ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ސޯޝަލް މީޑިއާގައި މަލާމާތް ކުރާތީ ސަރުކާރުން އެކަން ކުށްވެރިކޮށްފި

ނުކުޅެދުންތެރިކަން ހުންނަށް މީހުންނަށް ސޯޝަލް މީޑިއާގައި މަލާމާތް ކުރާކަން ފާހަގަ ކުރެވޭ ކަމަށާއި އެފަދަ ކަންކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށް ހެލްތު މިނިސްޓްރީ އިން ބުނެފި އެވެ. 
ހެލްތު މިނިސްޓްރީ އިން ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ބުނީ، ސޯޝަލް މީޑިއާގައި ދައުރުވާ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ފޮޓޯ އާއި ވީޑިއޯތަކަށް މަލާމާތް ރައްދުވާ ގޮތަށް އަދި އެފަދަ މީހުންގެ ކަރާމާތަށް އުނިކަން ލިބޭ ފަދަ ގޮތަކަށް ފާޑުކިޔަމުންދާ ކަމަށެވެ. 
"އެކަން މި މިނިސްޓްރީ އާއި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ހިމާޔަތް ކުރާ ކައުންސިލުގެ ފަރާތުން ނުހަނު ކަންބޮޑުވާ ހާލު، އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަން،" އެ ބަޔާނުގައި ބުނެފައިވެ އެވެ. 
ހެލްތު މިނިސްޓްރީ އިން ނެރުނު ބަޔާނުގައި އިތުރަށް ފާހަގަކޮށްފައި ވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާމެދު ތަފާތު ނުކުރުމާއި ހަމަހަމަ ފުރުސަތު ލިބުމާއި އިހްތިރާމް ލިބިގަތުމަކީ ގާނޫނުން އެފަދަ މީހުންނަށް ލިބިދޭ ހައްގެއް ކަމަށެވެ. 
"ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ކަރާމާތަށް އިހްތިރާމް ކުރުމާއި އަމިއްލަވަންތަކަމާއި އިޖުތިމާއީ ހަރަކާތްތަކުގައި ބައިވެރިވުމުގެ ހަމަހަމަ ފުރުސަތު މިނިވަންކަމާއެކު ލިބުމަކީ އެ ފަރާތްތަކަށް ލިބިގެންވާ ހައްގެއް،" އެ ބަޔާނުގައި ބުނެފައިވެ އެވެ.
ސޯޝަލް މީޑިއާގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މަލާމާތް ކުރުމަކީ، ނުކުޅެދުންތެރިކަން ހުންނަ މީހުން ޝާމިލުވާ މުޖްތަމައެއް ބިނާކުރަން އޮތް ހުރަހަކަށް ކަމަށެވެ. އަދި އެފަދަ ކަންކަމުގެ ސަބަބުން ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އެމީހުންގެ އާއިލާއަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމަށް ހެލްތު މިނިސްޓްރީ އިން ބުންޏެވެ. 
"މިފަދަ ކަންތައްތައް ތަކުރާރު ނުކުރުމަށާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުތައް ކަށަވަރު ކުރުމަށް ދައުލަތުން ކުރާ ބުރަ މަސައްކަތުގައި އެންމެހާ ފަރާތްތަކުން އަތުގުޅާލާ އެކުގައި މަސައްކަތް ކުރުމަށް އިލްތިމާސް ކުރަން،" އެ ބަޔާނުގައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ