އިރާގުގެ ގާނޫނު ހަދާ މަޖިލީހުގެ އިންތިހާބުގެ ނަތީޖާއާއި މެދު ސުވާލުއުފެއްދޭ ކަމަށްބުނެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ބެލުމަށް ފަހު އިންތިހާބުގެ ނަތީޖާ ބާތިލުކޮށްދެވެން ނެތްކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފިއެވެ.
އިންތިހާބުގައި ގޯސްތަކެއް ހަދާފައިވާ ކަމަށް ކުރެވޭ ތުހުމަތުތަކާއި ގުޅިގެން އިރާގުުގެ މިހާރުގެ ގާނޫނު ހަދާ މަޖިލީހުން ވަނީ މެނުއަލް ކޮށް ވޯޓު ގުނުމަށް އިލެކްޝަންސް ކޮމިޝަނަށް ގޮވާލާފައެވެ. އިރާގުގެ އިންތިހާބުގައި މިފަހަރު ވޯޓު ލާފައިވަނީ އިލެކްޓްރޯނިކް ވޯޓިން ސިސްޓަމަކުންނެވެ.
އަލަށް އިންތިހާބު ކުރި ގާނޫނު ހަދާ މަޖިލީހުގެ މަސައްކަތްތައް ފެށުމުގެ ކުރިން ވޯޓުގެ ސައްހަކަން ކަށަވަރު ކުރުމަށް ސިޔާސީ ފަރާތްތަކުން ގޮވާލާފައިވާއިރު މިހާރުގެ ގާނޫނުގެ ހަދާ މަޖިލީހުގެ ދައުރު ހަމަވާން ބާކީ އޮތީ މަދު ދުވަސްކޮޅެކެވެ.
އދ އިން އިރާގަށް ކަނޑައަޅުއްވާފައި ހުންނަވާ ސްޕެޝަލް އެންވޯއީ ވަނީ މާޗް 17 ގައި އިންތިހާބާއި ގުޅިގެން އުފެދިފައިވާ ޝައްކުތަކާއި ނަތީޖާއާއި ގުޅޭ ގޮތުން ކުރެވޭ ތުހުމަތުތައް ތަހްގީގު ކުރުމަށް އިރާގުގެ އިލެކްޝަންސް ކޮމިޝަނަށް ގޮވާލައްވާފައެވެ.
ެއިންތިހާބުގެ ނަތީޖާއާއި ގުޅޭ ތުހުމަތުތައް ތަހްގީގު ކުރުމަށް އިރާގު ސަރުކާރުން ވަނީ ކޮމިޝަނެއް އުފައްދާފައެވެ. އެ ކޮމިޝަނުގެ ތަހްގީގު ފަށާފައިވާއިރު އިންތިހާބުގައި ވާދަކުރި ބައެއް ކެންޑިޑޭޓުންނަށް އިންސާފުވެރިކަމާއެކު ލިބެންޖެހޭ މިންވަރަށް ވޯޓުލިބިފައި ނުވާ ކަމަށް ވިދާޅުވެ ބައެއް ކެންޑިޑޭޓުން އަންނަނީ ސަރުކާރުގެ ތަހްގީގަށް ފާޑު ކިޔަމުންނެވެ.
ބައެއް ކެންޑިޑޭޓުން އިންތިހާބަށް ނުފޫޒު ފޯރުވާ ނަތީޖާ އޮޅުވާލާފައިވާ ކަމަށްބުނެ އަދި އިންތިހާބުގެ ކަންކަން ބަލާދިނުމަށާއި، މެނުއަލްކޮށް އަލުން ވޯޓު ގުނައިދިނުމަށް އެދި ގާނޫނު ހަދާ މަޖިލީހުގެ ރައީސް އާއި ސަތޭކަ މެންބަރުން ވަނީ ފެޓީޝަނެއްގައި ސޮއި ކޮށް އދ އަށް ހުށަހަޅާފައެވެ. އެ ޕެޓީޝަންގައި ސޮއި ކުރައްވާފައިވާ މެންބަރުން ވަނީ ދެން އުފައްދާ އާ ސަރުކާރުގެ ގާނޫނީ ސައްހަ ކަމާމެދު ސުވާލު އުފައްދަވާފައެވެ.
އިންތިހާބުގެ ނަތީޖާ ބާތިލުކޮށްދެވޭކަށް ނެތް: އިރާގު ސުޕްރީމް ކޯޓު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ