ސަރުކާރުން 2.5 ބިލިއަން ރުފިޔާ ހޯދާ ގޮތެއް ސާފެއް ނޫން: ސަޢީދު

ސަރުކާރުގެ ފަރާތުން 2.5 ބިލިއަން ރުފިޔާގެ ސްޓިމިއުލަސް ޕެކޭޖެއް އިޢުލާނުކޮށްފައިވާއިރު މިޕެކޭޖަށް ސަރުކާރުން ފަންޑު ހޯދަނީ ކިހިނެއްކަން ސާފުކޮށްދެވިފައިނުވާ ކަމުގައި ރައްޔިތުން މަޖިލިހުގެ މާވަށު ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނައިބުރައީސް މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. ސަޢީދު މިފަދައިން ވިދާޅުވީ ރޭ ޗެނަލް-13 ގައި ކުރިއަށް ދިޔަ ޕްރޮގުރާމެއްގައި ވާހަކަދައްކަވަމުންނެވެ. ސަޢީދު ފާހަގަކުރެއްވި ގޮތުގައި 162 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ 2.5 ބިލިއަން ދިވެހި ރުފިޔާގެ ޕެކޭޖެއް ވިޔަފާރިތަކަށް އެހީތެރިވުމަށް ސަރުކާރުން އެކުލަވައިލި ކަމުގައި ބުނާއިރު އެފައިސާ ހޯދާނެ ގޮތެއް ސަރުކާރުން ބަޔާންކޮށްދީފައިނުވެއެވެ. އެ ފައިސާއަކީ އައިއެމްއެފާއި، ވޯލްޑް ބޭންކާއި އައިޑީބީއާއި އޭޑީބީ އަދި އޭއައިއައިބީ ފަދަ ބޭންކުތަކުން ހޯދާ ފައިސާކަން ނުވަތަ ނޫންކަން ސަރުކާރުން މިހާތަނަށް ބުނެދީފައިނުވާކަން ސަޢީދު ފާހަގަކުރެއްވިއެވެ. އަދި އެއީ މިގޮތަށް ލޯނު ނަގައިގެން ހޯދާ ފައިސާ ކަމުގައިނުވާނަމަ އެއީ ޓީބިލް އިޝޫކޮށްގެން މަރުކަޒީ ބޭންކުން ދަރަންޏަށް ފައިސާ ނަގައިގެން ކަމުގައިވާނަމަ އެކަންވެސް އެނގެންޖެހޭ ކަމުގައި ސަޢީދު ވިދާޅުވިއެވެ. އޭގެ އިތުރަށް ސަޢީދު ވިދާޅުވީ މިކަންކަން ސާފުނުވާތީ އެކަންކަން ސާފުކުރަން ބޭނުންވާ ވާހަކަ ރައްޔިތުން މަޖިލިހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އަރިހުގައި ސިޓީއެއް މެދުވެރިކުރައްވައި ވިދާޅުވެފައި ވާނެ ކަމުގައެވެ. އަދި އޭގެ އިތުރަށް މިޕެކޭޖުގެ ސަބަބުން އެންމެ އާދައިގެ ރައްޔިތުންނަށް ލިބޭނެ ފައިދާއެއްވެސް ސާފުކޮށް ބަޔާންކުރެވިފައި ނެތް ކަމުގައިވެސް ސަޢީދު ވިދާޅުވިއެވެ. އޭގެ އިތުރަށް ޗައިނާ އިސްވެ އޮވެ އުފައްދާފައިވާ އޭޝިއަން އިންފްރަސްޓްރަކްޗަރ އިންވެސްޓްމެންޓު ބޭންކާ ގުޅޭ ގޮތުންވެސް ސަޢީދު ވާހަކަދެއްކެވިއެވެ. ސަޢީދު ފާހަގަކުރެއްވި ގޮތުގައި މިބޭންކުގެ ތައުސީސީ މެންބަރެއްގެ ގޮތުގައި ރާއްޖެއިން ބައިވެރުމަށް ނިންމުމުން އެއިރު އިދިކޮޅު ފަރާތްތަކުގެ ގޮތުގައި ތިއްބެވި މިހާރު ސަރުކާރު ހިންގާ ފަރާތްތަކުން އެކަމަށް ވަރަށް ބޮޑަށް ފާޑުކިޔާފައިވެއެވެ. އެގޮތުން އޭއައިއައިބީގައި ބައިވެރިވުމަކީ ބޭކާރު ކަމެއް ކަމުގައާއި ބަޔަކު ބޭންކެއް ހެދީމައި އޭގައި ބައިވެރިވާންޖެހޭތޯ އެއިރު ސުވާލުކޮށްފައިވާކަން ސަޢީދު ފާހަގަކުރެއްވިއެވެ. ސަޢީދު އޭގެ އިތުރަށް ފާހަގަކުރެއްވި ގޮތުގައި މިހާރު ދިވެހިރާއްޖެއަށް ދަތި އުދަގޫ ވަގުތެއް ކުރިމަތިވުމުން މިއޮތީ އެބޭންކުގެ އެހީތެރިކަމަށްވެސް އެދެންޖެހިފައި ކަމުގައެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ