ކޮރޯނާ ވައިރަސް ރާއްޖެއަށް ފެތުރުނަ ނުދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް އެންމެ އެކަށީގެންވާ ގޮތުގައި ރައްޔިތުންގެ ފަރާތުން އެއްބާރުލުން ލިބެމުން ނުދާ ކަމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ތަކުރާރުކޮށް ދަނީ ބުނަމުންނެވެ.
މިފަހަރު އަނެއްކާވެސް އެކަހަލަ ޝަކުވާއެކެވެ.
ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީ މަބްރޫކް އަޒީޒް ވިދާޅުވީ މިހާތަނަށް ރާއްޖެއިން ވައިރަސްއަށް ޕޮސިޓިވްވި މީހުންނާއި ގުޅުން ހުރި މީހުން ހޯދުމަށް އެޗްޕީއޭއިން ކުރި މަސައްކަތަށް އެއްވެސް މީހަކު އަމިއްލައަށް އިސްނަގައިގެން މައުލޫމާތު ދީފައި ނުވާ ކަމަށެވެ. މަބްރޫކް ވިދާޅުވީ ކޮންމެ ކޭސްއަކާއި ގުޅިގެން ޖެހެނީ އެމީހާ އާއި ގުޅުން ހުރި މީހުން ހޯދަން ސުވާލުކޮށް އެކަކު ކައިރިން އަނެކަކު ކައިރިން މައުލޫމާތު ހޯދާށެވެ.
އޭގެ ބަދަލުގައި އެމީހަކާއި ގުޅުން ހުރި މީހަކު ޓެސްޓު ކުރާނަމަ އަމިއްލައަކަށް އެ ފަރާތަކާއި ދިމާވެފައިވާކަމުގެ މައުލޫމާތު ހިއްސާކޮށް، ބަލި އިތުރަށް ފެތުރަ ނުނިދުމަށް އެއްބާރުލުން ދިނުމަށް އެދިވަޑައިގެންނެވި އެވެ.
މިކަމާ ގުޅޭގޮތުން މަބްރޫކް ވާހަކަ ދެއްކެވީ ބެލްއިމްގެ ފުޓުބޯޅަ ކުޅުންތެރިޔާ މައުރޯނޭ ފެލައިނީ ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައި ދިޔަ ފަހުން ވައިރަހަށް ޕޮސިޓިވްވި ކަން އޭނާ ހާމަކޮށްފައިވާތީ އެޗްޕީއޭއިން ކުރަމުންދާ މަސައްކަތާއި ގުޅޭގޮތުން ވާހަކަދައްކަވަމުންނެވެ. އޭނާ ވިދާޅުވީ ރެއާ ހިސާބަށް ފެލައިނީ އާއި ސަލާމްކޮށް ފޮޓޯ ނަގާ ހެދި މީހަކު އަމިއްލައަށް އެޗްޕީއޭއަށް ގުޅާފައި ނުވާ ކަމަށެވެ.
ކަމުގެ ސީރިއަސް ކަމާއި ނުރައްކާތެރިކަން ނުވިސްނަނީ ކީއްވެތޯ މަބްރޫކް ސުވާލު ކުރެއްވި އެވެ. އަދި ވިދާޅުވީ އެންމެ މީހެއް ފަރާތުންވެސް މުޅި މުޖުތަމައުއަށް ބަލި ފެތުރުމުގެ ފުރުސަތު އޮތުމުން އަމިއްލަ ފަރުދީ ޒިންމާ ނަގައިގެން ކަމެއް ކޯވިޑް-19 އާއި ގުޅުން ހުރި ކަމެއް ނުވަތަ ޝައްކު ކުރެވޭ އަލާމާތެއް ފެންނަ ނަމަ އަމިއްލައަށް ގުޅަން އިލްތިމާސް ކުރައްވާ ކަމަށެވެ.
މިހާތަނަށް ރާއްޖެއިން ވައިރަސްއަށް13 މީހަކު ޕޮސިޓިވްވެފައިވެ އެވެ. އޭގެ ތެރެއިން ތިން މީހަކު ވަނީ ރަނގަޅުވެފައި އެވެ.
މަބްރޫކްގެ ހިތްހަމަ ނުޖެހުން މިފަހަރު ޕޮސިޓިވް ކޭސްތަކާއި ގުޅުން ހުރި މީހުންނަށް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ