މާދަމާ ބާއްވާ އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބު ކާމިޔާބުވާނެ ކަމަށާއި އެއީ ސުވާލު އުފެދޭ ކަމެއް ވެސް ނޫން ކަމަށް، އެ އިންތިހާބުގައި ވާދަކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.
ނަޝީދުގެ "ބޮޑު ބަދަލު" ކެމްޕެއިން ނިންމުމަށް މާލޭގައި ބާއްވާ ބޮޑު ހިނގާލުމުގައި ސަންގު ޓީވީގެ ނޫސްވެރިއަކު ސުވާލުކުރުމުން ނަޝީދު ވިދާޅުވީ އެމްޑީޕީއަށް އަލުން މަގުތައް ފުރާލެވުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.
ދޮޅު މަސް ދުވަހުގެ ކެމްޕެއިނަކަށް ފަހު މާދަމާ ބާއްވާ އިންތިހާބު އިރާދަކުރެއްވިއްޔާ ނާކާމިޔާބެއް ނުވާނެ ކަމަށާއި އެއީ ސުވާލެއް ވެސް ނޫން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
މީގެ ތިން އަހަރު ކުރިން ބޭއްވި ރިޔާސީ ޕްރައިމަރީގެ ނާކާމިޔާބީ އަދި ޕާޓީ ތެރޭގައި އުފެދުނު ހިޔާލުތަފާތުވުންތަކާއެކު ނަޝީދު ވަނީ ޖޫން 21، 2023 ގައި އެމްޑީޕީން ވަކިވެވަޑައިގެންފަ އެވެ. ނަމަވެސް ދެ އަހަރަށް ފަހު އެ މަނިކުފާނު އަލުން އެ ޕާޓީއާ ގުޅިވަޑައިގެންނެވީ މިދިޔަ އަހަރުގެ ޖޫން 23 ގަ އެވެ.
އެއާއެކު، މި ފަހަރު ގިނަ ބަޔަކު އުފައްދާ ސުވާލަކީ ޗެއާޕަސަންގެ އިންތިހާބު ކާމިޔާބުވެއްޖެނަމަ މި ފަހަރު ވެސް ޕާޓީ ދޫކޮށް ނަޝީދު ދުރަށް ވަޑައިގަންނަވާނެތޯ އެވެ.
ނޫސްވެރިޔާގެ ސުވާލާ ގުޅިގެން އެ މަނިކުފާނު ވިދާޅުވީ އެ ކަހަލަ ކަމެއް ނުހިނގާނެ ކަމަށެވެ.
"ނޫން ނޫން ނޫން، އެކަހަލަ އެއްވެސް ކަމެއް ނުހިނގާނެ އިރާދަކުރެއްވިއްޔާ. ނާކާމިޔާބެއް އިރާދަކުރެއްވިއްޔާ ނުވެސް ވާނެ. އެއީ ދެން ސުވާލެއް ވެސް ނޫން،" ނަޝީދު ވިދާޅުވި އެވެ.
ހިނގާލުން ނިންމާލުމަށްފަހު އާޓިފިޝަލް ބީޗުގައި ބޭއްވި އެއްވުމުގައި ނަޝީދު ވިދާޅުވީ ރީނދޫ ލަޝްކަރު އަލުން ރުކުރުވާލާފައިވާ ކަމަށާއި އަނެއްކާ ނުކުމެ ތިބީ އެއް ހިތްވަރެއްގައި ކަމަށެވެ.
އެ އަޒުމެއް ނުގުޑާނެ ކަމަށާއި މި ސަރުކާރު ބަލިކުރާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
ނަޝީދާއެކު މި އިންތިހާބުގައި ދެން ވާދަކުރައްވަނީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމެވެ.
ވާދަވެރި އިންތިހާބުގެ ވޯޓުލުން އޮންނާނީ މެންދުރު ފަހު 2:30 އިން ފެށިގެން ރޭގަނޑު 8:30 އަށެވެ.
ޗެއާޕާސަން އިންތިހާބު ކާމިޔާބުވާނެ، އެއީ ސުވާލު އުފެދޭ ކަމެއް ނޫން: ނަޝީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ