ވޯލްޑް ކަޕްގައި، ބައެއް ފަހަރަށް، ގިނަ ބައެއްގެ ލޯބި ހޯދާ އާ ޓީމުތައް ފެނެ އެވެ. މިފަހަރުގެ މުބާރާތުގައި އެއީ ކޭޕް ވާޑޭ އެވެ. ފުރަތަމަ ފަހަރަށް ކޮލިފައިވެ މިއަދު ސައުދީ އަރަބިއްޔާއާ އެއްވަރުކޮށް، ދެވަނަ ބުރުން ޖާގަ ވެސް ހޯދީ އެވެ.
ސްޕެއިން ވެސް ހިމެނޭ ގްރޫޕް އެޗުގެ ފަހު ދެ މެޗުގައި ސްޕެއިން އަތުން އުރުގުއޭ 1-0 އިން ބަލިވުމާ އެކު ކޭޕް ވާޑޭއަށް ފުުރުސަތު ލިބުނީ ތިން ޕޮއިންޓާ އެކު ގްރޫޕްގެ ދެވަނަ ހޯދައިގެންނެވެ. މިއީ މިފަހަރުގެ މުބާރާތުގައި އެންމެ ތިން ޕޮއިންޓާ އެކު ގްރޫޕެއްގެ ދެވަނަ ލިބުނު ފުރަތަމަ ޓީމެވެ.
މިއަދުގެ މެޗުން މޮޅުވެގެން ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު ސައުދީއަށް ވެސް އޮތެވެ. ނަމަވެސް ކޭޕް ވާޑޭ ކައިރީގައި ސައުދީއަށް މޮޅުވެވޭ ކަހަލަ ކުޅުމެއް، ނުރައްކާތެރި ދެ ހަމަލާއެއް ދިން ނަމަވެސް، ނުކުޅެވުނެވެ. އޭގެ ބަދަލުގައި ހުރިހާ ގޮތަކުން ވެސް ނުރައްކާކުރީ، ބައި މިލިއަން މީހުންގެ އާބާދީއެއް އޮންނަ ކޭޕް ވާޑޭ އެވެ.
އެފްރިކާއަަށް ނިސްބަތްވާ ކޭޕް ވާޑޭ ވޯލްޑް ކަޕަށް ކޮލިފައިވި ފުރަތަމަ ފަހަރު ގަދަނ 32ގައި ހިމެނުމަކީ މުބާރާތުގެ ތާރީހުގައި ވެސް ވަރަށް މަދުން ނޫނީ ނުލިޔެވޭނެ ތަދު ވާހަކައެކެވެ. ފުރަތަމަ މެޗުގައި ސްޕެއިންއާ 0-0އިން އެއްވަރުވި ހިސާބުން އެ ޓީމަށް ލިބުނު ސަމާލުކަން ބޮޑެވެ.
މިހާރު ކޭޕް ވާޑޭއަށް އޮތީ ލިއޮނެލް މެސީ ހިފެހެއްޓުމެވެ. ނޮކްއައުޓް ބުރުގައި އާޖެންޓީނާއާ ދެކޮޅަށް ނުުކުންނާނީ 3 ޖުލައިގަ އެވެ.
ސައުދީއަކީ ވޯލްޑް ކަޕްގައި ކުޅުނު ނިސްބަތަށް ބަލާއިރު ނަތީޖާ ދަށް ގައުމެކެވެ. މިސާލަކަށް 1994ގައި އޮތް ވޯލްޑް ކަޕްގެ ގްރޫޕް ދެ މެޗު ކާމިޔާބުކުރި ފަހުން ދެން ކުޅުނު ހުރިހާ މުބާރާތެއްގެ ޖުމްލަ 18 މެޗުގެ ތެރެއިން މޮޅުވެވުނީ އެންމެ ދެ މެޗުންނެވެ. އޭގެ ތެރޭގައި 2022ގެ ވޯލްޑް ކަޕްގައި އާޖެންޓީނާ ބަލިކުރުން ހިމެނެ އެވެ.
ކޭޕް ވާޑޭ، އެންމެންގެ ލޯތްބާ އެކު، ދެވަނަ ބުރަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ