ ކިހާ މިންވަރަކަށް ހެއްޔެވެ؟
އެމްއެމްއޭން މިހާރު ބޭންކުތަކަށް ވަންނަ ޑޮލަރުގެ ބޮޑު ބައެއް ކޮންޓްރޯލްކޮށް، ބީއެމްއެލް މެދުވެރިކޮށް ވިޔަފާރިތަކަށް ފޯރުކޮށްދޭން މިފަހުން މަސައްކަތް ފަށާފައިވެ އެވެ. ވިޔަފާރިތަކުން ބޭރަށް ދައްކާ ފައިސާ ނުވަތަ ޓީޓީތަކަށް ޑޮލަރު ދޭ އަދަދު ބީއެމްއެލްއިން ވަނީ އިތުރުކޮށްފަ އެވެ. ބޭނުމަކީ، ކަޅު ބާޒާރަށް ވިޔަފާރިތަކުން ބަރޯސާވާ މިންވަރު ކުޑަކޮށް އެ ބާޒާރަށް އޮންނަ ޑިމާންޑް ކުޑަކޮށްލުމެވެ.
ނަމަވެސް ވިޔަފާރިވެރިންގެ ބޭނުންތަކަށް އެންމެ ބޭންކެއް މެދުވެރިކޮށް ޑޮލަރު ފޯރުކޮށް ދިނުމަކީ ހާސިލްކުރަން އުނދަގޫ ކަމެކެވެ. އެއަށް ވުރެ ޑޮލަރު ވިޔަފާރިތަކުން ބޭނުންވާ މިންވަރު އިތުރެވެ. އެހެންވެ، ވިޔަފާރިތަކުން އަދިވެސް ޑޮލަރު ހޯދަން ކަޅު ބާޒާރަށް ދާންޖެހޭ ވަރު ނިސްބަތުން ބޮޑެވެ.
ޑެބިޓް ކާޑްތަކުން ބޭރުގެ ހޭދަކުރުމަށް ދީފައިވާ ލިމިޓް 500 ޑޮލަރަށް އިތުރުކުރުމަކީ ވެސް މީގެ ތެރެއިން އެޅި އަނެއް ފިޔަވަޅެވެ. މިކަމުގެ ސަބަބުން ކަޅު ބާޒާރުން ޑޮލަރުން ހޯދަން ނުޖެހި ދަތުރުވެރިންނަށް ކޮންމެވެސް ވަރަކަށް އެހީތެރިވެދޭނެ އެވެ. އެހެން ނަމަވެސް މިއީ ބޮޑު މައްސަލައަށް ލިބޭ ފަރުވާއަކަށް ނުވެދާނެ އެވެ.
ޑޮލަރު މާރުކުރުން ހަރުކަށިކޮށް ސިޔާސަތުތަކަށް ގެންނަމުންދާ ބޮޑެތި ބަދަލުތަކުގެ ފުރަގަހުގައި ވަރަށް ބޮޑު ސަބަބެއް ފޮރުވިފައި އެބަ އޮތެވެ.
ސަރުކާރުން އިގްތިސާދުގެ ދުވެލި މަޑުޖައްސާލަނީ އެވެ. އިގްތިސާދީ ދުވެލީގައި ގަސްތުގައި ބުރަކި ޖައްސަނީ އެވެ.
އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ނުވަތަ ޕީއެސްއައިޕީގެ ހަރަދުތައް ކުޑަކޮށް، ކޮންޓްރެކްޓަރުންނަށް ފައިސާ ދޫކުރުން ލަސްކުރުން ފަދަ ފިޔަވަޅުތައް ސަރުކާރުން އަޅާފައިވެ އެވެ. ބޭނުމަކީ ސަރުކާރުގެ ހަރަދުތަކުގެ ސަބަބުން ދައުރުވާ ފައިސާގެ ތެރެއަށް ނުކުންނަ ރުފިޔާ ނުވަތަ އިގްތިސާދުގައި ރުފިޔާ ދައުރުވާ ވަރު ކުޑަކުރުމެވެ.
މިކަން ކުރަނީ ކީއްވެ ހެއްޔެވެ؟ ކުރު ޖަވާބަކީ، ކޮންމެ ޑޮލަރެއް ރައްކާކުރުމެވެ. މިއީ މޭ 2026ގައި އަދާކުރަންޖެހޭ 500 މިލިއަން ޑޮލަރުގެ ސުކޫކް ދެއްކުމަށް ސަރުކާރުން ވަމުން އަންނަ ތައްޔާރީ އެވެ. އެއް ފަހަރާ ދައްކަން ޖެހޭ އެ ފައިސާ ދައްކާ ހަލާސްކުރުމަކީ މާލީ ގޮތުން ރާއްޖެއަށް ކުރިމަތިވާނޭ އެންމެ ބޮޑު އިމްތިހާނެވެ.
އިގްތިސާދު ހައިބަނޭޝަނަކަށް ގެންދިޔުމުގެ ނުރައްކާތައް ބޮޑުވާނެ އެވެ. ރިޒާވަށް ޑޮލަރު އިތުރު ކުރެވުނު ނަމަވެސް، އަމިއްލަ ވިޔަފާރިތަކާއި އިގްތިސާދުގެ ކުރިއެރުން ހުއްޓުމުން ވަޒީފާގެ ބާޒާރާއި އިގްތިސާދުގެ ކުރިއެރުމަށް ދިގު މުއްދަތުގައި ވަރަށް ނޭދެވޭ އަސަރުތަކެއް ކުރާނެ އެވެ.
އޯގަސްޓް މަހުގެ ފަހުން، ސެޕްޓެމްބަރުގައި ޓޫރިސްޓް ސީޒަން ފެށުމާ އެކު ކޮންމެވެސް ވަރެއްގެ ލުޔެއް ޑޮލަރުގެ އަގަށް ލިބިދާނެ އެވެ. ނަމަވެސް ޑޮލަރުގެ މާރުކުރުމުގެ ބާޒާރާ ގުޅުން ބަދަހި ރިސޯޓް ވެރިންގެ ޖަމްއިއްޔާ، މަޓީން ހިސާބުކޮށްފައިވާ ގޮތުގައި ޑޮލަރުގެ ރޭޓް 21ރ. މައްޗަށް ދިޔުން އެކަށީގެންވެ އެވެ.
މިއީ ސަމާސާކޮށް ނެގޭނޭ އަދަދެއް ނޫނެވެ. އެހެންވެ، ރޭޓް 21ރ.އާ ހަމައަށް ވެސް އަރައިދާނެ އެވެ.
ރާއްޖެއަށް ކުރަން ޖެހިފައި މި އޮތް އުނދަގޫ ދަތުތަކީ، ޒަމާނުއްސުރެ ކޮންމެހެން ވެސް ގެންގުޅެންޖެހޭ ސިޔާސަތުތަކަކާ ހުރެ އޭގެ ވޭންދެނިވި އަސަރުތަކާ ކުރިމަތިލާން ޖެހުމެވެ. ހިތި ބޭސް މި ދަނީ ބޮމުންނެވެ.
ޑޮލަރު 20ރ.އަށް އެރުން؛ މި ބޮނީ ހިތި ބޭސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ