ކޮންގޯގައި ހަތިޔާރު އެޅި ބަޔަކު ހޮސްޕިޓަލަކަށް ވަދެ އެބޯލާ ޖެހިފައިވާ ކުއްޖަކު ރަހީނުކޮށްފި

ކޮންގޯގެ އިރުމަތީ ސަރަހައްދެއްގައި ހުންނަ ސިއްހީ މަރުކަޒަކަށް ހަތިޔާރުއަޅައިގެން ތިބި ގްރޫޕަކުން ވަދެގަނެ، އެބޯލާ ބައްޔަށް ފަރުވާ ހޯދަމުންދިޔަ އުމުރުން އެންމެ ހަ އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމަ މަޖުބޫރުން ގަދަކަމުން ގެންގޮސްފިއެވެ.
މި ހާދިސާ ހިންގި މީހުންނަކީ އެ ކުއްޖާގެ އާއިލާއަށް ނިސްބަތްވާ ބައެއްކަން ނުވަތަ ނޫންކަން އަދި ސާފުވެފައި ނުވާއިރު، މިފަދަ އަމަލެއް ހިންގަން މެދުވެރިވީ އެ ގައުމުގައި ފެތުރެމުންދާ އެބޯލާ ބަލިމަޑުކަމާ ގުޅިގެން އާންމުންގެ މެދުގައި އުފެދިފައިވާ ބިރުވެރިކަމާއި، ފަރުވާދޭ މަރުކަޒުތަކަށް ކުރާ އިތުބާރު ކުޑަވުމުގެ ސަބަބުން ކަމަށް ބެލެވެއެވެ.
މިހާރު ކޮންގޯގައި ހަލުވިކަމާއެކު ފެތުރެމުންދާ މި ބަލިމަޑުކަމުގައި މިހާތަނަށް 840 އަށްވުރެ ގިނަ މީހުންނަށް ބަލިޖެހި، އޭގެ ތެރެއިން ގާތްގަނޑަކަށް 200 އެއްހާ މީހުން ވަނީ ފުރާނަ ގެއްލިފައެވެ.
ސިއްހީ އެހީތެރިންނަށް އަމާޒުކޮށް ދެވޭ ހަމަލާތައް އިތުރުވަމުންދާއިރު، މިދިޔަ މަހުވެސް މޮންގްބްވާލޫ އަވަށުގައި ބަލީގައި މަރުވި މީހުންގެ ހަށިގަނޑުތައް ގަދަކަމުން ގެންދަން އުޅުނު އާންމުން ހުއްޓުވަން ފުލުހުންނަށް ވަނީ ވައިގެ ތެރެއަށް ބަޑިޖަހަން މަޖުބޫރުވެފައެވެ.
އެބޯލާ ޖެހިގެން މަރުވާ މީހުންގެ ހަށިގަނޑަކީ ވައިރަސް ފެތުރުމުގެ އެންމެ ބޮޑު ނުރައްކަލެއް އޮންނަ މަސްދަރަށް ވާއިރު، ހާއްސަކޮށް ވަޅުލުމަށް ހަށިގަނޑު ތައްޔާރުކުރާ ވަގުތަކީ ބަލި ފެތުރެން އެންމެ ފަސޭހަ ވަގުތެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ހާމަކޮށްފައިވާ ގޮތުގައި، މިފަހަރު ފެތުރެނީ އެބޯލާގެ ވަރަށް މަދުން ފެންނަ ނުރައްކާތެރި ބާވަތެއް ކަމަށްވާ "ބުންޑިބުގްޔޯ" ވައިރަހެވެ. މި ބާވަތަށް ހާއްސަ ވެކްސިނެއް މިހާތަނަށް އުފެއްދިފައި ނުވާއިރު، އާ ވެކްސިނެއް ތައްޔާރުކޮށް ނިންމުމަށް އަދި ގިނަ މަސްތަކެއް ނަގާނެ ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ