ކޮންގޯގެ އިރުމަތީ ސަރަހައްދުގެ ހޮސްޕިޓަލެއްގައި އެބޯލާއަށް ފަރުވާދެމުން ދިޔަ އުމުރުން ހަ އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމަ ގެއްލިގެން ހޯދަން ފަށައިފި އެވެ.
ރިޕޯޓުތައް ބުނާ ގޮތުން އެމީހުން ގެއްލުނީ ހަތިޔާރު އެޅި ގްރޫޕަކުން ހޮސްޕިޓަލަށް ވަދެގަނެ، ހިންގި ހަމަނުޖެހުމުގައި، ގަދަކަމުން ގެންދިޔުމުގެ ސަބަބުންނެވެ.
ލޯކަލް ހެލްތު އޮފިޝަލް ޑރ. ލުބަމްބޯ މަބޯކޯ ގަސްޓަން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ބުޓެމްބޯ ސިޓީގެ ވަނަމަހިކާ ހޮސްޕިޓަލުން އެ ކުއްޖާ ގެންގޮސްފައިވަނީ ވަޅި ހިފައިގެން ތިބި ބަޔަކު ކަމަށެވެ.
އެ ކުއްޖާ ގެންދިޔަ މީހުންނަކީ އެ ކުއްޖާއާ އާއިލީ ގޮތުން ގުޅުން އޮތް ބައެއްކަން އަދި ސާފެއް ނުވެ އެވެ. ނަމަވެސް، މިހާރު ފެތުރެމުންދާ އެބޯލާ ބަލިމަޑުކަމާ ގުޅިގެން، ބަލިމީހުންނަށް ފަރުވާދޭ މަރުކަޒުތަކާ މެދު އާންމުންގެ މެދުގައި ބިރުވެރިކަމާއި ޝައްކު އުފެދިފައިވާކަން ފާހަގަކުރެވެ އެވެ.
ރޮއިޓާސް ނިއުސް އެޖެންސީއަށް ދެއްވި އިންޓަވިއުއެއްގައި ގަސްޓަން ވަނީ، އެ ކުއްޖާ އާއި އޭނާގެ މަންމަ ސިއްހީ މަރުކަޒަކަށް ދިއުމަށް އިލްތިމާސް ކުރައްވާފަ އެވެ. އެއީ އެ މީހުންގެ ސިއްހީ ހާލަތު އިތުރަށް ގޯސްވެ، އާއިލާގެ އެހެން މީހުންނަށް ބަލި ފެތުރުމުގެ ނުރައްކާ އޮތުމުން ކަމަށް އޭނާ ވިދާޅުވި އެވެ.
މިހާރު ފެތުރެމުންދާ ބަލިމަޑުކަމުގައި މިހާތަނަށް 840 މީހުންނަށް ބަލިޖެހި، ގާތްގަނޑަކަށް 200 މީހުން މަރުވެފައިވާއިރު، އެބޯލާއަށް ފަރުވާދޭ މަރުކަޒުތަކަށް އެކި ފަހަރު މަތިން ވަނީ ހަމަލާދީފަ އެވެ.
މިދިޔަ މަހު މޮންގްބްވާލޫ އަވަށުގެ ސިއްހީ މަރުކަޒެއްގައި މަރުވި މީހުންގެ ހަށިގަނޑުތައް ގެންދަން އާންމުންގެ ބަޔަކު މަސައްކަތް ކުރުމުން، ފުލުހުން ވަނީ ވައިގެ ތެރެއަށް ބަޑިޖަހައި އެ މީހުން ފޮނުވާލާފަ އެވެ.
އޭގެ ދުވަސްތަކެއް ކުރިން، މޮންގްބްވާލޫގެ އިރުދެކުނުން 85 ކިލޯމީޓަރު (53 މޭލު) ދުރުގައި އޮންނަ ރްވަމްޕާރާގެ ހޮސްޕިޓަލެއްގައި، އެބޯލާ ޖެހިގެން މަރުވި ކަމަށް ބެލެވޭ މީހެއްގެ ހަށިގަނޑު ގެންދަން އުޅުމުން އެކަން ހުއްޓުވުމުން، އާންމުން ވަނީ އެ ތަނުގެ އެކަހެރިކޮށްފައި ތިބޭ ޓެންޓުތަކުގައި ހުޅުޖަހާފަ އެވެ.
އެބޯލާ ޖެހިގެން މަރުވާ މީހުންގެ ހަށިގަނޑަކީ ބަލި ފެތުރުމުގެ ފުރުސަތު ވަރަށް ބޮޑު އެއްޗެކެވެ. ވަޅުލުމަށްޓަކައި ހަށިގަނޑު ތައްޔާރު ކުރާ ވަގުތަކީ ބަލި އިތުރަށް ފެތުރުމުގެ ނުރައްކާ އެންމެ ބޮޑުވާ ވަގުތެވެ.
މިފަހަރުގެ ބަލިމަޑުކަން ފެތުރެނީ އެބޯލާގެ ވަރަށް މަދުން ފެންނަ "ބުންޑިބުގްޔޯ" ވައިރަހުގެ ސަބަބުންނެވެ. މި ބާވަތަށް ހާއްސަ ވެކްސިނެއް މިހާތަނަށް އުފައްދާފައި ނުވާއިރު، ވެކްސިނެއް ތައްޔާރުކުރުމަށް މަސްތަކެއް ނަގާފާނެ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ވަނީ ބުނެފައެވެ.
ކޮންގޯގެ ހޮސްޕިޓަލަކުން އެބޯލާ ޖެހިފައިވާ ކުއްޖަކު ގެއްލިގެން ހޯދަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ