ރައްޔިތުން ބޭނުމީ ވައްކަމާއި ޚިޔާނާތުގެ ވައްޓަފާޅިއެއް ނޫން: ސަމީރު

ރައްޔިތުން ބޭނުންވެގެން އުޅެނީ ވައްކަން ކުރުމާއި ޚިޔާނާތުގެ ވައްޓަފާޅި ހުރި ބައެއް ނޫން ކަމަށާއި ސަރުކާރުން ގެންގުޅޭ ތަރައްގީގެ ވައްޓަފާޅިއަކީ އެއީ ކަމަށް ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ވިދާޅުވެއްޖެއެވެ.
ސަމީރު މިހެން ވިދާޅުވީ ތަރައްގީގެ ވިސްނުމާއި ވައްޓަފާޅި އިދިކޮޅު ފަރާތްތަކުގައި ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ދާދިފަހުން ވިދާޅުވެފައިވާތީ އެކަމަށް ރައްދުދެއްވާ ވީޓީވީގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ސަމީރު ވިދާޅުވީ ސަރުކާރުން ގެންގުޅޭ ތަރައްގީގެ ވައްޓަފާޅި ގުޅިފައިވާ ޕާޓީތަކުގައި ނެތް ކަމަށާއި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ އިސް ބޭފުޅުންގެ ކިބައިގައި ވައްކަން ކުރުމާއި ޚިޔާނާތުގެ ވައްޓަފާޅި ނުހުންނާނެ ކަމަށެވެ.
އޭގެ ބަދަލުގައި ހުރީ އަމާނާތްތެރިކަމުގެ ވައްޓަފާޅި ކަމަށާއި އަދި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ލީޑަރުންގެ ކިބައިގައި ހުރީ ރައްޔިތުންނަށް އޯގާތެރިކަމާއެކު ކަންކަން ކޮށްދިނުމުގެ ވައްޓަފާޅި ކަމަށެވެ.
އެހެންކަމުން ރައީސް ޔާމީން އެވިދާޅުވާ ވައްޓަފާޅި އިދިކޮޅު ފަރާތްތަކުގައި ނެތުމަކީ މައްސަލައެއް ނޫން ކަމަށާއި އެއީ ރައްޔިތުން ބޭނުންވެގެން އުޅޭ ވައްޓަފާޅިއެއް ނޫން ކަމަށް ސަމީރު ވިދާޅުވިއެވެ.
"އެވިދާޅުވަނީ ވަރަށް ރަގަޅު ވާހަކަފުޅެއް. އެވިދާޅުވާ ފަދަ ވައްކަން ކުރުމާއި ފަސާދައާއި ކޮރަޕްޝަނަށް މަގުފަހިވާ ކަހަލަ ވައްޓަފާޅިއެއް އަޅުގަނޑުމެންގެ ލީޑަރުންގެ ތެރެއަކު އިރާދަކުރެއްވިއްޔާ ނޯންނާނެ. އެފަދަ ވައްޓަފާޅިއެއް ދިވެހި ރައްޔިތުންނަކަށް ބޭނުމެއް ނުވޭ. އަޅުގަނޑު ރައީސް ޔާމީނަށް ދަންނަވަލާން އޮތީ މަނިކުފާނު ތިވައްޓަފާޅިއާއިގެން އުޅުއްވާށޭ. އެކަމަކު 2018 ގައި ރައްޔިތުން ތިވައްޓަފާޅިން ސަލާމަތްވާނެ. ގުޅިފައިވާ ޕާޓީތަކުން ކުރަމުންދާ މަސައްކަތުން އެވިދާޅުވާ ވައްޓަފާޅިން ސަލާމަތްވެވޭނެ މަގު ހޯދައިދޭނަން" ސަމީރު ވިދާޅުވިއެވެ.
ސަމީރު ވިދާޅުވީ ރައްޔިތުން ތިބީ ސަރުކާރުގެ އަމަލުތަކާ ރުހިގެން ނޫން ކަމަށާއި މިހާރު ކުރަން ޖެހޭ ކަމަކީ ރައީސް ޔާމީން ވެރިކަމުން ދުރުކުރުމަށް ރައްޔިތުންގެ ވޯޓުން މަސައްކަތް ކުރުން ކަމަށެވެ.
މިނިވަން މުއައްސަސާތައް ސިޔާސީކޮށް، ރައްޔިތުންގެ މަޖިލީސް ހިސޯރުކޮށް، އަދި ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވައި، ރައްޔިތުންގެ ބާރު ބޭނުންކުރުމުގެ ހުރިހާ މަގެއް ބަންދުކޮށްފައިވާ ކަމަށް ސަމީރު ވިދާޅުވިއެވެ.
2018 ގައި މިކަމުން ރައްޔިތުން ސަލާމަތް ކޮށްދިނުމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މަސައްކަތް ކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.
އަދި ވިދާޅުވީ އެއްކެންޑިޑޭޓު ނެރުމާމެދު އަދި ޕާޓީތަކުން ގޮތެއް ނުނިންމާ ކަމަށާއި އެކަމާ ޕާޓީތަކުގެ އެތެރޭގައިވެސް މަޝްވަރާ ކުރެވޭނެ ކަމަށެވެ.
ވަކިވަކިން ވިޔަސް، އެކުއެކީގައި ވިޔަސް 2018 ގައި ކުރާ ކެމްޕޭނަކީ ރައީސް ޔާމީނަށް ނޫނެކޭ ބުނުމުގެ ކެމްޕޭނަކަށް ވާނެ ކަމަށް ސަމީރު ވިދާޅުވިއެވެ.
"މިގައުމުގެ ރައްޔިތުންނަށް ބަސްނުބުނެވޭނެ މަގަށް ރައްޔިތުން ހަތަރެސްފައި ބަނދެފައި ބައިތިއްބައިގެން ވެރިކަން ކުރެއްވުމަށް ރައީސް ޔާމީން އެ މަސައްކަތް ކުރައްވަނީ. ހަމަހިލާ އެހެންވިޔަކަ ނުދޭނަން. 2018 ވަނަ އަހަރު މިވެރިކަމުގެ ސިއްކަ ޖެހިގެންދާނެ" ސަމީރު ވިދާޅުވިއެވެ.
ސަމީރު ވިދާޅުވީ ދިވެހި އެއްވެސް ރައްޔިތަކަށް އަނިޔާއެއް ލިބުމަށް ނޭދޭ ކަމަށާއި ބޭރު ދުނިޔެއިން ރާއްޖެއަށް ލިބެން އޮންނަ އެއްވެސް އެއްޗަކަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ހުރަސްނާޅާ ކަމަށެވެ.
ނަމަވެސް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ސަރުކާރުން ކަންކަން ކުރަމުންދިއުމުން އެވާހަކަ ދައްކާނެ ކަމަށާއި، އަދި ބޭރުދުނިޔެއަށް ވެސް އެކަންކަން އަންގާނެ ކަމަށް ސަމީރު ވިދާޅުވިއެވެ.
ގާނޫނުއަސާސީގައި ވާގޮތަށް ރައްޔިތުންގެ ބާރުވެރިކަން ތަންފީޒު ކުރެވެން ފެށުމުން ހުރިހާ ކަމެއްވެސް ހަމައަކަށް އެޅޭނެ ކަމަށާއި ޕާޓީތަކުން މަސައްކަތް ކުރަނީ އެފުރުސަތު ރައްޔިތުންނަށް ހޯދައިދިނުމަށް ކަމަށް ވެސް ސަމީރު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ