އިޓަލީ ޑައިވަރުންގެ ހަށިތައް މިރޭ ގައުމަށް ގެންދަނީ

ވ. އަތޮޅުގެ ކަނޑުއަޑީގެ ހޮހަޅައަކަށް ފީނަނިކޮށް މިދިޔަ ހަފުތާގައި މަރުވި އިޓަލީގެ ޑައިވަރުންގެ ހަށިތައް މިރޭ އެ ގައުމަށް ފޮނުވަން ނިންމައިފި އެވެ.
ސަރުކާރުގެ ތަރުޖަމާން މުހައްމަދު ހުސެއިން ޝަރީފް (މުންދު) "މިހާރު" އަށް ވިދާޅުވީ ހަތަރު މީހުންގެ ހަށިގަނޑު ފޮނުވައި، ޕޯސްޓްމޯޓަމް ހެދުމަށް ފަހު އޭގެ ރިޕޯޓު ރާއްޖޭގެ ތަހުގީގީ ޓީމާ ހިއްސާކުރާނެ ކަމަށެވެ.
އެ އަތޮޅު އަލިމަތާ ކޭވް އަށް ޑައިވިނަށް ގޮސް އުޅެނިކޮށް އިޓަލީގެ ފަސް ޑައިވަރަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓުކުރީ މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު އެވެ. އޭގެ ތެރެއިން އެކަކު ހަށިގަނޑު އެ ދުވަހު ފެނުނެވެ. އޭގެ ފަހުން އޭނާގެ ހަށިގަނޑު ވަނީ ގައުމަށް ގެންގޮސްފަ އެވެ.
ބާކީ ތިބި ހަތަރު މީހުންގެ ހަށިގަނޑު ހޯދުމުގެ މަސައްކަތުގައި އުޅެނިކޮށް ކޯސްޓްގާޑުގެ ތަޖުރިބާކާރު ޑައިވަރު، މުހައްމަދު މަހުދީ ވަނީ މިދިޔަ ހޮނިހިރު ދުވަހު ނިޔާވެފަ އެވެ. އެއާއެކު، އެމްއެންޑީއެފްގެ އޮޕަރޭޝަން މެދުކަނޑާލި އެވެ.
އޭގެ ފަހުން، ރިކަވަރީ އޮޕަރޭޝަން ފެށީ ފިންލޭންޑުގެ ތަޖުރިބާކާރުން ޑައިވަރުންގެ ޓީމަކާ ގުޅިގެންނެވެ.
ގެއްލުނު ހަތަރު މީހުންގެ ތެރެއިން ފުރަތަމަ ދެ މީހުން ނެގީ މިދިޔަ އަންގާރަ ދުވަހު އެވެ. އަދި އެންމެ ފަހު ދެ މީހުން ހޮހަޅައިން ނެގީ މިދިޔަ ބުދަ ދުވަހު ނެގުމަށް ފަހު، ހަށިގަނޑު ބާއްވާފައި އޮތީ މޯޗަރީގަ އެވެ.
އެ ހާދިސާގައި މަރުވީ އިޓަލީގެ ބޯގޯމަނޭރޯގެ ޑައިވަރު ފެޑެރިކޯ ގުއަލްޓިއޭރީގެ އިތުރުން ޔުނިވަސިޓީ އޮފް ޖެނޯއާގެ ޕްރޮފެސަރު މޮނިކާ މޮންޓެފަލްކޯން އާއި އޭނާގެ އަންހެން ދަރިފުޅު ޖޯޖިއާ ސޮމާކަލް އާއި އިޓަލީގެ ޓޫރިންގެ މިއުރިއަލް އޮޑެނީނޯ އަދި އިޓަލީގެ ޕަޑުއާގެ ޖިއަންލޫކާ ބެނެޑެޓީ އެވެ. 
އެމްއެންޑީއެފުން ކުރިން ބުނެފައިވާ ގޮތުގައި، ޑައިވިން އިންސްޓްރަކްޓަރުގެ ހަށިގަނޑު ފެނުނީ ގާތްގަނޑަކަށް 60 މީޓަރު (197 ފޫޓް) އަޑިން ހޮހަޅައިގެ ތެރެއިންނެވެ.
ފަހުގެ ތާރީހެއްގައި ރާއްޖޭގައި ހިނގި ކަނޑުމަތީގެ އެންމެ ހިތާމަވެރި މި ހާދިސާއާ ގުޅިގެން އެ ޑައިވަރުން ދަތުރުކުރި ސަފާރީ "އެމްވީ ޑޫކް އޮފް ޔޯކް"ގެ އޮޕަރޭޓިން ލައިސަންސް ވެސް ޓޫރިޒަމް މިނިސްޓްރީން ވަނީ ސަސްޕެންޑު ކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ