ޑައިވަރުންގެ ހަށިގަނޑުތައް މިރޭ ފަތިހު އިޓަލީއަށް ފޮނުވާލަނީ

ވ. އަލިމަތާ ކައިރީގައި އޮންނަ ކަނޑު ހޮހަޅައިގެ ތެރޭ އިޓަލީގެ ޑައިވަރުންތަކެއް މަރުވި ހާދިސާގައި، ފަހުން ހޯދި ހަތަރު ޑައިވަރުންގެ ހަށިގަނޑުތައް މިރޭ ފަތިހު އިޓަލީއަށް ފޮނުވާލުމަށް ހަމަޖެހިފައިވާ ކަމަށް ދިވެހި ސަރުކާރުން ބުނެފިއެވެ.
ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) އާއި ހަވާލާދީ ދައުލަތުގެ މީޑިއާއިން ބުނެފައިވަނީ، އެ ހަތަރު މީހުންގެ ހަށިގަނޑުވެސް މިރޭ ފަތިހު އިޓަލީވިލާތަށް ފޮނުވާލުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި އެޤައުމުގައި ޕޯސްޓްމޯޓަމް ހެދުމަށްފަހު، އޭގެ ރިޕޯޓް ރާއްޖޭގެ ތަޙްޤީގު ޓީމާއި ހިއްސާކުރާ ގޮތަށް ނިންމާފައިވާ ކަމަށެވެ.
ވ.އަތޮޅަށް ޑައިވިނަށް ގޮސް އުޅެނިކޮށް އިޓަލީވިލާތުގެ ފަސް ޑައިވަރުން ގެއްލުނު ހާދިސާ ހިނގާފައިވަނީ، މިމަހުގެ 14 ވަނަ ދުވަހުއެވެ. އެމީހުންގެ ހަށިގަނޑުތައް ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑާއި، ފުލުހުންގެ ޚިދުމަތާއި އަދި އިޓަލީ ސަރުކާރުން ހަމަޖެއްސި ބޭރުގެ ތަޖުރިބާކާރު ޑައިވަރުން ގުޅިގެން އެ ހަތަރު މީހުންގެ ހަށިގަނޑު ލޮކޭޓްކޮށްފައިވަނީ، މިމަހުގެ 18 ވަނަ ދުވަހުއެވެ. މި މީހުންގެ ހަށިގަނޑުތައް ފެނިފައިވަނީ، އެމީހުން ޑައިވް ކުރި ކޭވްގެ ތެރެއިންނެވެ.
މި މީހުންގެ ތެރެއިން ދެ މީހެއްގެ ހަށިގަނޑު ކަނޑުގެ އަޑިން ނެގީ، މިމަހުގެ 19 ވަނަ ދުވަހުއެވެ. އަދި ބާކީ ތިބި ދެ މީހުންގެ ހަށިގަނޑު ނަގާފައިވަނީ، މިމަހުގެ 20 ވަނަ ދުވަހުގައެވެ.
ޑައިވަރުންގެ ހަށިގަނޑުތައް ހޯދުމަށް މަސައްކަތްކުރި ފިންލެންޑްގެ ޑޭން ޔޫރަޕުންވަނީ، މި ހާދިސާގައި އެ ހޮހަޅައިން ފެނުނު ތަކެއްޗާއި، އަދި އެމީހުންނަށް ހޯދުނު މައުލޫމާތާއި، ތަޙުޤީޤަށް ބޭނުންވެދާނެ ހެކި ދިވެހި ފުލުހުންނާ ޙަވާލުކޮށްފައިވާ ކަމަށް ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ