ކޮވިޑް-19ގެ ބަލި މީހުންނަށް ފަރުވާދޭން ތާޖުއްދީން ސްކޫލް ތައްޔާރު ކުރަން ފަށައިފި

މާލެ ސަރަހައްދުގައި ކޮވިޑް-19 ޖެހިގެން ފަރުވާ ހޯދަމުންދާ މީހުންގެ އަދަދުތައް އިތުރުވާން ފެށުމާއެކު، ބަލި މީހުން ބައިތިއްބައިގެން ފަރުވާދޭ ފެސިލިޓީއެއްގެ ގޮތުގައި ތާޖުއްދީން ސްކޫލް ތައްޔާރު ކުރުމުގެ މަސައްކަތް ކުރަން ފަށައިފިއެވެ.
އެ މަސައްކަތުގައި އުޅެމުން ދަނީ އެސްޓީއޯއިންނެވެ.
އެސްޓީއޯއިން މިއަދު ބުނީ، އެ ކުންފުނިން، ތާޖުއްދީން ސްކޫލްގައި 19 އެނދުގެ ސެޓްއަޕެއް ތައްޔާރު ކުރަމުންދާ ކަމަށެވެ. އަދި މިއީ ކޮވިޑް-19 އަށް ފަރުވާ ދިނުމަށް ކެޕޭސިޓީ އިތުރު ކުރުމަށް ކުރަމުންދާ މަސައްކަތުން ބައެއް ކަމަށްވެސް އެސްޓީއޯއިން ބުނެފައި ވެއެވެ.
ރާއްޖޭގެ ހާލަތު އިތުރަށް ގޯސްވެއްޖެނަމަ ބަލި މީހުން އެޑްމިޓްކުރުމަށް ސްކޫލްތަކާއި އަމިއްލަ ހޮސްޕިޓަލްތައް ބޭނުންކުރަން ފަށަން ޖެހޭނެކަމުގެ ބިރު އެބައޮތްކަމަށް ކޮވިޑް-19 އާއި ގުޅޭ ކަންކަމުގައި އެޗްއީއޯސީ އަށް ލަފާއަރުވާ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕްގެ (ޓެގް) އިން ވަނީ ބުނެފައެވެ.
ރާއްޖޭގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު މިހާރު ވަނީ 7000 އަށްވުރެ މައްޗަށް އަރާފައެވެ. މީގެ ތެރެއިން 2,670 މީހަކަށް މިހާރުވެސް ދަނީ ފަރުވާދެމުންނެވެ. މީގެ ތެރެއިން 173 މީހަކަށް ފަރުވާދެމުން ދަނީ ހޮސްޕިޓަލްގައެވެ.
ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ތެރެއިން 28 މީހަކު ވަނީ ނިޔާވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ