އިންޑިއާއިން އެމްއާރް ވެކްސިނާއި ސިއްހީ ސާމާނު ހަދިޔާކޮށްފި
ރާއްޖޭގައި ހިމަބިހި ޖެހޭ މިންވަރު އިތުރުވަމުން އަންނަ މި ދަނޑިވަޅުގައި، އެ ބަލި ކޮންޓްރޯލް ކުރުމަށް ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އެހީތެރިވުމުގެ ގޮތުން އިންޑިއާ ސަރުކާރުން 20،000 ޑޯޒްގެ ހިމަބިހި ވެކްސިނާއި، ގާތްގަނޑަކަށް 3 ޓަނުގެ ސިއްހީ ސާމާނު މިއަދު ހަދިޔާކޮށްފިއެވެ.މިއަދުގެ ރަސްމިއްޔާތުގައި އިންޑިއާގެ ފަރާތުން އެމްއާރް ވެކްސިން އަދި ފާ މެޑިކަލް ކޮންސިއުމަބަލްސް ހަވާލުކޮށްދެއްވީ ރާއްޖޭގައި ހުންނަވާ އިންޑިއާގެ ހައި ކޮމިޝަނަރު ޖީ. ބަލަސުބްރަމާނިއަމް އެވެ. މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާގެ ފަރާތުން މި ތަކެއްޗާ ޙަވާލުވެވަޑައިގެންނެވީ ހެލްތު މިނިސްޓަރު ގީލާ އަލީ އެވެ.ހެލްތު މިނިސްޓްރީން ބުނީ މިއަދު ހަދިޔާ ކުރެވުނު ތަކެތީގެ ތެރޭގައި ހިމެނޭ އެމްއާރް ވެކްސިން އަދި ހިމަބިހި ޓެސްޓުކުރުމަށް ބޭނުންވާ ތަކެއްޗަކީ މި ދުވަސްވަރު ރާއްޖޭގައި ފެތުރެމުންދާ ހިމަބިހި ކޮންޓްރޯލް ކުރުމުގައި ބޭނުންކުރެވޭނެ ތަކެތި ކަމަށެވެ.މިއަދުގެ ރަސްމިއްޔާތުގައި އިންޑިއާ ސަރުކާރުން ފޯރުކޮށްދިން އެހީތެރިކަން ފާހަގަކޮށް މިނިސްޓަރު ގީލާ ވަނީ އިންޑިއާ ސަރުކާރަށާއި ހައިކޮމިޝަން އަދި މިނިސްޓްރީ އޮފް ފޮރިން އެފެއާޒަށް ޝުކުރު ދަންނަވާފަ އެވެ. ރާއްޖެއަށް ދިމާވާ ކަންކަމުގައި އިންޑިއާ ސަރުކާރުގެ ފަރާތުން އަބަދުވެސް އެހީތެރިކަން ލިބެމުންދާތީ، އެކަން ފާހަގަކޮށް އިންޑިއާ ސަރުކާރަށް ގީލާ ޝުކުރު އަދާކުރެއްވި އެވެ.އެޗްޕީއޭއިން މީގެ ކުރިން ބުނީ މި ވަގުތު ވެކްސިން ޖަހަނީ ސިއްހީ ދާއިރާގައި މަސައްކަތްކުރާ މީހުންނާއި އެ ބަލި ޖެހިފައި ތިބި މީހުންގެ ތެރެއިން ދެ ޑޯޒު ފުރިހަމަނުކުރާ މީހުންނަށް ކަމަށެވެ. އާއްމުންނަށް ޖެހުމަށް އިތުރު ވެކްސިން ހޯދަމުންދާ ކަމަށް އޭރު ބުނެފައިވެ އެވެ.ހިމަބިއްސަކީ ރާއްޖޭން ނައްތާލާފައިވާ ކަމަށް 2017 ވަނަ އަހަރު ޑަބްލިއުއެޗްއޯއިން ކަނޑައެޅި ބައްޔެކެވެ. އެކަމަކު އޭގެ ފަހުން ވެސް ދޭތެރެދޭތެރެއިން ބިދޭސީންގެ ގައިން އެ ބަލި ފެނެ އެވެ. ފަހުން ހާލަތު ގޯސްވީ ދިވެހިން ވެސް ހިމެނޭ ގޮތަށް މި އަހަރުގެ ތެރޭގައި 15 ކޭސް ފެނުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ