އައު ޓާމިނަލްގެ ފަސިންޖަރު ޗެކިން އާއި ބޯޑިން ސިސްޓަމްގެ ޓެކްނިކަލް ޓްރަޔަލް ކުރިއަށް ގެންގޮސްފި

ވެލާނާ އިންޓަނޭޝަނަލް
އެއާޕޯޓް (ވީއައިއޭ)ގެ އައު ޓާމިނަލް ހުޅުވުމަށް ވަމުން އަންނަ
ތައްޔާރީތަކުގެ ތެރެއިން ފަސިންޖަރު ޗެކިން ސިސްޓަމްތަކާއި ބޯޑިން ސިސްޓަމްތަކުގެ
ޓެކްނިކަލް ޓްރަޔަލްތައް ކުރިއަށް ގެންގޮސްފިއެވެ.
ވީއައިއޭ ހިންގާ އެމްއޭސީއެލުން ބުނީ މިއީ އާ ޓާމިނަލް
ހުޅުވުމުގެ ކުރިން ކޮންމެހެން ކުރިއަށް ގެންދަންޖެހޭ އޮރާޓް ޕްރޮސެސްގެ ތެރެއިން
ކުރިއަށް ގެންދިޔަ ޓްރަޔަލް އެއްކަމަށެވެ. މި ޓްރަޔަލްތައް ކުރިއަށް ގެންދަނީ
އެމްއޭސީއެލްގެ ކަމާބެހޭ ހުރިހާ ޑިޕާޓްމަންޓްތަކާއި ދިވެހިރާއްޖޭގެ ގައުމީ
އެއާލައިން, މޯލްޑިވިއަންއާ ގުޅިގެންނެވެ. އައު ޓާމިނަލް ހުޅުވުމާއެކު އެ ޓާމިނަލް އެންމެ ފުރަތަމަ ބޭނުންކުރާނީ ދިވެހި ޤައުމީ އެއާލައިން، މޯލްޑިވިއަންއެވެ.
މިދިޔަ ބްރާސްފަތި
ދުވަހު އެމްއޭސީއެލުން ވަނީ މޯލްޑިވިއަންގެ ޑިޕާޗާ ކޮންޓްރޯލް ސިސްޓަމާއި ބެގޭޖް ރިކޮންސިލިއޭޝަން
ސިސްޓަމްގެ އިތުރުން ބޯޑިން ޕްރޮސެސްގެ ޓްރަޔަލްތައް ކުރިއަށްގެންގޮސްފައެވެ. އެ ޓްރަޔަލްގައި ޗެކިން ކައުންޓަރުތަކުގައި ފަސިންޖަރުންގެ ކިއު
ސިސްޓަމް މެނޭޖުކުރާނެ ގޮތުގެ ޓްރަޔަލްއެއްވެސް ކުރިއަށް ގެންދިޔަ އެވެ. މި ދެ ޓްރަޔަލްވެސް ވަރަށް ކާމިޔާބުކަމަށް އެމްއޭސީލުން ބުންޏެވެ.
ވީއައިއޭ އައު ޓާމިނަލް ފަސެންޖަރުންގެ ޗެކިން ކައުންޓަރުގެ ޓްރަޔަލްގެ ތެރެއިން... ފޮޓޯ: އެމްއޭސީއެލް
ރާއްޖޭގެ މިނިވަން ކަމަށް 60 އަހަރު ފުރޭ މުނާސަބަތާ
ގުޅުވައިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމަށް
އެމްއޭސީއެލް އިން ތައްޔާރުވަމުން އަންނައިރު އާ ޓާމިނަލުން ފުރަތަމަ ހިދުމަތް
ދޭނީ މޯލްޑިވިއަންގެ ބައިނަލްއަގްވާމީ ދަތުރުތަކަށެވެ. އެއަށްފަހު އޮރާޓް
ޕްރޮސެސްގެ ތެރެއިން ފަހަރަކު އެއާލައިނެއްގެ ހިދުމަތް އާ ޓާމިނަލަށް ބަދަލު
ކުރާނޭކަމަށް އެމްއޭސީއެލުން ވަނީ ބުނެފައެވެ.
އައު ޓާމިނަލް ހުޅުވުން އޮންނާނީ ކުލަގަދަ ރަސްމިއްޔާތަކާއެކު ޖުލައި 26 ގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ