ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އަނބުރާ ދައްކަވާ ގޮތަށް ނެންގެވި ކަމަށް ބުނާ 29 މިލިއަން ރުފިޔާ އިންޓްރެސްޓް އާއި އެކު 59 މިލިޔަން ރުފިޔާ މާފުކޮށް، ފުލުހުންނަށް ހުށަހެޅުއްވި މައްސަލަ އަނބުރާ ނެންގެވުމަށް ޑީއާރުޕީގެ ލީޑަރު، ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު މިއަދު ނިންމަވައިފި އެވެ.
ނިމި ދިޔަ ރިޔާސީ އިންތިޚާބުގެ ތެރޭގައި މައުމޫން 29 މިލިއަން ރުފިޔާ އޭނާގެ އަތުުން ނަންގަވައި އެ ފައިސާ ނުދެއްވި ކަމަށް ޖާބިރު ވިދާޅުވި ނަމަވެސް މައުމޫން އުފައްދަވާ ޕާޓީ، އެމްއާރުއެމް އިން ވަނީ އެކަން ދޮގުކޮށްފަ އެވެ.
ޖާބިރު "ވަގުތު" އަށް ވިދާޅުވީ މައުމޫނާ ދެކޮޅަށް ފުލުސް އޮފީހަށް ހުށަހެޅުއްވި މައްސަލަ އަނބުރާ ނެންގެވީ ޖާބިރުގެ މަންމަ މަރިޔަމް މަނިކުގެ އެދިވަޑައިގަތުމަކަށް ކަމަށެވެ. އަދި މަންމަގެ އެދިވަޑައިގަތުމަށް ފުރަގަސް ދެއްވަން ބޭނުން ނުވާތީ، މައުމޫނަށް މާފުކޮށްފައިވާ ކަމަށް ވެސް ޖާބިރު ވިދާޅުވިއެވެ.
"މަންމަ އަޅުގަނޑު ކައިރީ ބުނީ ދެން އިތުރަށް މައުމޫނު ތަންތަނަށް ދަމާނޭ ކަމެއް ނެތޯ. އެހެންވީމާ އަޅުގަނޑު ވަގުތުން ވަގުތަށް މައުމޫނަށް މާފުކޮށްފިން" ޖާބިރު ވިދާޅުވިއެވެ.
ޖާބިރު ވިދާޅުވި ގޮތުގައި އޭނާގެ މަންމަ ގުޅުއްވާފައި، މައުމޫނާ އިދިކޮޅު ނުވުމަށް ވަނީ ނަސޭހަތް ދެއްވާފައެވެ. އެހެންވެ، މިއަދުން ފެށިގެން މައުމޫން ދައްކަވަން ޖެހޭ ލޯނެއް ނޯންނާނެ ކަމަށް ޖާބިރު ވިދާޅުވި އެވެ.
"މައުމޫން ވިދާޅުވީ އަޅުގަނޑުގެ ގާތުގައި އެ ފައިސާ ބޭނުން ކުރެއްވީ ޑިމޮކްރަސީ ގެނައުމަށޭ. އެހެންވީމަ އެ ފައިސާ ބޭނުން ކުރެއްވީ ރައްޔިތުންނަށް ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ،" ޖާބިރު ވިދާޅުވި އެވެ.
މައުމޫނާ ދެކޮޅަށް ޖާބިރު ފުރަތަމަ މައްސަލަ ހުށަހެޅުއްވުމުން ފުލުހުން އެ މައްސަލަ ބަލައިގެންފައެއް ނުވެއެވެ. އެހެން ނަމަވެސް ދެވަނަ ފަހަރަށް އެމައްސަލަ ހެއްކާއި އެއްކޮށް ހުށަހެޅުމުން މައްސަލަ ބެއްލެވުމަށްޓަކައި އޭނާ ފުލުސް އޮފީހަށް ވެސް ވަނީ ހާޒިރު ކުރެވިފައެވެ. އެކަމަކު، މައުމޫން ފުލުސް އޮފީހަށް ހާޒިރުވެވަޑައިނުގަތުމުން ތަހުގީގު ކުރިޔަށް ގެންދިޔުމަށް އެއްވެސް ވާހަކައެއް ނުދައްކަވަ އެވެ.
މީގެ އިތުރުން ޖާބިރު ވިދާޅުވީ އޭނާގެ މަންމައަކީ ގއ.ކޮލަމާފުށި މީހެއް ކަމަށާއި މައުމޫނަކީ ވިލިނގިލި ބޭފުޅެއް ކަމަށެވެ. ދެ ބޭފުޅުންވެސް ހުވަދޫ އަތޮޅަށް ނިސްބަތް ވުމުން ތިމާގެ ވާނޭ ކަމަށްވެސް ޖާބިރު ވިދާޅުވިއެވެ.
މިހާރު ޖާބިރަކ،ީ މައުމޫނު އެންމެ ފުރަތަމަ އުފެއްދި ޕާޓީ ކަމަށްވާ ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) ގެ ވެރިޔާއެވެ.
މައުމޫން ނެންގެވި 29 މިލިއަން ރުފިޔާގެ ދަރަނި ޖާބިރު މަޢާފުކޮށްދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ