ސީޕީ ދެއްވީ ވަރަށް ބިރުވެރި މައުލޫމާތުތަކެއް - މައުމޫން

ރާއްޖޭގައި ދީނީ ގޮތުން ހައްދުފަހަނައަޅާފައިވާ މީހުންނާއި ގުޅޭ ގޮތުން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ދެއްވީ ވަރަށް ބިރުވެރި މައުލޫމާތުތަކެއް ކަމަށް ކުރީގެ ރައީސް މައުމޫން ވިދާޅުވެއްޖެއެވެ.
ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު އިއްޔެ ވަނީ ހައްދުފަހަނައަޅާފައިވާ މީހުންނާއި ގުޅޭ ގޮތުން މީގެ ކުރިން އެއްވެސް ރަސްމީ އިދާރާއަކުން ހާމަނުކުރާ ބައެއް މައުލޫމާތުތައް ހާމަކުރައްވާފައެވެ.
ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު އިއްޔެ ވިދާޅުވީ އިސްލާމްދީނުގެ ނަމުގައި އަނިޔާވެރި އަމަލުތައް ހިންގާ އައިއެސްގެ ފިކުރަށް ތަބާވެ، އެ ފިކުރުގެ ދިފާއުގައި ޖެހިގެން ހުންނަ މީހާ މަރާލަން ފަސްނުޖެހޭ މިންވަރަށް ހައްދުފަހަނާޅާފައިވާ 1،400 އެއްހާ ދިވެހިން އެބަތިބި ކަމަށެވެ.
އެވާހަކަފުޅަށް އިޝާރާތް ކުރައްވަ މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގައި އައިއެސްގެ ފަރާތުން ހިންގާ ނިރުބަވެރި ހަރަކާތް ތަކާ ބެހޭގޮތުން ޕޮލީސް ކޮމިޝަނަރ ދެއްވީ ވަރަށް ބިރުވެރި މަޢުލޫމާތު ތަކެއް ކަމަށާއި މުޅި ގައުމު އެކަމަށް ސަމާލު ވާން ޖެހޭ ކަމަށެވެ.
"ރާއްޖޭގައި އައި އެސް ގެ ފަރާތުން ހިންގާ ނިރުބަވެރި ހަރަކާތް ތަކާ ބެހޭގޮތުން ޕޮލީސް ކޮމިޝަނަރ މިއަދު ދެއްވީ ވަރަށް ބިރުވެރި މަޢުލޫމާތު ތަކެއް. މުޅި ގައުމު ސަމާލު ވާން ޖެހޭ." މައުމޫން ވިދާޅުވިއެވެ.
އައިއެސްގެ ލީޑަޝިޕުން ވާގިވެރިވެ، ސީރިއާގައި ހުރި ދިވެއްސަކު އިސްވެ 2017 ގައި ރާއްޖޭގައި ވައިގެ މަގުން ބޮން ގޮއްވާލަން އުޅުނު ކަމަށް ވެސް އިއްޔެ ޕޮލިސް ކޮމިޝަނަރު ވިދާޅުވިއެވެ.
ޕޮލިސް ކޮމިޝަނަރ މުހައްމަދު ހަމީދު ވިދާޅުުވީ އެ އައިއީޑީ ހެދީ އައިއެސްގެ އިރުޝާދާ އެކު މާލޭގައި ތިބި ދިވެހިންތަކެއް ކަމަށެވެ. އެކަން ނާކާމިޔާބުކޮށްލީ ދިވެހި ފުލުހުންނާއި ސިފައިންގެ އިތުރުން ނެޝެނަލް ކައުންޓަ ޓެރަރިޒަމް ސެންޓަރު ގުޅިގެންމަށް އޭނާ ވިދާޅުވި އެވެ.
ޕޮލިސް ކޮމިޝަނަރ ވިދާޅުވީ އެ އޮޕަރޭޝަންގައި ދުނިޔޭގެ ވަރުގަދަ ފަސް ގައުމަކުން ވެސް ބައިވެރިވި ކަމަށެވެ. "އެއީ، 2017 ގައި މުޅި ދުނިޔޭގައި ހިންގުނު އެންމެ ބޮޑު ކައުންޓަ ޓެރަރިޒަމް، އިންޓެލިޖެންސް އަދި އިންވެސްޓިގޭޝަންގެ އޮޕަރޭޝަން،" އޭނާ ވިދާޅުވި އެވެ.
ނަމަވެސް އޭގެ އިތުރު ތަފްސީލެއް ކޮމިޝަނަރު ނުދެއްވަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ