ގޫގުލް ކަލަންޑަރަށް ފޭކު ބިލް ފޮނުވައިގެން ހިންގާ އައު ފިޝިން ސްކޭމެއް!

އީމެއިލް ފިލްޓަރުތަކަށް ނާރާގޮތަށް، ސީދާ ޔޫޒަރުންގެ ގޫގުލް ކަލަންޑަރަށް ފޭކު ބިލިން ނޯޓިސްތައް ފޮނުވައިގެން ހިންގާ ނުރައްކާތެރި އައު ފިޝިން އޮޅުވާލުމެއް ގޫގުލްގެ ޓްރަސްޓް އެންޑް ސޭފްޓީ ޓީމުން ފަޅާއަރުވާލައިފިއެވެ. ސައިބާ ކުށްވެރިން ހިންގާ މި މަކަރުވެރި ކެމްޕޭނުގައި، ބޮޑެތި އަދަދުތަކުގެ ފައިސާ އާއި، ފޭކު ޓްރާންސެކްޝަން އައިޑީތަކުގެ އިތުރުން ގުޅުމަށް ބުނާ ފޯނު ނަންބަރުތައް ހިމަނައިގެން، ސަބްސްކްރިޕްޝަން ރިނިއުވަލް ރިސިޕްޓްތަކެއްގެ ސިފަޔަށް ކަލަންޑަރު އިވެންޓްތައް ދަނީ އޮޓޮމެޓިކުން އިތުރުކުރަމުންނެވެ. މި އޮޅުވާލުމުގެ މަޅީގައި ޔޫޒަރުން ޖެހެނީ ގޫގުލް ކަލަންޑަރުގެ ޑިފޯލްޓް ސެޓިންގްސް ހުންނަ ގޮތުން، ނުދަންނަ ފަރާތްތަކުން ފޮނުވާ އިންވިޓޭޝަންތައް ވެސް އެއްވެސް ހުއްދައަކާ ނުލައި ކަލަންޑަރުން ފެންނަން ހުންނާތީއެވެ. https://sun.mv/223299 ހެކަރުންނަށް މި އޮޅުވާލުން ކާމިޔާބުވުމުގެ މައިގަނޑު ސަބަބަކީ ގޫގުލް ކަލަންޑަރުގެ ޑިފޯލްޓް ސެޓިންގްސް ހުންނަ ގޮތެވެ. ޔޫޒަރުން މި ސެޓިން ބަދަލުނުކުރާހާ ހިނދަކު، މީގެ ކުރިން ދުވަހަކުވެސް މުއާމަލާތްކޮށްފައި ނުވާ ބޭރުގެ ފަރާތްތަކުން ފޮނުވާ އިވެންޓް އިންވިޓޭޝަންތައް ވެސް އޮޓޮމެޓިކުން ކަލަންޑަރަށް އިތުރުވެގެންދެއެވެ. މީގެ މާނައަކީ އެއްވެސް އީމެއިލެއް ނުހުޅުވި ކަމުގައި ވިޔަސް ނުވަތަ "އެކްސެޕްޓް" އަށް ނުފިތިޔަސް، މި ނުރައްކާތެރި އިންވިޓޭޝަން ކަލަންޑަރުން ފެންނަން ހުންނާނެއެވެ. ސައިބާ ސެކިއުރިޓީ ކުންފުންޏެއް ކަމަށްވާ މެލްވެއާބައިޓްސް އިން ވަނީ މިފަދަ ހަރަކާތްތަކެއް ފާހަގަކޮށްފައެވެ. އެ ކުންފުނީގެ ނަމުގައި ސްކޭމްކުރާ ފަރާތްތަކުން ވަނީ ފޭކު ހަތަރު އަހަރުގެ ރިނިއުވަލް ރިސިޕްޓްތަކެއް ފޮނުވައި، ފައިސާގެ މައްސަލަ ޖެއްސުމަށް ގުޅުމަށް ބުނެ ފޯނު ނަންބަރެއް ހިމަނާފައެވެ. މި ނަންބަރަށް ގުޅުމުން، އެމީހުން މަސައްކަތް ކުރަނީ ކްރެޑިޓް ކާޑުގެ މައުލޫމާތު، ބޭންކް ތަފްސީލް ނުވަތަ ކޮމްޕިއުޓަރަށް ރިމޯޓްކޮށް ވަދެވޭނެ ގޮތް ހޯދުމަށެވެ. މިފަދަ ކަލަންޑަރު ފިޝިން އިންވިޓޭޝަންތައް އިނާމު ލިބުނުކަމުގެ ނޯޓިސްތަކުގެ ގޮތުގައާއި، އޮންލައިން ޓްރާންސްފާ އެލާޓްތަކުގެ ގޮތުގައި އަދި މުއްދަތު ހަމަވެފައިވާ އިންވޮއިސްތަކުގެ ގޮތުގައި ވެސް ފެނިދާނެއެވެ. އެހެނިހެން ބައެއް ސްކާމްތައް ފަދައިން، މީގެ ބޭނުމަކީ ވެސް ކުއްލިއަކަށް ފިޔަވަޅެއް އަޅަންޖެހޭ ފަދަ އިހުސާސެއް ޔޫޒަރަށް ކުރުވުމެވެ. މިއިން ރައްކާތެރިވުމަށްޓަކައި އެންމެ ރަނގަޅު ގޮތަކީ ކަލަންޑަރަށް އިވެންޓްތައް އެޅޭ ފަރާތްތައް ލިމިޓްކުރުމެވެ. ކޮމްޕިއުޓަރުން ގޫގުލް ކަލަންޑަރު ހުޅުވުމަށްފަހު، ގިއަރު އައިކަން އަށް ފިތައި "ސެޓިންގްސް" އަށް ގޮސް، "އިވެންޓް ސެޓިންގްސް" ޚިޔާރުކުރަންޖެހެއެވެ. އެތަނުން "އެޑް އިންވިޓޭޝަންސް ޓު މައި ކަލަންޑަރު" ގެ ދަށުން "ފްރޮމް އެވްރީވަން" އިން "އޮންލީ އިފް ދަ ސެންޑާ އިޒް ނޯން" އަށް ބަދަލުކުރަން ޖެހެއެވެ. މިއާއެކު، ނުދަންނަ ފަރާތްތަކުން ފޮނުވާ އިންވިޓޭޝަންތައް ދާނީ ސީދާ އީމެއިލް އިންބޮކްސް އަށެވެ. މިގޮތަށް "އިވެންޓް ސެޓިންގްސް" ބަދަލުކުރުމުން ހަމައެކަނި ކޮންޓްރޯލްވަނީ އެހެން މީހުން ފޮނުވާ ކަލަންޑަރު އިންވިޓޭޝަންތަކެވެ. ޖީމެއިލް އިން އޮޓޮމެޓިކުން އަންނަ ފްލައިޓް ނުވަތަ ހޮޓެލް ބުކިން ފަދަ "އިވެންޓްސް ފްރޮމް ޖީމެއިލް" ސެޓިންގްސް އަށް މީގެން އެއްވެސް ބަދަލެއް ނާންނާނެއެވެ. އަދި މިހާރުވެސް ކަލަންޑަރުން މިފަދަ ޝައްކުކުރެވޭ އިވެންޓެއް ފެނިއްޖެނަމަ، ހަމައެކަނި ޑިލީޓްކޮށްނުލުމަށް ސަލާމަތީ މާހިރުން އިރުޝާދުދެއެވެ. އެ އިވެންޓް ހުޅުވުމަށްފަހު، ތިން ތިކި ޖަހާފައިވާ މެނޫއަށް ގޮސް "ރިޕޯޓް އޭޒް ސްޕޭމް" އަށް ފިތުމަށްފަހު ޑިލީޓްކުރުމުން، ގޫގުލްގެ ސިސްޓަމްތަކަށް މިފަދަ ފޭކް އިވެންޓްތައް ދެނެގަތުމަށް އެހީތެރިވެދޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ