ކޮވިޑްގެ ތެރޭގައި ވަކިކުރި އިތާފުށީގެ މުވައްޒަފުންގެ މުސާރައިގެ މައްސަލަ ކޯޓުން ބޭރުގައި ހައްލުކުރަނީ

ކޮވިޑް-19ގެ ދުވަސްވަރު ދިމާވި މާލީ ތާށިކަމާ ހެދި އިތާފުށި ރިސޯޓުން 16 މުވައްޒަފެއްގެ ވަޒީފާގެ އެއްބަސްވުން އުވާލުމުން، ވަޒީފާގެ އެއްބަސްވުމުގައި އޮތް މުއްދަތަށް މުސާރައާއި އިނާޔަތް ހޯދަން އެ މުވައްޒަފުން ދައުވާކުރި މައްސަލަ ކޯޓުން ބޭރުގައި ހައްލުކުރަން ދެ ފަރާތުން އެއްބަސްވެއްޖެއެވެ.
އެ 16 މީހުންގެ ފަރާތުން ސެޕްޓެމްބަރު 7، 2020ގައި ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ، ވަޒީފާގެ އެއްބަސްވުންތައް އެ މީހުންގެ ރުހުމަކާ ނުލައި ބާތިލުކޮށް، އެއް މަސް ދުވަހުގެ ނޯޓިސް މުއްދަތެއް ދީ އެ މުއްދަތަށް ފައިސާ އާއި ހައްގުވާ ޗުއްޓީގެ އެކި މުއްދަތުތަކަށް ލިބެންވާ ފައިސާ ލިބޭނީ އެ ފަރާތްތަކުން ރިޑަންޑަންސީ އެއްބަސްވުމެއްގައި ސޮއިކުރުމުން ކަމަށެވެ.
އެ މައްސަލަ އެ 16 މުވައްޒަފުންގެ ފަރާތުން ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމުން ބެލި މައްސަލައިގައި އެ ޓްރައިބިއުނަލުން ނިންމީ އެ މީހުން ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާ ބެހޭ ގާނޫނާ ހިލާފަށް ކަމަށެވެ. އަދި އެ ގާނޫނުގެ ދަށުން އެ ފަރާތްތަކުގެ ވަޒީފާގެ އެއްބަސްވުމުގެ ބާކީ އޮތް މުއްދަތާ ހަމައަށް މުސާރައާއި އިނާޔަތްތައް ދިނުމަށް އެ ޓްރައިބިއުނަލުން އަންގާފައިވެއެވެ.
އެ ނިންމުން އިތާފުށި ރިސޯޓުގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފުކުރި ނަމަވެސް، ހައިކޯޓުން އާންމުކޮށްފައިވާ އެ މައްސަލަައިގެ ނިންމުމުން އެނގޭ ގޮތުގައި އެ މައްސަލަ ކޯޓުން ބޭރުގައި ހައްލުކުރަން ދެ ފަރާތުން ވަނީ އެއްބަސްވެފައެވެ. އެހެންވެ، އިތާފުށި ރިސޯޓުން ހައިކޯޓަށް ހުށަހެޅި އިސްތިއުނާފު މައްސަލައިގެ އިތުރުން، އެ މުވައްޒަފުންގެ ފަރާތުން ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓާއިން ހައިކޯޓަށް ހުށަހެޅި އިތުރު އިސްތިއުނާފީ މައްސަލަ ވެސް އަނބުރާ ގެންގޮސްފައިވާކަން އެ ނިންމުމުން އެނގެއެވެ.
ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ނިންމި ނިންމުމުގައި އެ 16 މުވައްޒަފުންނަށް އެއްބަސްވުމުގައި ބާކީ އޮތް މުއްދަތަށް ލިބެން ޖެހޭ ފައިސާގެ ގޮތުގައި ޖުމްލަ 87،610 ޑޮލަރު (1.35 މިލިއަން ރުފިޔާ) ދޭންޖެހޭ ކަމަށް ކަނޑައަޅާފައިވެއެވެ. އޭގެ ތެރެއިން އެއް މުވައްޒަފަށް ލިބެން ޖެހޭ ފައިސާގެ އަދަދު 14،687 ޑޮލަރަށް އަރައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ