ހިއުސްޓަން، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 18) - ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ރޭ ޕޯޗުގަލް އިން 1-1 އިން ކޮންގޯއާ އެއްވަރުވި މެޗުގައި 90 މިނިޓް އެއްކޮށް ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅުވަން ނިންމި ނިންމުން ދިފާއުކޮށް، ޕޯޗުގަލްގެ ނަތީޖާއާ ގުޅޭގޮތުން އެ ޓީމުގެ ކޯޗު، ރޮބާޓޯ މާޓީނޭޒް، ސްޕެއިނާއި އާޖެންޓީނާ މިސާލަކަށް ނަގައި ވާހަކަ ދައްކައިފި އެވެ.
ރޭގެ މެޗުގެ ހަ ވަނަ މިނިޓްގައި ޖޮއާއޯ ނެވޭސްގެ ލަނޑުން ޕޯޗުގަލް އިން ލީޑުނެގި އެވެ. އެކަމަކު، 52 އަހަރު ފަހުން ވޯލްޑް ކަޕަަށް އައި ކޮންގޯގެ ޖޮއާން ވިއްސާ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ލަނޑު ޖަހައި އެއްވަރުކުރި އެވެ. ފުރަތަމަ ހާފެކޭ އެއްގޮތަށް ދެ ވަނަ ހާފުގައި ވެސް ޕޯޗުގަލް އިން ފެނުނީ ރޮނާލްޑޯ އަށް ދީގެން ގިނަ އެޓޭކްތައް ކުރިތަނެވެ. އެކަމަކު، އެ ޓީމަށް ލަނޑެއް ނުޖެހި އެއްވަރުވެގެން މެޗު ނިމުނީ އެވެ.
52 އަހަރުގެ މެދުކެނޑުމަކަށްފަހު ވޯލްޑް ކަޕްގައި ކުޅުނު ކޮންގޯއިން، މުބާރާތުގެ ފޭވަރިޓެއް ކަމަށްވާ ޕޯޗުގަލްއާ 1-1 އިން އެއްވަރުކޮށްފި. މި މެޗުގައި ރޮނާލްޑޯ 6 ވޯލްޑް ކަޕްގައި ކުޅުނު ފުރަތަމަ ޔޫރަޕް ކުޅުންތެރިޔާގެ ޝަރަފް ހޯދި ނަމަވެސް، ޕޯޗުގަލްއަށް މެޗުން މޮޅުވެވޭގޮތެއް ނުވި.
އުމުރުން 41 އަހަރުގެ ރޮނާލްޑޯ ބަދަލުނުކޮށް މެޗު ނިންމާލަން މާޓިނޭޒް ނިންމި ނިންމުމަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުވިއިރު، ނޫސްވެރިން ވަނީ އެކަމާ ގުޅޭގޮތުން ސުވާލު ވެސް ކޮށްފަ އެވެ.
"އަހަރެމެން ރޮނާލްޑޯ އަށް ބަލަނީ އޭނަގެ އުމުރަށް ވިސްނައިގެނެއް ނޫން. އޭނަ ދެކޭ ގޮތާއި ވިސްނާ ގޮތަށް ވެސް ބަލައިގެން. އަދި ކުރެވޭނީ ކޮންކޮން ކަމެއްތޯ ވެސް ވިސްނައިގެން. މި ކަހަލަ މެޗެއްގައި، އަހަރެމެން ގޯލެއް ޖަހަންޖެހޭއިރު، ކްރިސްޓިއާނޯ (ރޮނާލްޑޯ) ދަނޑުމަތީގައި ބަހައްޓަންޖެހޭ،" މާޓިނޭޒް ބުންޏެވެ.
ރޭގެ މެޗުގައި ރޮނާލްޑޯ އަށް ލަނޑެއް ނުޖެހި ނިންމާލިއިރު، މިއީ، ބައިނަލްއަގުވާމީ މުބާރާތްތަކުގައި ޖެހިޖެހިގެން ރޮނާލްޑޯ އަށް ލަނޑެއް ނުޖެހި ނިންމާލަން ޖެހުނު 10 ވަނަ މެޗެވެ. މި ނަތީޖާއާ އެކު، ޕޯޗުގަލް އަށް ރަނގަޅަށް ނުކުޅެވުމާއި ނަތީޖާ ނުނެރެވުމުގެ ޕްރެޝަރު ވަނީ ކުރިމަތިވެފަ އެވެ.
އެ ވާހަަކަތަކުން ސަލާމަތްވުމަށްޓަކައި، ބެލްޖިއަމްގެ ކުރީގެ ކޯޗު މާޓިނޭޒް މިސާލެއްގެ ގޮތުގައި ދެއްކީ މީގެ ކުރިން ވޯލްޑް ކަޕްތަކުގައި އާޖެންޓީނާ އާއި ސްޕެއިނުން ހާސިލްކޮށްފައިވާ ކަންތައްތަކުގެ ވާހަކަތަކެވެ.
"މި ކަހަލަ ހާލަތްތައް އެބަހުރި ވޯލްޑް ކަޕްގައި ކުރިމަތިވެފައި. އާޖެންޓީނާ، 2022 ވަނަ އަހަރު ފެށީ ސައުދީ އަރަބިއްޔާ އަތުން ބަލިވެގެން ނިންމީ ޗެމްޕިއަނުންގެ ގޮތުގައި. ދެން، 2010 ވަނަ އަހަރު ސްޕެއިން ވެސް ބަލިވި ފުރަތަމަ މެޗުން ސްވިޒަލެންޑް އަތުން، އެކަމަކު ތަަށި އުފުލާލައިގެން ނިންމާލީ،" މާޓިނޭޒް ބުންޏެވެ.
"ވޯލްޑް ކަޕް ކާމިޔާބު ކުރުމަކީ ހަމަ ހުރެފައި ވާ ކަމެއް ނޫން، އެއީ ޕްރޮަސަސް އެއް،"
މާޓިނޭޒް ބުނީ، ކުރިއަށް ހުރި މެޗުތަކަށް ނުކުންނައިރު، މުޅި ޓީމުން ވެސް އަދި ވަކިވަކި ކުޅުންތެރިން ވެސް އަމިއްލަ އަށް ރަނގަޅު ކުރެވޭނެ ކަންތައްތަކަށް ވިސްނައިގެން ތައްޔާރުވާން ޖެހޭ ކަމަށެވެ. އަދި، ޕޯޗުގަލްގައި އޮތް ޓީމަކީ ހުރިހާ ކަމެއް ވެސް ރަނގަޅު ކުރެވޭނެ ލެވަލްގެ ކުޅުންތެރިން ގިނަ ޓީމެއް ކަމަށް މާޓިނޭޒް ވަނީ ބުނެފަ އެެވެ.
ރޮނާލްޑޯގެ ދިފާއުގައި މާޓިނޭޒް މިސާލު ޖެހީ ސްޕެއިނާއި އާޖެންޓީނާގެ ވާހަކައިން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ