ކުށުގެ ވެށީގައި އުޅޭ ކުޑަކުދިން އިސްލާހު ކުރުމަށް ހަދާ "ހޯޕް އައިލެންޑް"އަކީ މި މުޖުތަމައުގައި އުޅޭ ކުށްކުރާ ކުދިންގެ އަދަދު މަދުކުރުމަށް އޮތް ޒަމާނީ އެއް ހައްލު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުން ގެނެސްދޭ "ޕަލްސް" ޕޮޑްކާސްޓު ސިލްސިލާގެ ތިންވަނަ އެޕިސޯޑުގައި ރައީސް ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމުގައި މި ސަރުކާރުން ގެންގުޅޭ މައިގަނޑު ސިޔާސަތަކީ އެކަމުގެ ތެރެއަށް ވަދެފައި ތިބި ޒުވާން ކުދިން އެކަމުން ސަލާމަތްކޮށް، އެ ކުދިންނަކީ މުޖުތަމައުއަށް ބޭނުންހިފޭ، އަބުރުވެރި އަދި ބިނާކުރަނިވި ގޮތެއްގައި ދިރިއުޅޭ ކުދިންތަކެއްގައި ކަމުގައި ހެދުން ކަމަށެވެ.
މަސްތުވާތަކެތީގެ މައްސަލައަށް ހާއްސަކުރި އެ އެޕިސޯޑްގައި ރައީސް ވިދާޅުވީ މަސްތުވާތަކެތީގެ ތެރެއަށް މީހުން ވަންނަ ސަބަބުތައް ވަރަށް ގިނަ ކަމަށާއި އަދި އެކަން ބޮޑަށް ގުޅިފައިވަނީ އިޖުތިމާއީ އެކި މައްސަލަތަކާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އެހެންވެ، މަސްތުވާތަކެތީގެ މައްސަލަ ހައްލު ކުރެވޭނީ އެ މައްސަލައިގެ އަސްލު ސަބަބު ހޯދައި، އެ ކަންކަން އިސްލާހުކޮށްގެން ކަމަށް ރައީސް ވިދާޅުވި އެވެ.
ގޯތިގެދޮރުގެ މައްސަލަ އާއި ސަރުކާރުތަކުން ތަރައްގީ ހާސިލުކުރުމަށް ގެންގުޅެފައިވާ ސިޔާސަތުގެ މައްސަލައަކީ ވެސް އެކަމުގެ ފަހަތުގައިވާ ސަބަބުތަކެއް ކަމަށް ރައީސް ވިދާޅުވި އެވެ.
"މިސާލަކަށް ގޯތިގެދޮރުގެ މައްސަލަ. މުޅި ރާއްޖޭގެ ތަރައްގީ ހާސިލްކުރުމަށްޓަކައި މިދިޔަ ސަރުކާރުތަކުން މިއަދާ ހަމައަށް ގެންގުޅެފައިވާ ސިޔާސަތުގެ ވެސް މައްސަލަ އެބައުޅޭ. މިސާލަކަށް ބަލަމާ ހިނގާ ހިޔާ ފްލެޓް ސަރަހައްދު އިނގޭތޯ. ހިޔާ ފްލެޓް ސަރަހައްދުގައި ވަރަށް ގިނަ ތި ވިދާޅުވި ކަހަލަ ކުށްކުރާ ކުދިން ނޫނިއްޔާ ކުށް ކުރުމަށް ވަލްނަރަބަލް، އެކަން ކުރަން ފަށާފާނެ ކުދިން،" ރައީސް ވިދާޅުވި އެވެ.
"ސަރުކާރުގެ މަސައްކަތަކީ ރޫޓްކޯޒްތަކަށް ދިއުން ކަމަށް ވާތީ، ހައުސިން މައްސަލަ ހައްލުކުރުމަކީ އެންމެ ބޮޑު އެއް ކަންތައް. އެކަށީގެންވާ ޖޮބް އޮޕޮޗިއުނިޓީސް އިތުރުކުރުމަކީ އެއް ކަންތައް. ޒުވާނުންނަށް އެކި ކަހަލަ އާމްދަނީ ހޯދޭނެ ފުރުސަތުތައް ފަހިކޮށްދިނުމަކީ އޭގެ ތެރޭގައި ހިމެނޭ ކަމެއް." ރައީސް ވިދާޅުވި އެވެ.
އޭގެ އިތުރުން ރަނގަޅު ސިއްހީ ނިޒާމެއް ގާއިމްކު ރުމާއި ތައުލީމާއި ތަމްރީނުގެ ފުރުސަތުތައް ފަހިކޮށްދިނުމަކީ، މަސްތުވާތަކެތީގެ މައްސަލައަށް ވަށާޖެހޭ ހައްލެއް ހޯދުމަށް ކުރަން ޖެހޭ ކަންކަން ކަމަށް ރައީސް ވިދާޅުވި އެވެ.
"މި ހުރިހާ ކަމެއް ގުޅިފައި އެބައޮތް މަސްތުވާތަކެއްޗާއި ނުވަތަ ކުށްކުރުމުގެ ތެރެއަށް ޒުވާން ކުދިން ވަނުން، ދިއުމަށް. އެހެންވީމަ، ރޫޓްކޯޒްތަކަށް އެޑްރެސްކުރާނެ ވާހަކަ މި ދަންނަވަނީ." ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ކުށްކުރާ ކުދިންނަށް އިސްލާހުވުމުގެ ފުރުސަތު ނުވަތަ ރިހިބިލިޓޭޝަން ދެވޭނެ ރަނގަޅު ނިޒާމެއް ވެސް ގާއިމްކުރަން ޖެހޭ ކަމަށެވެ. އަދި މި ސަރުކާރުން އުތުރުތިލަފަޅުގައި ހަދާ "ހޯޕް އައިލެންޑް"އަކީ މިކަމަށް އޮތް ޒަމާނީ އެއް ހައްލު ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ "ހޯޕް އައިލެންޑް" މަސައްކަތްތައް އެކި މަރުހަލާގައި ކުރިއަށް ދާ ކަމަށެވެ. އަދި އެ މަޝްރޫއުއަށް ފައިސާ ހޯދުމަށް ގިނަ ދުވަސްތަކެއް ހޭދަވެފައި ވިޔަސް، އެ މަސައްކަތް ކުރުމަށް ހުށަހަޅާފައި ހުރި ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރުމުގެ މަރުހަލާ މިހާރު ކުރިއަށް ދާ ކަމަށް ރައީސް ވިދާޅުވި އެވެ.
The most trusted news source in the Maldives
"ހޯޕް އައިލެންޑް" ތަރައްގީ ކުރާނެ ބަޔަކު ހޯދަން ހޯމް ލޭންޑް ސެކިއުރިޓީ މިނިސްޓްރީން އިއުލާނުކުރީ މިދިޔަ އަހަރުގެ އެޕްރީލް މަހު އެވެ.
"ހޯޕް އައިލެންޑް" ތަރައްގީކުރަނީ ކުށުގެ ވެށީގައި އުޅޭ ކުދިން އިސްލާހުކޮށް، މުޖުތަމައުއަށް އަނބުރާ ގެނައުމަށްޓަކައި ސިފައިންނާއި ފުލުހުންނާއި ކަމާބެހޭ އިދާރާތަކާ ގުޅިގެން އެ ކުދިންނަށް ޕްރޮގްރާމްތަކެއް ހިންގާ ގޮތަށެވެ.
ހޯޕް އައިލެންޑަކީ ކުށްކުރާ ކުދިން މަދުކުރުމަށް އޮތް ޒަމާނީ އެއް ހައްލު: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ