ވޯލްޑް ކަޕް 2026: ގަނާޗޯއަށް އާޖެންޓީނާގެ ސްކޮޑުން ފުރުސަތު ނުދިން މައްސަލަަ ހޫނުވެއްޖެ

އަންނަ ޖޫން މަހު ފަށާ ވޯލްޑް ކަޕަށް އެކުލަވާލި އާޖެންޓީނާގެ ސްކޮޑުން ޒުވާން ތަރި އަލެހަންދްރޯ ގަނާޗޯއަށް ފުރުސަތު ނުދިނުމާ ގުޅިގެން، ކޯޗު ލިއޮނަލް ސްކަލޯނީ އާއި ގަނާޗޯއާ ދެމެދު ބޮޑު މައްސަލައެއް އުފެދިއްޖެ ކަމަށް ރިޕޯޓްތައް ބުނެފިއެވެ. ޚަބަރުތައް ބުނާ ގޮތުގައި ގަނާޗޯ ވަނީ ސްކަލޯނީއަށް ފޯނުން ގުޅައި، އޭނާގެ ބަދަލުގައި ޖިއުލިއާނޯ ސިމިއޯނީ، ނިކޯ ޕާޒް އަދި ނިކޮލަސް ގޮންޒާލޭޒް ފަދަ ކުޅުންތެރިންނަށް ފުރުސަތު ދިން ސަބަބާ ބެހޭގޮތުން ސުވާލުކޮށްފައެވެ. މި ފޯނު ކޯލުގެ ތެރޭގައި ދެމީހުންގެ މެދުގައި ވަރަށް ބޮޑަށް ބަހުގެ ހަމަލާތަކެއް ބަދަލުކުރެވުނު ކަމަށް ރިޕޯޓުތައް ބުނެއެވެ. މި ފޯމް ކޯލުގައި ގަނާޗޯ ވަނީ މި ސީޒަނުގައި އޭނާ ދައްކާފައިވާ ކުޅުމަށާއި ހޯދާފައިވާ 'މޭން އޮފް ދަ މެޗް' އެވޯޑްތަކަށް އަލިއަޅުވާލާފައެވެ. ނަމަވެސް ސްކަލޯނީ ވަނީ ގަނާޗޯ ކުޅެފައިވާ މެޗުތަކުގައި އިދިކޮޅުން ނުކުތް ޓީމުތަކުގެ ފެންވަރާ މެދު ސުވާލު އުފައްދާފައެވެ. އަދި ގަނާޗޯ އޭނާގެ ކްލަބު އެފްއޭ ކަޕް ފައިނަލަށް ގެންގޮސްދިނުމަށް އެހީތެރިވި ކަމަށް ބުނުމުން، ސްކަލޯނީ އެކަމަށް މަލާމާތްކޮށް ހީފައިވާ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ. މި ދެބަސްވުމުގެ ތެރޭގައި، އަލުން ސްކޮޑަށް ނެގުމުގެ އެއްވެސް ފުރުސަތެއް އޮތްތޯ ގަނާޗޯ ސުވާލުކުރުމުން، ސްކަލޯނީ ވަނީ މަލާމާތުގެ ރާގަކަށް ދެ ގޮތެއް ހުށަހަޅާފައެވެ. އެއީ އާޖެންޓީނާގެ ޕްރެކްޓިސް ސެޝަންތަކުގައި ބޯޅަ ހޮވަން އުޅުން ނުވަތަ ކޮންމެ ދުވަހަކު ހެނދުނު މެސީއަށް 'ޔާބާ މާޓޭ' ތައްޔާރުކޮށްދިނުމުގައި އެހީތެރިވުމެވެ. ސްކަލޯނީގެ މި ޖަވާބާ ގުޅިގެން ގަނާޗޯ ވަރަށް ބޮޑަށް ރުޅިގަދަވެ ވަގުތުން ފޯނު ކަނޑާލާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. މި ހާދިސާއަށްފަހު، ގަނާޗޯ އޭނާގެ ފުޓްބޯޅަ ކެރިއަރުގައި އާ މިސްރާބަކަށް ދިއުމަށް ވިސްނަމުންދާ ކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ. މިގޮތުން، އޭނާގެ ނަމޫނާ ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯއާ އަލުން ގުޅުމަށްޓަކައި ސައުދީ އަރަބިއްޔާގެ އަލް ނަސްރަށް ބަދަލުވުމުގެ ފުރުސަތު އޮތް ކަމަށް ބައެއް މަސްދަރުތަކުން ދަނީ ބުނަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ