މިއަދު ވަދެ މިތިބީ ރައްޔިތުން އަޅުވެތި ކުރަން : ޝާހިދު

އަބުރު ރައްކާތެރި ކުރުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ބިލުގެ ސަބަބުން އެތައް ބައެއްގެ ހައްގުތައް ގެއްލިގެން ދާއިރު ބަހުސް ކުރުމަށް މިއަދު ވަދެ ތިބީ ރައްޔިތުން އަޅުވެތި ކުރުމަށް ކަމަށް ހެންވެއިރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށްދާ އަބުރުގެ ބަހުސްގައި ވާހަކަފުޅު ދައްކަވަމުން ޝާހިދު ވިދާޅުވީ މިހާރު ފާސްކުރުމަށް މަސައްކަތް ކުރާ އެ ބިލުގެ ސަބަބުން ރައްޔިތުންގެ ދުލުގައި ބޮޑު "ތަޅެއް" އެޅިގެންދާއިރު އެކަމަކީ ލަދުވެތި ކަމެއް ކަމަށެވެ.
"އަޅުގަނޑުމެން މިތަނަށް ވަދެ މިތިބީ ރައްޔިތުންގެ ދުލުގައި ބޮޑު ތަޅު އެޅުމަށް. މި ބިލު ފާސްކުރެވިދާނެ. އެއީ ނުވާނެ ކަމެއް ނޫން. އެކަމުވެސް ރައްޔިތުންގެ ހިތުގައެއް ތަޅެއް ނޭޅޭނެ،" ޝާހިދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެ މަސައްކަތަކީ ވައްކަމާއި ފަސާދައިގެ ވާހަކަތަކުގެ އަޑު ކަނޑުވާލުން ކަމަށެވެ. އެހެންނަމަވެސް އެކަންތަކުގެ އަޑު ކަނޑުވާލުމަށްފަހު އެކަންތައް އިތުރު އުސްމިނަކަށް ގެންދިޔުމަށް އެ ބިލު ބޭނުން ކުރާ ކަމަށް ޝާހިދު ވިދާޅުވިއެވެ.
ސިޔާސީ ދާއިރާއަށް ފަރާތްތަކުން ނުކުތުމަށްފަހު އެފަރާތްތަކުގެ އަބުރަކީ ރައްޔިތުންގެ އަތުގައިވާ އެއްޗެއް ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
"އެދާއިރާއަށް ނުކުތުމަށްފަހު އެ ފަރާތްތަކުންގެ އަބުރާ ހަވާލުވެ ތިބޭނީ ރައްޔިތުން. މި މަޖިލިހީގައި އަޅުގަނޑުގެ މަންމައާވެސް ބެހުނު. އޭރު އަޅުގަނޑު ވާނީ ރައްޔިތުންނާ އަބުރު ހަވާލުކޮށްފައި،" އޭނާ ވަނީ ވިދާޅުވެފައެވެ.
އަބުރު ރައްކާތެރި ކުރެވޭނީ ޝަރުއީ ކޯޓަކުން ނޫން ކަމަށައި އެހެން ނަމަވެސް ރައްޔިތުންގެ ކޯޓުން ކަމަށް އޭނާ ވިދާޅުވިއެވެ.
މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ކަމާއި ހަވާލުވެލެއްވުމަށްފަހު އަބްދުﷲ ޔާމިން ދައްކަވަން ޖެހިލައްވާ ވާހަކަފުޅުތައް އެނގޭނީ ރައްޔިތުންނަށް ކަމަށެވެ.
"ދައްކަވާނެ ވާހަކަފުޅުތަކެއް ރައީސް ޔާމިން އަކަށް ނޭނގޭނެ. ކަޅު ފައިސާ ގެނައި ވާހަކަ ވެސް ދެއްކެވީ މަނިކުފާނު އަމިއްލަފުޅަށް. ދެން އެވާހަކަ ދެއްކުމުން ރައްޔިތުންް ވަގަށް ގޮވީމަ އެއުޅެނީ ތަޅުއަޅުވަން،" މެމްބަރު ވިދާޅުވިއެވެ.
އަލީ ހުސައިން ވިދާޅުވީ މިއަދު އެ ބިލު ފާސްކުރެވިދާނެ ކަމަށެވެ. އެހެންނަމަވެސް ކުރިއަށް އޮތްތަނުގައި އެ ބިލުގެ ޝިކާރައަކަށްވާނީ ހުދު މެމްބަރުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"އެހެންކަމުން ހުރިހާ މެމްބަރުން މިކަމާ ދެކޮޅަށް ވޯޓު ދެއްވުން އެދެން،" އޭނާ ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ