ޓޮރޮންޓޯ (ޖޫން 18) - ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ފަހު ވަގުތު ގޯލު ޖަަހައި ގާނާ އިން 1-0 އިން ޕެނަމާ ބަލިކޮށް މުބާާރާތުގެ ފެށުން ރަނގަޅުކޮށްފި އެވެ.
މި ދެ ޓީމު ހިމެނޭ ގްރޫޕްގެ ފުރަތަމަ މެޗުން އިންގްލެންޑުން ވަނީ 4-2 އިން ކްރޮއޭޝިއާ ބަލިކޮށްފަ އެވެ. ގާނާ އާއި ޕެނަމާ ބައްދަލުކުރި މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ ނަތީޖާ ނެރުނު ގޯލު ފެނިގެންދިޔައީ އިތުރު ވަގުތުގެ ފަސް ވަނަ މިނިޓްގަ އެވެ.
ޓޮރޮންޓޯގައި ކުރިއަށްދިޔަ މި މެޗަށް ބަލާއިރު މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، ޕެނަމާ އިން ދިޔައީ ލިބޭ ފުރުަސަތުތަކުގައި ބޯޅަ ހިފަހަައްޓައިގެން ކުޅެ، އެ ޓީމަށް ގޯލެއް ޖެހޭތޯ ކުރެވޭ މަސައްކަތްތައް ރަނގަޅު ކުރަމުންނެވެ. އަނެއްކޮޅުން، މިދިޔަ އޭޕްރީލް މަހު ގާނާގެ ކޯޗުކަމާ ހަވާލުވި ޕޯޗުގަލްގެ ކާލޯސް ކުއެރޯޒްގެ ބެލުމުގެ ދަށުން ކުޅެމުންދިޔަ ގާނާ ޓީމަށް ކޮންމެ ވެސް ވަރެއްގެ ފުރުސަތުތަކެއް ލިބޭ ގޮތްވީ މެޗުގެ ދެ ވަނަ ހާފުގަ އެވެ.
ކްރޮއޭޝިއާ އާއި އިންގްލެންޑް، ހިމެނޭ ގްރޫޕްގައި ވާދަކުރާ ދެ ޓީމު ކަމަށްވާތީވެ، މި މެޗަކީ މި ގްރޫޕުން ތިން ވަނަ ހޯދައިގެން، ދެން އޮތް ބުރަށް ދިއުމަށްޓަަަކައި ވެސް ދެ ޓީމަށް މުހިންމު މެޗެކެވެ. އެ ގޮތުން، މެޗުގެ ފަހު ވަގުތުގައި ރަަނގަޅަށް މަސައްކަތްކޮށް ގާނާ އިން ވަނީ ލަނޑު ޖަހައިފަ އެވެ.
އިތުރު ވަގުތުގެ ފަސް ވަނަ މިނިޓްގައި ލަނޑު ކާމިޔާބުކުރީ، ކަލެބް ޔިރެކްންޔީ އެވެ. އޭނާ އަށް ލިބުނު ފުރުސަތުގައި ވަރަށް ރަނގަޅަށް ބަލާލުމަށް ފަހު ގޯލު ކާމިޔާބުކުރި އެވެ. ޔިރެންކްޔީގެ މި ލަނޑުގައި އެ ޓީމުގެ ބްރެންޑަން ތޯމަސް-އަސާންޓޭ ވަނީ މުހިންމު ރޯލެއް އަދާކޮށްފަ އެވެ.
ޕެނަމާ އިން 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ކުޅުނު ތިން މެޗުން ވެސް ބަލިވިއިރު، އަލުން މުބާރާތަށް އެނބުރި އައިސް ކުޅުނު ފުރަތަމަ މެޗުން ވެސް މި ވަނީ ބަލިވެފަ އެވެ. އެ ފަހަރު ޕެނަމާ ވާދަކުރަން ޖެހުނީ، ބެލްޖިއަމް، އިންގްލެންޑް އަދި ޓިއުނީޝިއާއާ އެވެ. މި ފަހަރުގެ މުބާރާތުގައި ވެސް އިންްގްލެންޑާ ދެކޮޅަށް ގްރޫޕްގައި ކުޅެން ޖެހޭނެ އެވެ.
ފަހު ވަގުތު ލަނޑު ޖަހައި ގާނާ އިން ޕެނަމާ ބަލިކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ