ދެކިޑްނީ ފެއިލްވެފައިވާ އަބްދުﷲ އަބްދުލް ރަހުމާންގެ ހާލަތާއި ބެހޭ ގޮތުން "ވަގުތު" ގައި ރިޕޯޓެއް ޝާއިއު ކުރިތާ ގަޑިއިރެއްގެ ތެރޭގައި އޭނާ އަށް ކިޑްނީ އެއް ހަދިޔާ ކުރުމަށް ޒުވާނަކު ޝައުގުވެރިކަން ފާޅުކޮށްފިއެވެ.
އަބްދުﷲ ގެ އާއިލާ އިން "ވަގުތަށް" މައުލޫމާތު ދެމުން ބުނީ އުމުރުން 23 އަހަރުގެ ޒުވާނަކު އާއިލާ އަށް ގުޅާ ކިޑްނީ ހަދިޔާ ކުރުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ. ކިޑްނީ ހަދިޔާ ކުރުމުގެ ބަދަލެއްގެ ގޮތުން އެއްވެސް ކަމެއް އެޒުވާނާ ޝަރުތު ކޮށްފައި ނުވާ ކަމަށާއި ޒުވާނާގެ ހަމައެކަނި އެދުމަކީ ކިޑްނީ ބަދަލު ކުރުމުގެ ތެރޭގައި ސިއްހީ މައްސަލައެއް ދިމާވެއްޖެ ނަމަ އެކަމަށް ފަރުވާ ކޮށްދިނުން ކަމަށް އަބްދުﷲ ގެ އާއިލާ އިން ބުންޏެވެ.
ކިޑްނީ ހަދިޔާ ކުރުމަށް ޝައުގުވެރިކަން ފާޅުކުރި ޒުވާނާ ވަނީ ނަން ހާމަނުކުރަން ޝަރުތުކޮށް "ވަގުތަށް" ވެސް މައުލޫމާތު ދީފައެވެ.
އެޒުވާނާ ބުނީ ކިޑްނީ ހަދިޔާ ކުރަން ބޭނުންވަނީ "ބޭނުން ޖެހިފައި ހުރި މީހަކަށް އެހީވާން" ބޭނުންވާތީއެވެ. މިއީ ބަދަލެއްގެ ގޮތުން އެއްޗެހިތަކެއް ހޯދަން ކުރަން ބޭނުންވާ ކަމެއް ނޫން ކަމަށާއި މިއީ ވަރަށް ހެޔޮނިޔަތެއްގައި ކުރަން ބޭނުންވާ ކަމެއް ކަމަށް އެޒުވާނާ ބުންޏެވެ.
އަބްދުﷲ އަށް ކިޑްނީ ހަދިޔާ ކުރަން ބޭނުންވާ ޒުވާނާ އާއި އަބްދުﷲ އާއި ދެމީހުންގެ ގައިގައި ވެސް ހުރީ އޯޕޮޒިޓިވް ލެޔެވެ. ނަމަވެސް ކިޑްނީ ބަދަލު ކުރެވިދާނެ ކަން އެނގޭނީ އަދި އިތުރު ޓެސްޓްތަކެއް ހެދުމަށް ފަހުއެވެ.
އަބްދުﷲ ގެ އާއިލާ އިން ބުނީ ޓެސްޓްތައް ހަދާ ކިޑްނީ ބަދަލު ކުރުމަށް ކުރަން ޖެހޭ ކަންތައްތައް ކުރިއަށް ގެންދާނެ ކަމަށެވެ.
އަބްދުﷲ ގެ އާއިލާ އިން ބުނީ ކިޑްނީ އެއް ހަދިޔާ ކުރަން ބޭނުންވާ ބޭފުޅަކު ހުރެއްޖެ ނަމަ އަދިވެސް އާއިލާ އަށް ގުޅުއްވައިގެން ކަންތައްތައް ކުރިއަށް ގެންދެވުމަށް އެބޭފުޅުން ވަރަށް ބޮޑަށް އެދިވަޑައިގަންނަވައެވެ.
އަބްދުﷲ ގެ އާއިލާ އިން ބުނީ "ވަގުތު" ގެ ރިޕޯޓާއި ގުޅިގެން ފައިސާގެ އެހީތައް ވެސް ދަނީ ލިބެމުންނެވެ. އަދި ފޯން ކޯލްތައް ވެސް ލިބެމުން އަންނަ ކަމަށް އާއިލާ އިން ބުންޏެވެ.
އަބްދުﷲ އަށް އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކުން، ތިރީގައިމިވާ ބޭފުޅުންނާއި ގުޅައިގެން އެހީގެ ކަންތައްތައް ހަމަ ޖެއްސުމުގެ ފުރުޞަތު އަބަދުވެސް ވަނީ ހުޅުވިފައެވެ. އެހީ ދެއްވުމަށް (9898009، 7525152 - ނަދީމް) އަށް ގުޅުއްވާށެވެ. އެކައުންޓަށް ޓްރާންސްފަރ ކުރައްވަން ބޭނުންވާ ފަރާތްތަކުން އެކައުންޓް 7701105966101 (އަބްދުﷲ އަބްދުއްރަހްމާން) ގެ އެކައުންޓަށް ޓްރާންސްފަރ ކޮށްދެއްވާށެވެ.
އަބްދުﷲ ގެ ރިޕޯޓް "ވަގުތު" ގައި ޝާއިއު ކުރިތާ ގަޑިއިރެއް ތެރޭގައި ކިޑްނީ ހަދިޔާ ކުރާނެ މީހަކު ލިބިއްޖެ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ