ބަނަފުސާ 9
"ފަހުން އަގު ދައްކާނަން އިންޝާﷲ..ރަހަ ބަލައިލަބަލަ..ކިހިނެއް ނުކައި ހުރެވޭނީ؟" އޭނަ ސިދްރާ އެއްޗެކޭ ބުނަން އަނގަ ހުޅުވައިލިވަގުތުން ބޮޑު ސަމުސާއެއް އަނގަޔަށް ލެއްވިއެވެ. ފިނިކަމުން ހަޅޭއްލަވައިގަނެވުނުއިރަށް ކޮންމެވެސް މީހަކު އަޒުއާ ހައިޓްސްގެ ދޮރު ހުޅުވާލާފައި ބަލައިލިކަން އެނގުނެވެ. ދެމީހުން އައިސްކްރީމް ތަށި ކައި ހުސްކޮށްލީ ޖޯލިފަތީގައި އިށީދެލައިގެން ތިބެއެވެ. "އަހަރެން ބޭނުން އަދަލްއާ ކައިވެނިކުރަން." އަދަލް ސިހިފައި ޖޯލިން ތެދުވިއެވެ. "ކީކޭ؟ ސިދުރާ. ތިއީ ކޮން ކަހަލަ ސަމާސާއެއް؟" "ސަމާސާއެއް ނޫން. އަހަރެމެން ދެމީހުންނަށްވެސް އެންމެ ރަަގަޅުވާނީ އަވަހަށް މެރީކުރީމަ........" "ކައިވެންޏަކީ ސަމާސާއެއްނޫން...ޒިންމާދާރުވެގެން އާއިލާއެއް ބެލެހެއްޓޭނެ ފެންވަރު ހުރެގެން މީހަކައި ކައިވެނިކުރެވޭނީ.އަމިއްލައަށްވެސް ނޫޅެވިގެން ތަންތަނުން ކައިގެން އުޅޭ މީހަކަށް ސިދްރާ ބެލެހެއްޓޭނީ ކިހިނެއްތަ؟ ފައިސާ ލިބިގެން އަމިއްލަ ފައިމައްޗަށް ތެދުވެވޭ ދުވަހަކުން ކައިވެންޏާއިމެދު ވިސްނައިލެވޭނީ..." "ޖިންނި ފިރިޔަކު ހުރުމަކީ ފަސޭހަކަމެއްނޫން..އެހެންވެ ރުގުޔާކޮށްގެން އަދަލްއާއި މެރީކުރަން ބޭނުމީ..ޖިންނިއެކޭ ބުނީމަ އަދި ޚިޔާލަށް ގެނެވޭނެކަމެއްވެސް ނޭގޭ.. ހަމަދަޅު ފަޅާފައި ހުރި އިފްރީތެއް..ކައިސްއޭ ބުނީމަ އަދި ވަރަށް ހެންސަމްކަމަށް ހީކުރީ؟ ނޫނޭ އެއީ ހަމަ ސިފަ ހުތުރު މަޚުލޫގެއް. ބިރުވެރިކަމުން މޮންސްޓާއެކޭ ބުނެވޭނީ......................." އަދަލް ތެދުވެގެން ދާން ހިނގައިގަތުމުން ސިދްރާ ފަހަތުން ދާން ހިނގައިގަތެވެ. ގެއަށް ވަދެ ދޮރު ލައްޕައިލުމާއެކު ސިދްރާ ހޭންފެށިއެވެ. އޭނަގެ އެ ވާހަކައިގެ މަގުސަދަކަށްވީ ހީރާމެންނަށް އަޑު އިއްވުމެވެ. ވާހަކައެއް އުފަންކުރުމެވެ. ހީރާ ގަހުގެ ފަހަތުގައި ހުރެ ފާރަލާކަމާއި އަޒާލީ ދޮރު ކައިރިގައި ހުރެގެން އެމީހުންގެ ހަރަކާތްތައްދެކޭކަން އެނގުމުން ކަމަށް ބުނެލިއެވެ. އަދަލްއަށްވެސް މަޖާވިއެވެ. ސިދްރާ ހުއްޓާލާނީ ސިކުނޑީގައި ދިރިއުޅެމުންދާ "ކައިސް"އަކުން އެންމެން މޮޔަކޮށްލާފައިކަމަށް ބުނެ ސަމާސާކުރިއެވެ. *** ހަވީރުގެ ފިނި ރޯޅިތައް އަތިރިމަތީގެ ހުދު ދޮންވެލިގަނޑާއި ކުޅެމުން ދިޔައިރު ތިން އެކުވެރިން މާޖެހި ފޮތިގަނޑެއް އަޅައިގެން އިށީދެލައިގެން ތިއްބެވެ. އޮއްސެމުންދިޔަ އިރުގެ ރަންދޯދިތަކުން އުޑުމަތި ރަތްކުލައިން ފަވާލާފައިވިއެވެ. އަޒާލީ ގެނައި ދުފާ ކޮތަޅު ހުޅުވާލާފައި އޭނަ ކާފޫރުތޮޅިއަކާއި ހުނިކޮޅެއް އަދި ހީރާޕަންނާވެސް އަޅައިގެން ފޯރިއާއެކު ބިލެތްގަނޑު އަނގަޔަށްލިއެވެ. "ނޯ....މަންމަ ކީކޭތަ ބުނީ؟" އަޒާލީ އަނގަ ފުރިފައި ހުރިވަރުން އަޑުވެސް ބެދުނެވެ.ނޯޔާވެސް ބިލެތްގަނޑުން އެތިކޮޅެއް އަނގަޔަށްލިއެވެ. "މަންމަ ބުނީ ނޯއަށް ފެންނަކަމަށް ވަންޏާ ނަވީންއާއި މެރީކުރަންވީއޭ ހަމަ. އެހެންވެ ފޯމުވެސް މާދަން ލާންވެގެން މިއުޅެނީ...މާލޭ ކުއްޖެއްވީމަ ކިހާ ސަޅި....އެކަމަކު އިސްތަށިގަނޑު ބުޅިކޮށް އެހާ ދިގުކޮށްލާފައިއޮތީމަ މަންމަ ބުނީ ޕާޓޭއެއްހެންނޭ ހީވަނީ...އެހެންވެ އިސްތަށިގަނޑު ކޮށައިލަން ބުނަންވެގެން އުޅެނީ..މަ ދިން ފަށް ނަވީ ކަރުގައިވެސް އޮތީ...މަންމަ އަންގަނީ އެވެސް ނަގަން...މަންމަމެންގެ ޖެނެރޭޝަން މީހުންވީމަ ދެން ވަރަށް ކަޓު ވިސްނުން...އަހަރެމެން އެންމެ ފޫހިވާ އެ ސޮރު އަދަލް ކައިރިން ދިޔަސް ހަށިގަނޑުން ދުވަނީވެސް ސްޓްރޯބެރީ ވޭޕްވަސް...ނަވީން ގައިގާ ހުންނަނީ އެންމެ އަގު ބޮޑު ސެންޓްވަސް...." "ޢެވާހަކައެއްނޫނޭ..ސިދްރާއާއި އަދަލް އިންނަން އުޅޭ ވާހަކަ ބުނިންތަ؟" ހީރާ އިނީ މަޖާވެފައެވެ. "މަގޭ ކްރިއޭޓިވް ދޮގުތައް ލާފައި ކިޔައިދިނީމަ މަންމަ ޝޮކްޖެހި އަތުގައި ހުރި ރިހާކުރި ފުޅިވެސް ދުއްވާލައިފި....މުޅި ބިންމަތީގައި އެވަސްގަނޑު..މަ ބުނިން ސިދްރާ ޖިންނި ދަރިއަކަށް ޕްރެގްވީމަ އެކަން ފޮރުވަން އަދަލްއާއި އިންނަނީއޭ..." ނޯޔާ ދުފާ ރަތްވެފައިވާ ތުންފަތުގެ ތެރެއިން ދަތްތައް ދައްކައިލަމުން ހީލިއެވެ. އަޒާލީއަށް ބިލެތްގަނޑު ދިރުވައިނުލެވި ކެއްސައިގަތްއިރު ހީރާވެސް އޮތީ ފޮތިގަނޑުމައްޗަށް ވެއްޓިގަނެގެން ހޭށެވެ. "މަބުނިން އެގޭ ކެމެރާއަށްވެސް އެ ހުރިހާ މަންޒަރެއް އަރާފައި ހުރި ވާހަކަ..ކުޑަކޮށާް ސްޕައިސީކޮށްލާފައި މަ ކިޔައިިދިނީ..ދެން ހިނގާބަލަ ވެޑިން ޕްލޭން ހަދަން..."ތިންކުދިން ދުފުމުގެ މީރުކަމައެކު ކައިވެނީގެ ތައްޔާރީތަކާއިމެދު ޚިޔާލު ބަދަލުކުރަން ފެށިއެވެ. *** ސަދަފީނާއަށް އަދަލް ކައިވެނިކުރަން އުޅޭ ޚަބަރު ލިބުނީ މާރިޔާ ގުޅާފައި އެވާހަކަ ދެއްކުމުންނެވެ. ކައިވެނީގެ ވާހަކަ ނުބުނެގެން ޝަކުވާކުރާ ފާޑަކަށެވެ. ސިދްރާ އަދަލްއާއި ކައިވެނިކުރާ ސަބަބު ރަށުތެރޭގައި ދެކެވޭ ވާހަކައާއިއެކު ސަރަފީނާ އައި ރުޅިއާއި ލިބުނު ހިތްދަތިކަމުން އަނބުރައިގަންނަ ގޮތްވިއެވެ. ސިދްރާ ހޯދަމުން ދަނިކޮށް ފެނުނީ ވާހަކަފޮތެއް ހިފައިގެން އުނދޯއްޔަށް އަރާފައި އޮތްވައެވެ. "ސިދްރާ..."އޭނަ ސިދްރާގެ އަތުގައި އޮތް ފޮތް ޖަހައިގަތެވެ. "ކިހިނެއްވީ ދައްތަ؟" "ކަލޭ މާލެއިން ތިއައީ އަހަރެންގެ ހުރި ހަމައެކަނި ފިރިހަންދަރީގެ ބޮލަށް މިކަހަލަ ބޭކާރު ޚިޔާލުތައް ވައްދަންތަ؟ މަގޭ ދަރިފުޅަކީ ތި ހަދައިގެން އުޅޭ ޖިންނިބަލީގެ ބޭހެއް ނޫން...މަގޭ އަދަލް ކައިވެނިކުރާނީ ރަގަޅު ހަމަޖެހޭ އަންހެންކުއްޖަކާއި...މޮުޔައަކާއި ނޫން...ޖިންނި ފިރިއަކުން ގެންގުޅެމުން ދެ ފިރިން ހުއްދަތަ؟ ސިދްރާ އަމިއްލައަށް ބުނީ މީހަކާއި އިނދެގެންނޭ އުޅެނީ. ޖިންނި މޮޔަވެގެން އުޅޭ މީހަކާއި އަދަލް...ޕިސް ޕިސް..ކީކޭ ބުނާނީ...އަދަލް އަމިއްލައަށް ނުކިޔެވިތާ ކިޔަވައިގެން ހުރި އަންހެންކުއްޖަކާއި އިންނަން ނޭގުނުކަން ދެރައީ...." އަދަލް ދޮރުމަތީގައި ހުރިކަން އެނގުމުން އޭނަގެ ރުޅި އިތުރަށް ގަދަވިއެވެ."އަދަލް..ކަލޭވެސް ތި ހުންނަނީ އަނގަ ހުޅުވައިގެން؟މިއަދުން ފެށިގެން މިކުއްޖާއާއި އަނގައިން ބުނެގެންވެސް ނުވާނެ............." "މަންމަ ކިހިނެއްވީ؟" "މުޅި ރަށުގައި އޮތް ވާހަކަ އަޑު އެހީ..ދައްތަ ގުޅާފައި ކިޔައިދިނީ...ކިހާ ލަދުގަންނާނެ..އަދަލްއާއިހެދިކަން ނޭގޭ މަރުވެގެން ދާނީ....އަދަލް މަންމަގެ ކަރުގައި ހިފާ މަރާލަންވީނު...އާޚިރަތުގެ އަޒާބަށްވުރެ ދުނިޔޭގެ ލަދު ބޮޑުވާނެއޭ ކިޔަނީ މިހެންވީމަ...ސިދްރާ ލަދެއް ނުގަނޭތަ ތި ވައްތަރަށް އުޅެން؟ އަދި އަދަލްގެ ނަމުގައި ތި ދަރި އަޅުވަން............." އަދަލް ސިހޭގޮތްވިއެވެ. ސިދްރާއަށްވެސް ވެގެން އުޅޭގޮތް ރޭކާލުމުން މޫނުމަތި ރަތްވެެން ދިޔުމާއެކު ލޮލުން ކަރުނަހިލޭގޮތްވިއެވެ. އެމީހުން ނުދައްކާ ވާހަކައެއް ރަށުތެރޭގައި ފެތުރެންވީ ކީއްވެހެއްޔެވެ؟މަޖަލަކަށް ވެސް ދޮގުހެދުމަކީ ކިހާވަރެއްގެ ނުބައިކަމެއްކަން ވިސްނުނުއިރު އޭނައަށް ކުރެވުނު ކަންތައްތަކުގެ ބޮޑުކަން އިހުސާސްވިއެވެ. ހީރާ އެ ޚަބަރު ފޮނިތޮށި ކާފޫރުލައިގެން ކޮންމެވެސް މީހެއްގެ ކަންފަތަށް ފޯރުކޮށްދިނީއެވެ. މާރިޔާ ދެއްކި ވާހަކަތައް ކިޔައިދިނުމުން އަދަލް ހޭންފެށިއެވެ. އެމީހުން އެވާހަކަދެއްކީ ހީރާ ހިޔަނިހެން ފަސްފަހަތުގައި އުޅޭތީކަމުގައި ބުންޏަސް ސަރަފީނާ އެވާހަކަ ގަބޫލެއްނުކުރިއެވެ. "މަންމަ ކައިރީގައި އަބަދު މިހުރެވެނީ..މަންމަ އިތުބާރެއްނުކުރަންތަ؟" "އެބުނީނު ޖިންނިއަކާއޭ އިނދެގެން އުޅެނީ....."ސަރަފީނާގެ އަލިފާނުގެ ބެލުން ސިދްރާއަށް އަމާޒުވިއެވެ. "މިހެން ސަމާސާ ވިހަވީމަ އަބުރާއި އިއްޒަތް ރައްކާކުރަން މަސައްކަތް ކުރަން ޖެހިއްޖެ...ޓެސްޓް ހަދާފައި ދައްތައަށް އެކަނި ޔަގީންކޮށްދޭން ބޭނުންވަނީ...ލޭގެ ޓެސްޓެއް ހަދާފައި...ދައްތާ މިވަގުތު ހިނގާ ޓެސްޓްކުރުވަން.." "އޭރުން މިރަށުގައި ދައްކާ ވާހަކަ ހުއްޓޭނެތަ؟މީހުންގެ ދުލުގައި ހިފެހެއްޓޭނެތަ؟" "ހީރާގެ އެކުވެރިޔާ ނޯޔާ ހުންނަނީ ހޮސްޕިޓަލުގައި..އޭނައަށް އެތަނުން ޓެސްޓް ހެދީމަ ހެކި ފެންނަން ހުންނާނެތ...." "މީހުންނަށް މޫނު ދައްކަންވެސް ލަދު އެބަގަނޭ........" "ދައްތާ..މީހުން ވިސްނާގޮތް މުހިއްމުވަނީ ނޫނީ ﷲތައާލާއަށް އިހުސާންތެރިވެ އެފަރާތް ރުއްސަވާ ވޮޑިގެންވާގޮތަށް އުޅުން؟ ސިދްރާވެސް ކުރީ ކުށެއް..ސަމާސާއަކަށް ހަދައިގެން މޮޔައަކަށް ހެދިގެން އުޅެނީވެސް ކަމަކުން އަރައިގަންނަންވެގެން..އެކަމަކު މިއަދު އެނގުނީ އެއްވެސް ހާލަތެއްގައި އެވައްތަރަށް ވާހަކަދެއްކުމުގެ ނުބައިކަން.. އެހެންމީހުންގެ ދޫތަކަށް ފާފަވާގޮތަށްކަން އެވާހަކަ ދެއްކެނީ..އަބުރުވެރިކޮށް އުޅެން ދީނުގައި އަންގަވާފައިވަނީ،..މީހުންނަށް ނެތިނުމޮށެ ޣީބަބުނެ ދެބަކުޓުވާ ފިތުނަ ފަސާދަ އަދި ދޮގުހެދުން ނަހީކުރައްވާފައިވަނީ އެކަމުން މުސްލިމުންނަށް ގެއްލުން ލިބޭތީ އެކަމުގެ ނުބައިކަން ބޮޑުކަމުން.މީހުންގެ ކަރާމާތަށް އަރައިގަތުމަކީ ބޮޑުކަމެއް..ނަފުސާއި ގެދޮރުގެ ހުރުމަތް އެހާ ބޮޑު ސަބަބަކީއެއީ..ހުރިހާކަމެއްގެ ހިކުމަތް ދެނެވޮޑިގެންވަނީ ﷲ ތައާލާ. އެފަރާތުން ހުރިހާ ކަމެއް ބައްލަވާ ވޮޑިގެންވާނެ...އާދައިގެ ކަމެއްކަމަށް ހަދައިގެން މީހުންގެ ބަދުނާމް ކުރުމުން އޭގެ ފަހަތުން އެތައް ދެރައަކާއި ހިތާމައެއް އެތައް ބަޔަކު އުފުލަންޖެހޭ..މިއަދު ހަމަ ދައްތައަށް ލިބުނު ހިތާމައާއި ހިތްދަތިކަމަކީ އޭގެ މިސާލެއް...އަހަރެމެން ދެއްކި ވާހަކަތަކުގެ ތެރެއަށް ވާހަކަތައް ލައިގެން ދޮގުހަދައިގެން ދެއްކީމަ ކިހާ ބޮޑުދޮގެއް..ކޮންފަދަ ބޮޑު ތުހުމަތެއް....އެހެންވެ ޓެސްޓް ހަދަން ބޭނުމީ...އެޓްލީސްޓް ދައްތައަށް ޔަގީންކުރުވަން..އެހެން މީހެއްގެ ގާތު ނުބުނެ..އޭރުން ހެއްކަކަށް މި ޓެސްޓް ފުދޭނެ...."ސިދްރާގެ މަޑުމައިތިރިކަމާއެކުގައިވެސް ސަރަފީނާގެ ހިތާމަތަކަށް ލުޔެއް ގެނެސްދޭން ބޭނުންވިއެވެ. ސަރަފީނާ ހުރީ ޝައްކެއްގެ މަތީގައެވެ. ސިދްރާ ޖިންނިއަވަލާފައި ހުރެއްޖެއްޔާ އިންސާނުން ހަދާ ޓެސްޓަކުން ދައްކާނެހެއްޔެވެ؟ އަދަލްއާއިމެދު އޭނަގެ ޔަގީންކަން އޮވެއެވެ. އޭނަ ހުންނަނީ އަދަލްގެ ކޮންމެ ހަރަކާތަކަށް ފާރަވެރިވެގެންނެވެ. އަދަލްއަކީ ސިދްރާއާއި އެފަދަ ގޮތަކަށް އެކަހެރިވެގެން ހުންނާނެ ކުއްޖެއްނޫނެވެ. *** ސަރަފީނާއާއި ސިދްރާ ޑޮކްޓަރަށް ދައްކަން އައިސް ތިބިތަން ފެނި ނޯޔާގެ ލޯ ދިއްލުނެވެ. ކެތްނުކުރެވިގެން ސިއްރުން ފޮޓޯގަނޑެއް ނަގާފައި ހީރާއާއި އަޒާލީއަށް ފޮނުވިއެވެ. ލެބޯޓްރީއަށް ޓެސްޓްހަދަން ދިޔަކަންވެސް ވަގުތުން އެންގިއެވެ. ސިދްރާއަށް ނޯޔާގެ ހަރަކާތް ހުރިގޮތްތައް ދެނެގަނެވުނެވެ. ޔުނިފޯމްގައި ހުރިިއިރުވެސް ހަށިގަނޑުގެ ބައްޓަން އެނގެއެވެ. ފޮނިކަމާއެކު ލާނެތްކަންވެސް އެކުލެވޭ މީހުންގެ ހިތްތައް އަތުލައިގަނެވޭފަދަ އަންހެންކުއްޖެކެވެ. ރީތިވެސްމެއެވެ. އެހާ ކާމިޔާބު ކުއްޖަކަށް އަދަލް ކަމުނުދާންވީ ސަބަބަބީ އަދަލްގެ ފަގީރުކަމެވެ. ސީދާ ސާދާ ހިތްތިރި ޒުވާނަކަށްވީމައެވެ.ސިދްރާއަށް އެފަދަ ޒުވާނުންކަމުދަނީ އޭނަވެސް އެކަހަލަ އަންހެންކުއްޖަކަށްވީމަކަށް ވެދާނެއެވެ. ސިދްރާ ދެކުނުގޮތުން ނޯޔާ ޖަވާހިރެއް ލިބެން އޮތްވާ އެ ފުރުސަތު ދޫކޮށްލީއެވެ. *** ނޯޔާއާއި ނަވީން ކައިވެންޏަށްފަހު ހަނީމޫނަށް ޔޫރަޕަށް ފުރިއެވެ. ހީރާއާއި އަޒާލީ އެކަމާއި އުފާކުރިއެވެ. އަދަލްއަށް އެ ފޮޓޯތައް ފެނުމުން ހިތަށް އަސަރުކުރާނެއެވެ.ސިދްރާވެސް އެހެން އުޅެން ބޭނުންވާނެއެވެ. އޭނަ "އަޒުއާ ހައިޓްސް"ގެ ގްރޫޕާއި ފޮޓޯތައް ހިއްސާކުރެއެވެ. އެގްރޫޕަށް އަދަލްއާއި ސިދްރާ ލާފައި ތިބެނީވެސް އެެފަދަ އުފާވެރި މުނާސަބާތަކުން އަދަލްމެން ދެރަކޮށްލުމަށެވެ.އަދަލްމެންނަށް އެފަދަ ފުރުސަތު ނުލިބޭނެތީއެވެ.އެހާ މޮޅު ދިރިއުޅުމެއް ނުލިބޭނެތީއެވެ. ހަގީގަތަކީ ތިމާއަށްވުރެ ދެރަ މީހުންގެ އިހުސާސްތަކަށް ގަދަރުކުރަން ބައެއްމީހުންނަށް ނޭގޭކަމެވެ. ފޮޓޯތައް ހިއްސާކުރުމުގެ ނިޔަތް ނުބައިވުމާއެކު އެފޮޓޯތަކަކީ ތިމާއަށް ފަހުން ގެއްލުމެއްވެދާނެ ފޮޓޯއެއްކަމަށްވެސް ނުވިސްނާތީއެވެ. އަދަލް އެފޮޓޯތައް ބަލާފައި ހިތެއް ޖަހާލައިފިއްޔާ ހީރާމެން ވަގުތުން އަންގައެވެ. "ޕުއަ އަދަލް..އަދިވެސް ނޯ ހިތުންނުފިލައިގެން އުޅެނީ... މަ ނަމަވެސް ކަޑަވާނެ..." ހީރާ ނޯޔާއަށް މެސެޖްކުރިއެވެ. "އަދަލްވެސް ކިޔެވިނަމަ..އެހާ ކަޓުކޮށް އުޅުނީމައެއްނު ނޯ ނުލިބުނީ...މަގޭ ވީޑް ބޯއި..އެހެންނޫންނަމަ މިވަގުތު ޕެރިހުގައި ނާވީގެ ބަދަލުގައި އެސޮރު ނޫންކަމެއް ނޭގޭ ހުންނާނީ..."ނޯޔާ ހިނިގަނޑެއްޖަހައިލިއެވެ. *** ސިދްރާއަކީ މޮޔައެއްކަމަށް އެންމެން ނިންމައިގެން ތިއްބަސް އޭނައަަކީ އާދަޔާ ޚިލާފަށް ސިކުނޑި ތޫނު އިލްމީކުއްޖެކެވެ.މިސްރުގެ މަޝްހޫރު އަލް އަޒްހަރު ޔުނިވަސިޓީއިން އިސްލާމީ ތާރީޚާއި އިލްމުގެ ދާއިރާއިން ޑިގްރީއަށް ކިޔަވަން ފުރަން ހުރިހާކަމެއް ތައްޔާރުކޮށްފައިވަނިކޮށް އޭނަގެ އާއިލާ ކުއްލިއަކަށް ވަކިވެގެން ދިޔައީއެވެ. އެހިތާމައިގެ ސަބަބުން އޭނަގެ ދުނިޔެއަށް އައި ލޮޅުމާއެކު ކިޔަވަން ކުރި އުއްމީދު ވަގުތީގޮތުންނަމަވެސް ގެއްލުނެވެ. އޭނަ މޮޔައެއްކަމަށް ހެދުނީވެސް އޭނައާއިހެދި މީހަކު މޮޔަވެގެން ފަހަތުން އުޅެ ކައިވެންޏަށް އެހުމުންނެވެ. އެމީހާގެ ކިބައިން ސަލާމަތްވާން ސިކުނޑިއަށް އައީ މޮޔަކަމެވެ.އެވަގުތު އާއިލާ ވަކިވުމުގެ ހިތާމައާއެކު އޭނައަށް ދިމާވެފައިވާ ނިދުމުގެ ހާލަތައިއެކު މޮޔަކަމުގެ ރޯލް ކުޅެން ފަސޭހަވީއެވެ. އޭނަ ކޮޓަރި ތަޅުލައިގެން އިނދެ މަސައްކަތްކުރަން އެތައް އިރެއް ހޭދަކުރެއެވެ. އެރޭވެސް އެކޮޓަރި ތެރެއަަށް ވެރިވެފައިވަނީ ފުން ހިމޭންކަމެކެވެ. ހަމައެކަނި ތަނުގައި ދިއްލާލާފައިވަނީ ބޮތްކެއްގެ އަލީގައި އޭނަ އޮތީ ގުދުވެލައިގެންނެވެ. އަތުގައި އޮތީ ޚާއްސަ ގަލަމެކެވެ. އޭނައަކީ އަރަބި ކެލިގްރާފީއަދި ކުރެހުމަށް މޮޅު ކުއްޖެކެވެ. އޭނަ ވަރަށް ފަރުވާތެރިކަމާއެކު ކަރުދާހުގައި ލިޔަމުން ދިޔައީ ކީރިތި ގުރުއާނުގެ އާޔަތެކެވެ. އަކުރުތައް އެއްކޮށްލައިގެން އޭނަ ހަދަމުން ދިޔައީ ހިތެއްގެ ބައްޓަމަށެވެ. އޭނަގެ ހިތްވަނީ މަންމަގެ ހަނދާނުން ފުރިފައެވެ. "މަންމާ..އަހަރެން މިތާ މިހުރީ އެންމެނަށް ފިލައިގެން..އެކަމަކު މަންމަގެ ހުވަފެންތައް ފުރިހަމަކޮށްދޭނަން އިންޝާﷲ މަންމަގެ ފުރާނައަށް ﷲ ރަހުމަތް ލައްވާށި..މަންމަގެ ހެޔޮ ދުއާތަކާއިއެކީ ސިދްރާ އަބަދުވެސް އުޅޭނީ ހެޔޮމަގުގައި އިންޝާﷲ..މަދުވަނީ ހަމައެކަނި މަންމަ...ހަޔާތުން އެފަޅުކަން ނުފިލާނެ...އެ ގްރީފް އަބަދަށްދެމިގެން ދާނެ...ޔައުގޫބު އަލައިހިއްސަލާމްގެ ދަރިކަލުން ގެއްލުމުން ޔައުގޫބް އަލައިހިއްސަލާމްވެސް އެތައް އަހަރަކަށް ހިތާމަފުޅުކުރެއްވި..އެކަމަކު ﷲެތައާލާގެ ރަހުމަތުން މާޔޫސްނުވެ ހަމަ ދުޢާފުޅުކުރެއްވީ..އެތައް އަހަރެއްފަހުން އެކަލޭގެފާނު ދަރިކަލުންނާއި ބައްދަލުވެވަޑައިގަތް..އެއީ ހިތާމައާއި ކެތްތެރިކަމުގެ މިސާލެއް...ރަސޫލުބޭކަލަކާއި އެހެން އިންސާނުން އެއްގޮތްނުވާނެ..ނަމަވެސް ދުނިޔޭގައި އިންސާނުންނަށް ހިތާމަތައް މެދުވެރިވާނެ..މަންމައަކު ގެއްލުމަކީ ދަރިއަކަށް ލިބޭނެ ފޫނުބެއްދޭނެ ދެރައެއް،..މަންމައަށްޓަކާ މިއަދު ކޮށްދެވޭނީ ދުއާ..އަދި ޖަންނަތުގައި ބައްދަލުވާނެ އިންޝާﷲ....މަންމަގެ ނަސޭހަތުގައި ހިފަހައްޓަން އަބަދު މަސައްކަތްކުރަނީ. ގައިން ނުފިލި އެންމެ ނުބައި އާދައަކީ ސަމާސާދޮގު...ސަމާސާއަކަށް ދޮގު ނަހަދަންވެސް ނިންމައިފިން..ދުލާއި ކަންފަތް އަދި ލޮލުންވެސް ފާފަނުކުރާނަން އިންޝާﷲ..މިއަތްވެސް ބޭނުންކުރާނީ ހެޔޮގޮތުގައި....ﷲގެ ކަލާމްފުޅު ލިޔުމުގައި......އަދި ރަގަޅު މެސެޖް މީސްތަކުންނަށް ފޯރުކޮށްދޭން މަސައްކަތްކުރާނީ....." ސިދްރާގެ ލޮލުން ކަރުނަތިއްކެއް ފައިބައިގެން ދިޔައެވެ. އޭނަގެ ކެލިގްރާފީގެ ކޮންމެ ފިހިވަޅަކުން ފެންނަނީ ފަންނުވެރިކަމެވެ. ލޮލުން ފެންނަނީ އޭނަގެ ތޫނު ފިލިކަމެވެ. މި ކޮޓަރިއަކީ އޭނަގެ ހިމާޔަތެވެ. އޭނަގެ ދުނިޔެއެވެ. *** އެމިލީ އަދަލްގެ އަތަށް ޕާރުސަލެއް ދިއްކޮށްލުމުން އަދަލް ހީލަމުން އިސްތަށިގަނޑުގައި އަތް ހިންގައިލިއެވެ. "ޒިމް އިންޒާރުދީފައިވަނިކޮށް އެމް ތި އަންނަނީ؟" "ހެހެ...ކިއްކުރާނީ ދޯ..ޒިމްވެސް ރުޅިގަދަކަމުންގޮސް....ބުނެބަލަ.ސީރިޔަސްކޮށް ސިދްރާ.............." "ޝްޝްޝް..."އަދަލް ތުންފަތުގައި އިނގިލި ޖައްސައިލިއެވެ. ނުނިމޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ