ސިއްހީ ދާއިރާގެ ބޭނުމަށް އެތެރެކުރާ އިތުރު ބާވަތްތަކެއްގެ ޑިއުޓީ މަޢާފުކޮށްފި

ސިއްހީ ދާއިރާގެ ބޭނުމަށް އެތެރެކުރާ އިތުރު ބާވަތްތަކެއްގެ ޑިއުޓީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް މައާފުކޮށްދެއްވައިފިއެވެ.
މިކަން ހާމަކޮށް މޯލްޑިވްސް ކަސްޓަމްސްއިން ބުނީ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާ މުއްދަތުގެ ތެރޭގައި ދިވެހިރާއްޖެއަށް އެތެރެކުރުމަށް އެދޭ މުދަލުގެ ތެރެއިން، ސިއްހީ ދާއިރާގެ ބޭނުމަށް އެތެރެކުރާ ގޮގުލްސް، ޕްރޮޓެކްޓިވް ގައުންސް އަދި ކަވަރއޯލް، ހަޒްމަޓް ސޫޓްސް، ސަރޖަންސް ކެޕްސް އަދި ޝޫ ކަވަރު ފަދަ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ބޭނުންވާ ތަކެތީގެ އިމްޕޯޓު ޑިއުޓީއާއި އެތަކެއްޗަށް ނެގޭ ޕްރޮސެސިންގ ފީ ރައީސުލްޖުމްހޫރިއްޔާ މައާފުކޮށްދެއްވާފައިވާ ކަމަށެވެ.
މިތަކެތީގެ ޑިއުޓީ މައާފުކޮށްދެއްވާފައި ވަނީ ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓު ގާނޫނުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިޚްތިޔާރުގެ ދަށުން، އިމްޕޯޓު ޑިއުޓީ މައާފުކުރުމާއި، މައާފުކުރުމުގައި އަމަލުކުރާނެ އުސޫލުގެ ދަށުން ކަމަށް ކަސްޓަމްސްއިން ބުނެއެވެ.
އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާންކޮށްފައިވާ މުއްދަތުގެ ތެރޭގައި ދިވެހިރާއްޖެއަށް އެތެރެކުރުމަށް އެދޭ މުދަލުގެ ތެރެއިން، ރައްކާތެރިކަމުގެ ގޮތުން ބޭނުންކުރެވޭ އަންގިއާއި މާސްކާއި ފޭސް ޝީލްޑް، އަދި އަތްދޮންނަން ބޭނުންކުރާ ތަކެއްޗާއި ސެނިޓައިޒަރ ފަދަ ބައެއް ބާވަތްތަކުގެ އިމްޕޯޓު ޑިއުޓީ ރައީސުލްޖުމްހޫރިއްޔާ ވަނީ މީގެ ކުރިންވެސް މައާފުކޮށްދެއްވާފައެވެ.
މާޗު މަހުގެ 22 ވަނަ ދުވަހު ކަސްޓަމްސްއިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ޑިއުޓީ މާފުކޮށްދީފައިވަނީ ހޭންޑް ސެނިޓައިޒާ، މާސްކު، ފޭސް ޝިލްޑު އަދި އަތް ދޮންނަ ސައިބޯނި ފުޅީގެ އިތުރުން ސިއްޙީ ޚިދުމަތްދޭ ފަރާތްތަކުން ބޭނުންކުރާ އަންގި އާއި ތަންތަން ސާފުކުރުމަށް ބޭނުންކުރާ ޑިސްއިންފެކްޓެންޓް އިން އިމްޕޯޓް ޑިއުޓީ އާއި ޕްރޮސެސިންގ ފީތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު މާފުކޮށްދެއްވާފައިވާ ކަމަށެވެ.
ކަސްޓަމްސްއިން މީގެކުރިން ބުނީ މާސްކާއި ސެނިޓައިޒާއިން ނަގަމުން އައި އިމްޕޯޓް ޑިއުޓީ މައާފުކޮށްދީފައިވަނީ ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓް ގާނޫނުގެ 8 ވަނަ މާއްދާގެ (ހ) އާއި (ށ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިޚްތިޔާރުގެ ދަށުން އިމްޕޯޓް ޑިއުޓީ މައާފުކުރުމާއި، މައާފުކުރުމުގައި އަމަލުކުރާނެ އުސޫލުގެ 8 ވަނަ މާއްދާގެ (ހ) އާއި (ރ) ގެ ދަށުން ކަމަށެވެ.
ސާޖިކަލް މާސްކްގެ ޑިއުޓީއަށް ކަސްޓަމްސްއިން ނަގަމުން އައީ 15 ޕަސެންޓެވެ. ސެނިޓައިޒާގެ ޑިއުޓީއަށް ނަގަމުން އައީ 10 ޕަސެންޓެވެ.
ކޮވިޑް-19 އިން ސަލާމަތްވުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކުގައި ގިނަ ގޮންޖެހުންތަކެއް ހުރިނަމަވެސް ސަރުކާރުން އަންނަނީ އެ ގޮންޖެހުންތަކާ އެކު ރައްޔިތުންނަށް ސިއްހީ ދާއިރާއިން ކަންކަން ފަހިކޮށްދެމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ