އަބްދުﷲ ސައީދު އުއްތަމަ ފަނޑިޔާރު ކަމުގެ ހުވާ ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް، ސްޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު ކަމަށް އައްޑޫ ސިޓީ، މީދޫ، އަލިވާގޭ އަލްއުސްތާޒު އަބްދުﷲ ސައީދު އައްޔަން ކުރައްވައިފި އެވެ.
އަބްދުﷲ ސައީދު އެ މަގާމަށް އައްޔަންކުރައްވާފައި މިވަނީ އެ މަނިކުފާނު އެމަގާމަށް އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން މިރޭ ރުހުން ދޭން ނިންމިތާ ގަޑިއެއްގެ އިރުވެސް ނުވަނީހެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިރޭ ބޭއްވި މިރަސްމިއްޔާތެއްގައި އަބްދުﷲ ސައީދަށް ހުވާލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޒު އަލީ ހަމީދެވެ.
މަގާމުގެ ހުވާ ކުރެއްވުމަށްފަހު އަބްދުﷲ ސައީދު ފަނޑިޔާރުކަމުގެ މަގާމަށް އައްޔަންކުރެއްވި ކަމުގެ ލިޔުން ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނާ ހަވާލުކުރައްވާފަ އެވެ.
ގާނޫނީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ އޮނަރަބަލް އަލްއުސްތާޛު އަބްދުﷲ ސައީދަކީ އިންތިގާލީ މަރުހަލާގައި ވެސް އުއްތަމަ ފަނޑިޔާރުކަން ކުރެއްވި ބޭފުޅެކެވެ. އެމަނިކުފާނަކީ ރާއްޖޭގެ ފުރަތަމަ ސްޕްރީމް ކޯޓުގެ ފުރަތަމަ އުއްތަމަ ފަނޑިޔާރެވެ. އަބްދުﷲ ސައީދު ގާނޫނީ ދާއިރާ އިން ފުރަތަމަ ޑިގްރީ ހާސިލް ކުރެއްވީ މިސްރުގެ އަޒުހަރު ޔުނިވަސިޓީންނެވެ. މާސްޓާސް ހެއްދެވީ މޯލްޓާގަ އެވެ. އެމަނިކުފާނު ވަނީ ޑެޕިއުޓީ އެޓާނީ ޖެނަރަލް ކަމުގެ އިތުރުން ގައުމީ ޔުނިވަސިޓީގެ ލޯ އެންޑް ޝަރީއާ ފެކަލްޓީގެ ފުރަތަމަ ޑީންގެ މަގާމުވެސް ފުރުއްވާފަ އެވެ. ކިޔަވާ ވިދާޅުވެ ރާއްޖެ ވަޑައިގެން ފުރަތަމަ އަދާކުރެއްވެވީ ސްޓޭޓް އެޓާނީއެއްގެ މަގާމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ