އަރަބިއްޔާ ސްކޫލް ބެލެނިވެރިންގެ ކެއްތެރިކަން ކޮޅުންލަނީބާ!!!

ލިޔުނީ: އުއްމު ފާއިދު19  އޮކްޓޯބަރ2010  ވީ އަންގާރަ ދުވަހުގެރޭ އަރަބިއްޔާ ކުދިންގެ ބެލެނިވެރިންނަށް ޙާއްސަ ބައްދަލުވުމެއް ބާއްވައިފިއެވެ.  މިބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި 3 ކަމެއްގެ މައްޗަށް އަލިއަޅުވާލިއެވެ. އެއީ ޝަހާދާ ނިންމާކުދިންނަށް އަޒުހަރުން ސްކޮލަރޝިޕް ލިބުމުގައި ދަތިތަކެއް ހުރުމައި އެކު އެކަން މުޅިން ހަމަނުޖެހޭ ވާހަކައެވެ. އަދި އެކަމަށް އަރަބިއްޔާސްކޫލުން ކެނޑިނޭޅި މަސައްކަތްކުރަމުން އަންނަ  ވާހަކަ ސްކޫލުގެ މުދީރު ވިދާޅުވިއެވެ.ސްކޫލުގެ ކިޔެވުމާއި އަދި ކުދިންގެ އަހްލާޤް ގެ މައްޗަށް ވެސް އަލިއަޅުވާލިއެވެ. މި ބައްދަލުވުމުގައި ބެލެނިވެރިން ހޫނުވެގެންދިޔައީ  ގްރޭޑް 1އަށް ކުދިން ވައްދަންބޭނުންވި މީހުންނަށް އަދިވެސް އެ ފުރުސަތު  ހަމަނުޖެހޭ ވާހަކަ ބުނުމުންނެވެ. ކޮންމެއަކަސް ޤަބޫލުކުރަންޖެހޭ ހަޤީގަތަކީ 600 އަށް ވުރެ ގިނަ އަރަބިއްޔާ ސްކޫލުކުދިން، މަންދު ކޮލެޖްގައި ތަޢްލީމްހާސިލްކުރަމުންދަނީ ވަރަށް ދަތި އުނދަގޫ ގޮތަކަށް ކަމެވެ. މިކަމަށް ހައްލެއްހޯދާދިނުމަކީ އެޑިއުކޭޝަން މިނިސްޓަރުގެ ޒިންމާ އެކެވެ. މިއީ އަރަބިއްޔާގައި ތަޢްލީމް ހާސިލް ކުރަމުންދާ ދަރިވަރުންނަށް ދައުލަތުން ހޯދައިދޭންޖެހޭ ހައްޤެކެވެ.މަންދު ކޮލެޖަށް ބަދަލުވީ ފަހުން ކުދިންގެ އަޙްލާޤަށް ބަދަލުތަކެއް އަންނަމުންދާ ވާހަކަ ބައެއް ބެލެނިވެރިން ފާހަގަކުރިއެވެ. ކްލާހެއްގައި 39 ،40 އަދި 45ކުދިން ތިބެއެވެ. ދެޖިންސް  މަސްހުނިކޮއް ކުދިން ކިޔަވަމުން ދާއިރު މިފަދަ މައްސަލަތައް ދިމާވާނެ ކަމީ އަޅުގަނޑު ނުދެންނެވިޔަސް ތިޔަބޭފުޅުންނަށް އެނގިލައްވާނެ ކަމެކެވެ. ކޮންމެއަކަސް ބެލެނިވެރިން އެބޭފުޅުންގެ ދަރިންނަށް ޖާގަ ލިބެންޖެހޭނެކަމާ، ވަގުތީގޮތުން ގުރޭޑު 1 ގެ ތިން  ކުލާސް ހަދާނެޖާގަ ލިބެންޖެހޭނެ ކަމައް ތަކުރާރު ކޮށް ބެލެނިވެރިން ދިއައީވިދާޅުވަމުންނެވެ.މިކަމުގައި ޖަމިއްޔަތުލް އަޚަވާތުން ކަންބޮޑު ވަނީ މިފަދަ ތަރައްގީ ޒަމާނެއްގައި ޢިލްމް ހޯދުމަށް ބަޔަކު އާދޭސްކުރަމުން ދާތީ އެވެ. ބައެއްބޭފުޅުން ވިދާޅުވާ ގޮތުގައި ދިވެހިރާއްޖެ އަށް ޑިމޮކްރަސީ އަތުވެއްޖެ އެވެ.އެ ޑިމޮކްރަސީ ޒަމާނީވެސް ވެއްޖެ އެވެ. ފައްކާވެ އޭގެ ފޮނިމީރުކަން ލިބެން ފަށަފި އެވެ. ނަމަވެސް އަރަބިއްޔާގެ ބެލެނިވެރިންގެ އަރުތެރެގަ މިލަނީ ހިތިރަހައެވެ. އަދި ދުވަހެއްދުވަހަކަށް އެރަހަ މިދަނީގަދަވަމުންނެވެ. މިއީ ހިތާމަ ހުރިކަމެކެވެ. ކޮޅުނެއްކޮޅަށް ހިތާމަ ހުރިކަމެކެވެ. އެއީ އަރަބިއްޔާ ސްކޫލުގެ ތަރުބަވީ ނިޒާމުގެ ތެރެއިން ތަރުބިއްޔަތުވެގެން ތަޢްލީމް ހާސިލް ކޮއްގެން މިހާތަނަށް ނިކުން ކުދީންނަކީ ޤައުމަށް ނުހަނު ބޭނުންތެރި ބައެކަށްވެފައިވާތީއެވެ.ބެލެނިވެރިންގެ މޫނުމަތިން ފެންނަމުންދިޔައީ މާޔޫސް ކަމެވެ. ބެލެނިވެރިން އެވިދާޅުވާ ފަދައިން ކެތްތެރިވާންވީ ކިހާދުވަހެއް ވަންދެންހެއްޔެވެ. އަރަބިއްޔާގެ ނަން ދިވެހިތާރީޙުން ފޮހެވިގެން ދަންދެން ހެއްޔެވެ. ބެލެނިވެރިންގެ މިއާދޭސް އެޑިޔުކޭޝަން މިނިސްޓާރއަށް އަދި އަޅުގަނޑުމެންގެ ލޮބުވެތި ރައީސުލް ޖުމްހޫރިއްޔާއާއިހަމަ މިހޫނުކަންމަތީ ގެންގޮސްދެއްވާނެ ވާހަކަ ސްކޫލްބޯޑުގެ ޗެއަރޕާސަން ވިދާޅުވިއެވެ.އެޑިއުކޭޝާން މިނިސްޓަރ ޖަމިއްޔަތުލް އަޚަވާތައް ދެއްވި ފުރުސަތެއްގައި ވިދާޅު ވެފައި ވެއެވެ “ތިބޭފުޅުން އުއްމީދާއެކު މަސައްކަތް ކުރާށެވެ.” އަޅުގަނޑުމެން މިމަސައްކަތް މި ކުރަނީ ވަރަށް އުއްމީދާ އެކުގައެވެ. އަދި އަޅުގަނޑުމެންގެ އުއްމީދުތައް ނުހަނު ފޮންޏެވެ. އަޅުގަނޑުމެންގެ އުއްމީދުތައް ފޮނި ނުވާންވީ ސަބަބެއް ނެތެވެ. އަޅުގަނޑުމެން މިދައްކަނީ އަޅުގަނޑުމެންގެ ދަރީންގެ މުސްތަޤުބަލުގެ ވާހަކައެވެ. ޤާނޫނުއަސާސީން  އަޅުގަޑުމެންގެ ދަރީންނަށް ލިބިދޭހައްޤުގެ ވާހަކައެވެ. މި ޤައުމުގެ އެންމެ އަގުހުރި ރައުސުލްމާލް ކަމަށްވާ ތުއްތުކުދިންގެ ވާހަކައެވެ. އަޅުގަޑުމެންނަކީ މައިން ކަމަށްވާތީ، އަޅުގަޑުމެންގެ ހިތަށް މިކަމުން ވަރަށް ބޮޑަށްއަސަރުކުރެއެވެ. އަޅުގަޑުމެންވެސް އަޅުގަޑުމެންގެ ދަރީންދެކެ ލޯބިވެއެވެ. އެދަރީންނަކީ އަޅުގަޑުމެންގެ ހިއްތަކުގެ ހަމަޖެހުމެވެ. ލޮލުގެ ފިނިކަމެވެ. އަދުގެ ސަރުކާރުގެ އިސްވެރީންނަށް އަޅުގަޑުމެން ހަނދާން ކޮށްދެމެވެ. ތިޔަބޭފުޅުން، ތިޔަބޭފުޅުންގެ މަންމައިން މަތިން ހަދުމަ ކޮށްލައްވާށެވެ. މިއީ މިޤައުމުގެ މައިންތަކެއްގެ އާދޭހެވެ. އެމީހުންގެ އުއްމީދެވެ. ކޮންމެއަކަސް ކެއްތެރިކަމުގެ މޭވާ ވަރަށް ފޮނިވާނެއެވެ. އަރަބިއްޔާގެ ޖާގައިގެ މައްސަލައިގައި ބެލެނިވެރިން ބޭނުންވަނީ އަވަސް ހައްލެކެވެ. ބެލެނިވެރިން މިތިބީ މާޔޫސްވެ ކެއްތެރިކަން ކޮޅުންލާ ހިސާބުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ