އިބޫއަށް ވޯޓްދެއްވާ، ދެން އުފެދޭނީ ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް: ފާރިސް މައުމޫން

ރިޔާސީ އިންތިޚާބުގައި އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސާލިހަށް ވޯޓްދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން ގޮވާލައްވައިފިއެވެ.
މިވަގުތު ޖަލު ބަންދެއްގައި ހުންނެވި ފާރިސް މައުމޫންގެ ފަރާތްޕުޅުން ނެރުއްވާފައިވާ ބަޔާނެއްގައި ވިދާޅުވެފައިވަނީ އަންނަ އާދީއްތަ ދުވަހު ނެގޭ ވޯޓުގައި ބަދަލުވެގެންދާނީ ހަމައެކަނި ވެރިކަން ކުރާ ފަރާތެއް ނޫންކަމަށާ މާތް ﷲ ގެ އިރާދަފުޅުން، އެދުވަހު ދިވެހިން އަލްވަދާއު ކިޔާނީ ދިވެހީން ބައިބައިކުރުވާ، ފިތުނަވެރިކަން އުފައްދާ ޘަޤާފަތަކަށްކަމަށެވެ. އަދި އެދުވަހު ދިވެހިން މަރްހަބާ ކިޔާނީ ތަސައްރަފު ފުދިފައިވާ ސިޔާސީ ވެއްޓަކަށްކަމަށް ފާރިސްގެ ބަޔާންގައި ވިދާޅުވެފައިވެއެވެ.
ދިވެހިންނަކީ ދާއިމަށް ދެފަޅިއަކަށް ނުވަތަ އެއަށްވުރެ ގިނަ ފަޅިއަށް ބަހާފައިތިބޭ ބަޔަކަށް ވާންނުޖެހޭކަން ފާހަގަކުރައްވާ ފާރިސްގެ ބަޔާނުގައި ވިދާޅުވެފައިވަނީ އަސާސީ ހައްގުތަކާ ޚިދުމަތްތައް ހޯދުމަށްޓަކައި، ވަކި ބޭފުޅެއްގެ ކުޑައިގެ ހިޔާވަހިކަން ހޯދުމަށް، ނުވަތަ ވަކި ކުލައެއްގެ ދިދައެއްގެ ފަހަތަށް މަޖްބޫރުވުމަކީ ބޭނުންވާ ގޮތެއް ނޫންކަމަށާ އިސްލާމްދީނާއި ގައުމުގެ ހައްގުގައި މަސައްކަތް ކުރުމަކީ އެއްވެސް އެއްބައެއްގެ މޮނޮޕޮލީއެއް އޮންނަ ކަމެއް ކަމުގައިވެސް ދިވެހިންނެއް ނުދެކޭކަމަށެވެ.
"އަޅުގަނޑުމެންގެ މުޖްތަމައު ޑިމޮކްރަޓައިޒް ވެއްޖެއެވެ. ދިވެހިންގެ މަސްލަހަތު ނެތްގޮތަކަށް މަސައްކަތްކުރާ ބަޔަކާ ދެކޮޅަށް ދިވެހިންގެ ތެރެއިން ތެދުވާނެ ބަޔަކު ދެން އަބަދުވެސް ތިބޭނެކަން ރައްޔިތުންނަށް ކަށަވަރު ވެއްޖެއެވެ. ނުފޫޒާ ބާރުގެ ކުރިމަތީގައި ހައްގުބަސް ބުނާ މަޖިލިސް މެންބަރުންގެ މިސާލުންނެވެ. ވަރަށް ފޯރައިގެން ދޫދެއްވި ހަތަރު ލީޑަރުންގެ ހިތްވަރުންނެވެ." ފާރިސްގެ ބަޔާންގައި ވިދާޅުވެފައިވެއެވެ.
މިއަދު، ވޯޓު ހޯދުމުގެ ނިޔަތުގައި، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ މެންބަރުންނަކީ އެމްޑީޕީ ދެކެ ބިރުގަންނަ ބައެއް ކަމުގައި ބަލައިގެން މަސައްކަތް ކުރާކަމީ އެކަމާ އިންތިހާއަށް ލަދުގަންނަ ކަމެއްކަން ފާހަގަކުރައްވާ ޕީޕީއެމްގެ އާންމު މެންބަރުންނަކީ، ހުރިހާ ދިވެހި ރައްޔިތުންނާމެދު ލޯތްބާއި އިހްތިރާމާއެކު ދެކޭ، އުންމީދީ މުސްތަގްބަލް ދެކެން ބޭނުންވާ، ކެރޭ، އިޚްލާސްތެރި ބައެއްކަމަށް ފާރިސް ވިދާޅުވެފައިވެއެވެ.
23 ސެޕްޓެމްބަރުގެ ވޯޓަށްފަހު، އިރާދަކުރެއްވިއްޔާ އުފެދޭނީ ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއްކަމަށާ ރާއްޖޭގެ ކަންކޮޅުތަކުގައާއި، ސިޓީތަކުގައާއި، ރަށްރަށުގައި، ސިޔާސީ އެކި ޕާޓީތަކަށް ނިސްބަތްވާ މީހުންގެ މެދުގައިވެސް އެކުވެރިކަމާއި ހަމަޖެހުން ބަދަހިވެ، ރަށުގެ ތަރައްގީއާއި ގައުމުގެ ކުރިއެރުމުގައި އެކުގައި މަސައްކަތްކުރާ މަންޒަރު މިހާރުވެސް ފެންނަމުންދާކަމަށް ފާރިސް ވިދާޅުވިއެވެ.
މިކަން ހަގީގަތަކަށް ހެދުމަށްޓަކައި، އަންނަ އާދީއްތަ ދުވަހު، ކެންޑިޑޭޓް ނަންބަރު 2 އިބްރާހީމް މުހަންމަދު ސާލިހަށް، ފާރިސްގެ މި މެސެޖް ލިބިވަޑައިގަތް ހުރިހާ ބޭފުޅުންވެސް ވޯޓު ދެއްވުމަށް ވަނީ އިލްތިމާސްކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ