އެސް26 އަލްޓްރާގައި ސޮނީގެ 200 މެގަޕިކްސެލް ކެމެރާއެއް ހިމަނަނީ
ސްމާޓް ފޯން އުފެއްދުމުގައި މަގުބޫލުކަން ހޯދައިފައިވާ ސެމްސަންގް ކުންފުނީގެ އެންމެ ފަހުގެ އެސް26 އަލްޓްރާގައި ސޮނީ ކުންފުނީގެ 200 އެމްޕީގެ ކެމެރާއެއް ހިމަނާނެކަން ޓެކް ރިޕޯޓްތައް ބުނެފިއެވެ. އަންނަ އަހަރުގެ ޖަނަވަރީ މަހު ނެރުމަށް ހަމަޖެހިފައިވާ ސެމްސަންގް ގެލެކްސީ އެސް26 ސީރީޒްއާ ގުޅޭ މައުލޫމާތުތައް މިހާރުން ފެށިގެން ދަނީ ލީކްވަމުންނެވެ. އެންމެ ފަހުގެ މައުލޫމާތުތައް ބުނާ ގޮތުގައި، އެސް26 އަލްޓްރާގެ މައި ކެމެރާއަށް ސެމްސަންގުން ބޭނުންކުރާނީ ސޮނީގެ އާ 200 މެގަޕިކްސެލްގެ ކެމެރާ ސެންސަރެކެވެ. މިފަދަ މައުލޫމަތުތައް ގެނެސްދޭ ޗައިނާގެ ޓިޕްސްޓަރަކު ހާމަކޮށްފައިވާ ގޮތުގައި، މިއީ 1/1.1-އިންޗީގެ ސެންސަރެކެވެ. މިއީ މިހާރު ބޭނުންކުރާ 1/1.3-އިންޗީގެ ސެންސަރަށްވުރެ ފާހަގަކޮށްލެވޭހާ ބޮޑު އަޕްގްރޭޑެކެވެ. ސެންސަރުގެ ސައިޒު ބޮޑުވުމުން ފޮޓޯގެ ފެންވަރު ރަނގަޅުވެ، އަލިކަން ކުޑަ ހާލަތްތަކުގައި ވެސް ސާފު ފޮޓޯ ނެގޭނެއެވެ. މިއީ ސެމްސަންގުން މިހާތަނަށް އެ ކުންފުނީގެ އަމިއްލަ 'އައިސޮސެލް' ސެންސަރުތައް ބޭނުންކުރުމުގެ އާދަ ދޫކޮށްލާކަމުގެ ނިޝާނަކަށް ވެސް ވެދާނެއެވެ. ކެމެރާގެ އިތުރުން، އެސް26 އަލްޓްރާއަށް ބާރު ލިބޭނީ ކުއަލްކޮމްގެ 'ސްނެޕްޑްރެގަން 8 އެލީޓް ޖެން 2' ޗިޕްސެޓުން ކަމަށާއި، 16ޖީބީގެ ރެމްއެއް ހުންނާނެ ކަމަށްވެސް ލީކްތައް ބުނެއެވެ. އަދި ލީކްތައް ބުނާގޮތުގައި އެ ފޯނުގައި 6.9-އިންޗީގެ ޑިސްޕްލޭއެއް ހުންނާނެ ކަމަށް ބެލެވޭއިރު، މިފޯނު ވޯޓާ ޕްރޫފް ވާނެއެވެ. ޚަބަރު ފެތުރިފައިވާ ގޮތުގައި، އަންނަ އަހަރު ސެމްސަންގުން އެސް ސީރީޒްގެ 'ޕްލަސް' މޮޑެލް އުފެއްދުން ހުއްޓާލައި، އެކުންފުނިން ނެރޭނީ އެސް26 އަލްޓްރާ އާއި އެކު އެސް26 އަދި އެސް26 'އެޖް' އެވެ. ފާއިތުވި އަހަރުތަކުގައި، ސްމާޓްފޯނު ކެމެރާގެ ދާއިރާގައި ސެމްސަންގްއިން ވަނީ އެންމެ ކުރީ ސަފުގައި ހިމެނިފައެވެ. އެކުންފުނީގެ އެންމެ ބާރުގަދަ 'އަލްޓްރާ' މޮޑެލްތަކަށް ޚާއްސަ ކެމެރާ ސިސްޓަމްތައް ތައާރަފުކުރުމަކީ އެކުންފުނީގެ މާކެޓިން ސްޓްރެޓެޖީގެ މުހިންމު ބައެކެވެ. މިހާތަނަށް ސެމްސަންގުން އެކުންފުނީގެ ފްލެގްޝިޕް ފޯނުތަކުގައި ބޭނުންކޮށްފައިވަނީ އެކުންފުނީގެ އަމިއްލަ އުފެއްދުމެއް ކަމަށްވާ 'އައިސޮސެލް' ކެމެރާ ސެންސަރުތަކެވެ. މިއީ ކެމެރާ ސެންސަރު އުފައްދާ ދުނިޔޭގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ ސޮނީ އާ ސީދާ ވާދަކުރާ އުފެއްދުމެކެވެ. އެހެންކަމުން، ސެމްސަންގުން އެކުންފުނީގެ އެންމެ މުހިންމު ފޯނު ކަމަށްވާ ގެލެކްސީ އެސް26 އަލްޓްރާއަށް ވާދަވެރި ސޮނީގެ ސެންސަރެއް ބޭނުންކުރާނެ ކަމުގެ އަޑުތައް ފެތުރުމަކީ، އެކުންފުނީގެ ސްޓްރެޓެޖީއަށް ބޮޑު ބަދަލެއް އަންނަ ކަމުގެ ހެއްކެކެވެ. މިކަމުން ދޭހަވެދާނެ އެއްކަމަކީ، އެންމެ ރަނގަޅު ފޮޓޯ ކޮލިޓީ ހޯދުމަށްޓަކައި އަމިއްލަ އުފެއްދުމުގެ ބަދަލުގައި އެވަގުތަކު ބާޒާރުގައި ހުރި އެންމެ ވަރުގަދަ ސެންސަރު ބޭނުންކުރުމަށް ސެމްސަންގުން އިސްކަންދެމުން އަންނަ ކަމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ