ރާޖަސްތާން ބަލިކޮށް ގުޖުރާތުން އައިޕީއެލް ފައިނަލުގެ ފަހު ޖާގަހޯދައިފި

ނިއު ޗަންދީގަރު، އިންޑިއާ (މެއި 29) - ހަތް ވިކެޓުން ރާޖަސްތާން ރޯޔަލްސް ބަލިކޮށް ގުޖުރާތު ޓައިޓަންސް އިން ދުނިޔޭގެ އެންމެ ފޯރިގަދަ ފްރެންޗައިސް ކްރިކެޓް ލީގު، އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)ގެ ފައިނަލުގެ ފަހު ޖާގަ ހޯދައިފި އެވެ. 
ފައިނަލުގައި ގުޖުރާތުން ކުޅޭނީ ކޮލިފަޔާ 1 ގައި އެ ޓީމު އަތުން މޮޅުވި އެންމެ ފަހުގެ ޗެމްޕިއަން، ރޯޔަލް ޗެލެންޖާސް ބެންގަލޫރާ ދެކޮޅަށެވެ. އައިޕީއެލްގެ އެންމެ ފުރަތަމަ މުބާރާތް، 2008 ވަނަ އަހަރުގެ ޗެމްޕިއަން، ރާޖަސްތާނުން، ކޮލިފަޔާ 2 އިން ފުރުސަތު ހޯދީ އެލިމިނޭޓާގައި، ސަންރައިޒާސް ހައިދަރުއާބާދާ ދެކޮޅަށް ކުޅުނު މެޗުން، 47 ލަނޑުން މޮޅުވެގެންނެވެ. އެކަމަކު، 2022 ވަނަ އަހަރުގެ ޗެމްޕިއަންކަން، ހޯދި ގުޖުރާތު ކައިިރިން ރާޖަސްތާނަށް ކުރިހޯދޭ ގޮތެއްނުވި އެވެ. 
މަހަރާޖާ ޔަދަވިންދުރަ ސިންގް އިންޓަނޭޝަނަލް ކްރިކެޓް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި، ޓޮސް ދިމާވުމުން، ރާޖަސްތާނުން ނިންމީ ކުޅެން އަރާށެވެ. އެ ގޮތުން، ކުޅެން އަރައި، 20 އޯވަރުގެ ތެރޭގައި، ހަ ކުޅުންތެރިން ނުބައިވެގެން އެ ޓީމުން ވަނީ 214 ލަނޑު ހަދައިފަ އެވެ. މި މެޗުގައި ވެސް އެ ޓީމުގެ 15 އަހަރުގެ ތަރި، ވައިބަވް ސޫރްޔަވަންޝީ ވަނީ ތަފާތު ދައްކައިފަ އެެވެ. މި މެޗުގައި، އޭނާ ނުބައިވީ، 47 ބޯޅައިން 96 ލަނޑަށެވެ. އޭނާ ވަނީ މި މެޗުގައި އެއްކުރި ލަނޑުތަކާ އެކު، އައިޕީއެލް ތާރީހުގައި އެންމެ މަދު މެޗު ކުޅެގެން އެންމެ އަވަހަށް، 1000 ލަނޑު ހަމަކުރި ކުޅުންތެރިޔާގެ ރެކޯޑް ހަދައިފަ އެވެ.
ދެން، ރާޖަސްތާން ޓީމުން އެންމެ ރަނގަޅަށް ކުޅުނީ، ނުބައިނުވެ، 35 ބޯޅައިން 45 ލަނޑު ހެދި، ރަވިންދުރަ ޖަދޭޖާ އާއި 11 ބޯޅައިން 38 ލަނޑު ހެދި ޑޮނަވަން ފެރެއިރާ އެވެ. 
މި އިނިންސްގައި، ގުޖުރާތުގެ ކަގީސޯ ރަބާޑާ ވަނީ ހަަތަރު އޯވަރަށް ދެ ވިކެޓް ނަގައިފަ އެވެ. 
ޖަވާބުގައި ކުޅެން އަރައި، ގުޖުރާތުން ވަނީ، 18.4 އޯވަރުގެ ތެރޭގައި، ތިން ކުޅުންތެރިން ނުބައިވެގެން، 219 ލަނޑު ހަދައި، ނަތީޖާ އަނބުރާލައިފަ އެވެ. ގުޖުރާތަށް އެންމެ ބޮޑު ތަފާތެއް ދެއްކީ 53 ބޯޅައިން 104 ލަނޑު ހެދި، ޓީމުގެ ކެޕްޓަން، ޝުބްމަން ގިލް އެވެ. ދެން، އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ، ޝުބްމަންއާ އެކު، އޯޕަނިން ބެޓްސްމަނަކަށް އެރި، ސައި ސުދަރްސަން އެވެ. އެ ގޮތުން، ސުދަރްސަން ނުބައިވީ، 32 ބޯޅައިން 58 ލަނޑަށެވެ. 
ދުނިޔޭގެ އެންމެ ބޮޑު ކްރިކެޓް ސްޓޭޑިއަމް، ނަރެންދުރަ މޯދީ ސްޓޭޑިއަމްގައި ކުޅޭ މި ފަަހަރުގެ އައިޕީއެލް ފައިނަލުގައި، ބެންގަލޫރާއި ގުޖުރާތު ކުޅޭ މެޗު އޮންނާނީ އަންނަ އާދިއްތަ ދުވަހުގެރޭގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ