އެއްވެސް ބަޔަކު ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަމެއް ކުރުމަކީ ސަރުކާރުގެ ސިޔާސަތާ ހިލާފު ކަމެއް: މައުމޫން

އެއްވެސް ބަޔަކު ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަމެއް ކުރުމަކީ ސަރުކާރުގެ ސިޔާސަތާ ހިލާފު ކަމެއް ކަމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްއާރުއެމްގެ އިންތިގާލީ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
ރައީސް މައުމޫނު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެއްވެސް ބަޔަކު ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަމެއް ނިންމުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށެވެ. އަދި މިފަދަ ކަންކަމަކީ ސަރުކާރުގެ ޒީރޯ ޓޮލަރެންސް ސިޔާސަތާ ކަނޑައެޅިގެން ހިލާފުކަމެއް ކަމަށް ރައީސް މައުމޫނު ވިދާޅުވިއެވެ.
މިފަދައިން ރައީސް މައުމޫނު ވިދާޅުވިއިރު، މަގާމުގެ ނުޒޫފު ބޭނުން ކޮށްގެން، ކޮޕަރްޝަނަށް މަގުފަހިވާ ގޮތަށް އެކި މައްސަލަތަކުގައި ސަރުކާރުގެ އިސް ފަރާތްތަކުން ފުލުހުންގެ މަސައްކަތްތަކަށް ނުފޫޒު ފޯރުވާ ކަމުގެ ވާހަކަތަކެއް މިދުވަސްވަރު އާންމުންގެ ތެރޭ އަންނަނީ ދެކެވެމުންނެވެ. އެގޮތުން މަޖިލީހުގެ ބައެއް މެންބަރުންގެ އިތުރުން ފުލުހުންގެ ތެރޭ އިސް މަގާމުތަކުގައި ތިބި ބޭފުޅުންނަށްވެސް މަގާމުގެ ނާޖާއިޒު ފައިދާ ނަގާ ކަމުގެ ތުހުމަތުތައް ކުރެވިފައި ވެއެވެ.
މީގެ އިތުރުން ކޮވިޑް 19 އާ ގުޅިގެން ވެސް، ސަރުކާރުން ކޮރަޕްޝަންގެ އަމަލުތައް ހިންގާ ކަމުގެ ތުހުމަތުތަކެއް ފެންމަތިވެފައިވާއިރު، އޭސީސީން ވަނީ މިފަދަ ކަމެއް ފާހަގަ ވެއްޖެ ނަމަ ރިޕޯޓު ކުރުމަށް އެދިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ