ވ. ތިނަދޫ ކައުންސިލް ރައީސްގެ ގޮނޑި ގެއްލިއްޖެ ކަމަށް އެލްޖީއޭއިން ކަނޑައަޅައިފި

މި ހިނގާ ކައުންސިލުގެ ދައުރު ފެށުނު ފަހުން ޕާޓީ ބަދަލުކުރި ކަމަށް ބުނެ ވ. ތިނަދޫ ކައުންސިލުގެ ރައީސް ޝުޖާއު އަލީގެ ގޮނޑި ގެއްލިއްޖެ ކަމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ކަނޑައަޅައިފި އެވެ.
އެލްޖީއޭއިން ދާދި ދެންމެއަކު ނެރުނު ނޫސްބަަޔާނެއްގައި ބުނީ މި އަހަރު އޮތް ލޯކަލް ކައުންސިލް އިންތިހާބަށްފަހު، އޭނާ އިންތިހާބުވި ޕާޓީ ނޫން އެހެން ޕާޓީއެއްގައި މެއި 19، ގައި ދަފުތަރުވެފައިވާކަން އިލެކްޝަންސް ކޮމިޝަނުން އެލްޖީއޭއަށް އެންގި ކަމަށެވެ.
ލޯކަލް ކައުންސިލް އިންތިހާބުގައި ޝުޖާއު ވާދަކުރެއްވީ ދަ ޑިމޮކްރެޓްސްގެ ޓިކެޓުގަ އެވެ. ނަމަވެސް، ގާނޫނީ ގޮތުން ލާޒިމުކުރާ އަދަދަށް މެންބަރުން ނެތުމުގެ ސަބަބުން، ދަ ޑިމޮކްރެޓްސް އުވައިލިކަން އޭޕްރިލް 11، 2026 ގައި އޮތީ އިލެކްޝަންސް ކޮމިޝަނުން އަންގައިފަ އެވެ.
ޝުޖާއު މީގެ ކުރިން އަދަދު އަށް ވިދާޅުވީ އޭނާ އެމްޑީޕީއާ ގުޅުނީ ދަ ޑިމޮކްރެޓްސް ޕާޓީ އުވާލިކަން އެ ޕާޓީއަށް އެންގުމުން ކަމަށެވެ.
"ޕާޓީއެއް އުވާލުމާ ގުޅިގެން އެހެން ޕާޓީއަކާ ގުޅުމަކީ ކައުންސިލްގެ ގޮނޑި ގެއްލެންޖެހޭނެ ސަބަބެއް ކަމަށް ގަބޫލެއް ނުކުރަން،" ކުރިން ވ. އަތޮޅު ކައުންސިލްގެ ރައީސްކަން ކުރެއްވި ޝުޖާއު ވިދާޅުވި އެވެ. 
އެލްޖީއޭއިން މިއަދު ނެރުނު ބަޔާނުގައި ބުނީ ގާނޫނުގައިވާ ހަމަތަކުގެ މަތިން ޝުޖާއުގެ ގޮނޑި ހުސްވެއްޖެ ކަމަށް ކަނޑައަޅައި އެކަން އިލެކްޝަންސް ކޮމިޝަނަށް އަންގަން އެލްޖީއޭގެ ބޯޑުން ނިންމާފައިވާ ކަމަށް އެ ބަޔާނުގައި ބުންޏެވެ.
"ވ. ތިނަދޫ ކައުންސިލްގެ ރައީސް، ޝުޖާއު އަލީ މަގާމު ހުސްވެއްޖެކަން އިލެކްޝަންސް ކޮމިޝަނަށް އެންގުމަށް ޖޫން 30، 2026 ވަނަ ދުވަހު ބޭއްވި މި އޮތޯރިޓީގެ ބޯޑުގެ 2026 ވަނަ އަހަރުގެ އަށްވަނަ ބައްދަލުވުމުން ވަނީ ނިންމައިފަ އެވެ." އެލްޖީއޭއިން ބުންޏެވެ.
 ޝުޖާއުގެ ގޮނޑި ގެއްލިއްޖެ ކަމަށް އެލްޖީއޭއިން ކަނޑައެޅިއިރު، މިއަދާ ހަމައަށް އޭނާ ހުރީ ކައުންސިލް ރައީސްގެ މަގާމުތަކުން އެއްކިބާކޮށްފަ އެވެ. ޝުޖާއުއަކީ އިންތިހާބުވި ޕާޓީ ނޫން އެހެން ޕާޓީއަކަށް ސޮއިކޮށްގެން ގޮނޑި ގެއްލުނު ފުރަތަމަ ކައުންސިލަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ