ދާއިރާގެ ރައްޔިތުން ބޭނުންވެއްޖެ ނަމަ މެންބަރުކަމުން ވަކިކުރެވޭނެ ބިލެއް މަޖިލީހަށް ވައްދަނީ

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެ މެންބަރަކު އިންތިޚާބުވި ދާއިރާގެ ރައްޔިތުންގެ ވިންދާ ދެކޮޅަށް މަސައްކަތް ކުރާ ނަމަ، ދާއިރާގެ ރައްޔިތުން ބޭނުންވެއްޖެ ހިނދެއްގައި މަޖިލީހުގެ މެންބަރުކަމުން ވަކިކުރެވޭނެ ގޮތްތަށް މަޖިލީހަށް ބިލެއް ހުށަހެޅުމަށް ގައުމީ ހަރަކާތުން ނިންމައިފި އެވެ.
ގައުމީ ހަރަކާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ގައުމީ ހަރަކާތުގެ މެންބަރު އަހުމަދު ޝަމީމް ވިދާޅުވީ މަޖިލީހުގެ ބައެއް މެންބަރުންގެ އަމަލުތައް ހުންނަނީ އެ މެންބަރުން އިންތިޚާބު ކުރި ދާއިރާގެ ރައްޔިތުންގެ ވިސްނުމާ ދެކޮޅަށް ކަމަށެވެ. އެހެންކަމުން ދާއިރާގެ ގިނަ ރައްޔިތުން ބޭނުންވެއްޖެ ނަމަ އެ ދާއިރާގެ މެންބަރު ވަކިކުރެވޭ ގޮތަށް ބިލެއް ޑްރާފްޓްކޮށް މަޖިލީހަށް ހުށަހެޅުމަށް ނިންމީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ދާއިރާގެ ބޭފުޅުންނަށް ހިތްހަމަ ނުޖެހޭ ގޮތަށް މަސައްކަތްތައް ހުންނަ މެންބަރުންނާ ދޭތެރޭގައި އެ ދާއިރާގެ ގިނަ ބޭފުޅުން ބޭނުންފުޅުވެއްޖެ ހިނދެއްގައި އެ މެންބަރަކު އަނބުރާ ގެންދިއުން ނުވަތަ އެ މެންބަރެއްގެ ގޮނޑި ގެއްލޭ ފަދަ ބިލެއް ހުށަހެޅުން. ރައްޔިތުން ހިތްހަމަނުޖެހޭ މެންބަރުންގެ ގޮނޑި ގެއްލޭ ފަދަ އިންތިޒާމެއް ހަމަޖެހެން ދެން މަސައްކަތް ހުއްޓާނުލާ ކުރިއަށް ގެންދާނަން.،" ޝަމީމް ވިދާޅުވި އެވެ.
ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވީ އެ ބިލް މިހާރު ވަނީ ޑްރާފްޓްކޮށްފައި ކަމަށާއި އެ ބިލް މަޖިލީހަށް ހުށަހަޅައިދިނުމަށް އެދި ގައުމީ އިއްތިހާދަށް ނިސްބަތްވާ މަޖިލީސް މެންބަރުންނާ މިހާރު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ބާރު ރައްޔިތުންގެ އަތްމަތިން ގެއްލިއްޖެ ކަމަށާއި އެކަން ހައްލު ކުރަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެކަށީގެންވާ ފުޅާދާއިރާއެއްގައި އިއްތިހާދު މެންބަރުންނާ މަޝްވަރާ ނުކުރެވޭތީ އަދި ބިލް ހުށަނޭޅިގެން މިއުޅެނީ. ބިލްގެ ޑްރާފްޓް މިހާރު އޮތީ އެކުލަވާލެވިފައި. ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ކޮންމެ ގޮތަކަށް އުޅުނަސް އެބޭފުޅުން ޒިންމާދާރު ކުރެވޭނެ ގޮތެއް ނެތް. ހަގީގަތުގައި ރައްޔިތުންގެ މަޖިލީހުގެ ބާރު ރައްޔިތުންގެ އަތްމަތިން ގެެއްލިފައި މި އޮންނަނީ،" އިމްރާން ވިދާޅުވި އެވެ.
ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މަދަނީ އިއްތިހާދުގެ ނާއިބް ރައީސް މުހައްމަދު ދީދީ ވިދާޅުވީ އެހެނިހެން މުއައްސަސާތަކާ ސުވާލުކޮށް ޒިންމާދާރު ކުރެވޭ އިރު ރައްޔިތުންގެ މަޖިލީސް ޒިންމާދާރު ކުރެވޭނެ ގޮތެއް ނެތްކަމަށެވެ. އަދި ރައްޔިތުން އިންތިޚާބު ކުރާ ބައެއްގެ ގޮތުގައި މަޖިލީހުގައި ތިއްބަވާ އިރު ރައްޔިތުންގެ ވިންދާ އެއްގޮތަށް މެންބަރުން މަސައްކަތް ކުރަމުން ނުދާކަމަށާއި ރައްޔިތުންގެ ކުރިމަތީގައި ޖަވާބުދާރީ ކުރެވޭ ބަޔަކަށް މެންބަރުން ވާން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ރައްޔިތުން ތަމްސީލް ކުރާ މެންބަރުންގެ ގޮތުގައި ތިއްބަވަނީ އެކަމަކު ރައްޔިތުންނަށް ފައިދާ ހުރި ގޮތަކަށް ކަންތައް ކުރެވިގެންދާ ތަނެއް ނުފެނޭ. ރައްޔިތުންގެ ވިންދާ އެއްގޮތަށް ނޫން މަސައްކަތް ކުރަނީ. މިކަން ހައްލު ކުރަން ޖެހޭނެ. އެއީ އެންމެ މަތީގައި ތިބި ބައެއް ނޫން. ރައްޔިތުންގެ ކުރިމަތީގައި ޖަވާބު ދާރީ ކުރެވޭ ބަޔަކަށް މެންބަރުން ވާންޖެހޭނެ،" މުހައްމަދު ދީދީ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ