ރައީސް މައުމޫން ރައީސް ސާލިހް އާ ބައްދަލުކުރައްވައިފި
ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް، ރައީސް އިބްރާހިމް މުހައްމަދު ސާލިހާއި ބައްދަލު ކުރައްވައިފިއެވެ. ދެ ރައީސުން ބައްދަލުކުރައްވާފައިވަނީ މިއަދުގެ ވަގުތެއްގައެވެ.އެކަން ހާމަކުރައްވާ ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގައި ހުރި މައްސަލަތަކާ މެދު މި ބައްދަލުކުރެއްވުމުގައި މަޝްވަރާ ކުރެވުނު ކަމަށެވެ.ނަމަވެސް މަޝްވަރާ ކުރެއްވި ކަންކަމާ ގުޅޭ އިތުރު ތަފްސީލެއް މައުމޫން ދެއްވާފައެއް ނުވެއެވެ.ދެރައީސުން ބައްދަލުކުރައްވާފައިވާ އިރު، ކޮރޯނާވައިރަހާ ގުޅިގެން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބު ފަސްކުރަން މައުމޫން އިއްޔެ ވަނީ ގޮވާލައްވާފައެވެ.އެހެންނަމަވެސް އެމްޑީޕީ އާއި އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ އިސްވެރިން ވަނީ މިކަމާ ދެކޮޅު ހައްދަވާފައެވެ. އަދި އިންތިޚާބު ފަސް ކުރަންޖެހޭ އެއްވެސް ހާލަތެއް އަދި ރާއްޖޭގައި ނެތް ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފުވެސް މިއަދު ވަނީ ވިދާޅުވެފައެވެ.ކޮރޯނާ ވައިރަހަށް މިހާތަނަށް ރާއްޖެއިން 8 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. ކައުންސިލް އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ