ލިވަޕޫލް (މެއި 29) - ފްރާންސްގެ ޑިފެންޑަރު، އިބްރާހިމާ ކޮނާޓޭ، ލިވަޕޫލާ އެކު ހަދާފައިވާ އެއްބަސްވުން އާ ކުރަން ކުރި މަސައްކަތުގައި ކުރިއެރުމެއް ނުފެނި އެންމެ ފަހުން ހިލޭ ޓްރާންސްފާއެއްގައި އެ ކްލަބް ދޫކޮށްލާ ގޮތަށް ނިންމާފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.
އުމުރުން 27 އަހަރުގެ ކޮނާޓޭ، ހިލޭ ޓްރާންސްފާއެއްގައި ކްލަބް ދޫކޮށްލާނަަމަ، އޭނާ ވެގެންދާނީ އެ ގޮތަށް މި ފަހަރުގެ ޓްރާންސްފާގައި ލިވަޕޫލުން ދާނެ ތިން ވަނަ ކުޅުންތެރިޔާ އަށެވެ.
އެ ގޮތުން، މިސްރުގެ ތަރި، މުހައްމަދު ސަލާހު އާއި ސްކޮޓްލެންޑްގެ ކެޕްޓަން، އެންޑީ ރޮބަޓްސަން ވެސް މި ޓްރާންސްފާގައި ލިވަޕޫލް ދޫކޮށްލާނީ ބަދަލުގައި އެއްވެސް ފީއެއް ލިވަޕޫލަށް ނުލިބޭ ގޮތަށް ހިލޭ އެވެ. އެއީ، ކޮންޓްރެކްޓް ނިމުމުންނެވެ. އަދި، ބްރެޒިލްގެ ގޯލްކީޕަރު، އެލިސަން ބެކާ ވެސް ލިވަޕޫލް ދޫކޮށްލާނެ ކަމުގެ އަޑުތަކެއް ވަނީ ފެތުރިފަ އެވެ.
ކޮނާޓޭގެ އެއްބަސްވުން އާ ކުރުމުގެ މަޝްވަރާތައް އެންމެ ފުރަތަމަ ލިވަޕޫލުން ފެށީ 2023 ވަނަ އަަހަރުގެ ނޮވެމްބަރު މަހު އެވެ. އެ ފަހުން، މެދުކެނޑުތަކެއް އައުމަށް ފަހު، މި ސީޒަނުގައި އަނެއްކާ ވެސް މަޝްވަރާތައް ފެށި އެވެ
މިދިޔަ މަހު ދިން މީޑިއާ އިންޓަވިއުއެއްގައި ކޮނާޓޭ ވަނީ ލިވަޕޫލާ އެކު އާ އެއްބަސްވުމުގެ ވާހަކަތައް ރަނގަޅަށް ކުރިއަށްދާ ކަމަށް ބުނެފަ އެވެ. އަދި، އެއްބަސްވުން އާ ކުރަން ތައްޔާރަށް ހުރި ވިސްނުމުގައި ކޮނާޓޭ ވާހަކަ ދައްކާފައިވީ ނަމަވެސް، ދެ ފަރާތުގެ މެދުގައި ދެކެވުނު ވާހަކަތަކަށް ސީޒަން ނިމުނުއިރު ވެސް ކުރިއެރުމެއް ނުލިބި، އެންމެ ފަހުން ކޮނާޓޭ މިހާރު ނިންމާފައިވަނީ، ލިވަޕޫލް ދޫކޮށްލަން ކަމަށް އިނގިރޭސި ގިނަ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.
ޖަރުމަނުގެ އާރްބީ ލައިޕްޒިގުން 2021 ވަނަ އަހަރު 40 މިލިއަން ޑޮލަރަށް ލިވަޕޫލަށް ބަދަލުވި ކޮނާޓޭގެ ފޯމަށް ވަރަށް ބޮޑަށް އަސަރުކޮށްފައިވާއިރު، މި ސީޒަން ނިމުމުން އޭނާ ހިލޭ ޓްރާންސްފާއެއްގައި ރެއާލް މެޑްރިޑަށް ބަދަލުވުމުގެ ވާހަކަތައް ސްޕެއިނުގެ މީޑިއާގައި ދެކެވެ އެވެ. ފްރާންސްގެ ނޫސްތަކުން ރިޕޯޓްކުރާގޮތުގައި ކޮނާޓޭ ގެންނަން ޕީއެސްޖީން ވެސް މަސައްކަތް ކުރުމުގެ ފުރުސަތު އެބައޮތެވެ.
ލިވަޕޫލާ އެކު، ޕްރިމިއާ ލީގާއި އެފްއޭ ކަޕް އަދި ލީގު ކަޕްގެ ޗެމްޕިއަންކަން ހޯދި ކޮނާޓޭ ވަނީ އެ ޓީމަށް ކުޅެދިން 183 މެޗުން ހަތް ލަނޑު ޖަހައި، ހަތަރު ލަނޑު ޖަހަން ފުރުސަތު ހޯދައިދީފަ އެވެ.
އެއްބަސްވުމަކަށް ނާދެވުމުން ކޮނާޓޭ ހިލޭ ޓްރާންސްފާއެއްގައި ލިވަޕޫލް ދޫކޮށްލަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ