ޑޮލަރުގެ އަގު 20 ރުފިޔާއަށް، އަނެއްކާ ވެސް ގަރުދިޔައަށް ތިރިވާންވީތޯ: ޔާމީން ޑޮލަރުގެ އަގު 20 ރުފިޔާއަށް، އަނެއްކާ ވެސް ގަރުދިޔައަށް ތިރިވާންވީތޯ: ޔާމީން

ޑޮލަރު ތަދުވެ، ކަޅު ބާޒާރުގައި 20ރ. ރޭޓަށް ޑޮލަރު އަރާފައިވާއިރު މިއީ ގަރުދިޔަ ކައިގެން އާދައިގެން ދިރިއުޅުމަށް ރައްޔިތުން ތިރިވެލަންވީ ވަގުތޯތޯ އައްސަވައި ކުރީގެ ރައީސް އަބްދުالله ޔާމީން ސަރުކާރުގެ މާލީ ސިޔާސަތުތަކަށް ފާޑުވިދާޅުވެއްޖެ އެވެ.
ޑޮލަރު ލިބޭ މިންވަރު މަދުވުމުންނާއި ޑޮލަރު މާރުކުރަން ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކުގެ ސަބަބުން ޑޮލަރު ލިބުން ވަރަށް ވަނީ ބޮޑަށް ދަތިވެފަ އެވެ. އިއްޔެއިން ފެށިގެން ކަޅު ބާޒާރުން ޑޮލަރެއް ގަންނަން ލިބެނީ 20ރ. އަށެވެ.
މިއީ ކޮވިޑު ބަލިމަޑުކަމުގެ ދުވަސްވަރަށް ފަހު ޑޮލަރެެއްގެ އަގު މިހާ މަތިވީ ފުރަތަމަ ފަހަރެވެ. އަދި މިއީ އެންމެ ގިނަ ދުވަސްތަކެއް ވަންދެން ޑޮލަރުގެ އަގު ނުވެއްޓި މިހާ މަތީގައި ހުރި ފުރަތަމަ ފަހަރެވެ.
"ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ހުރީ 20 ރުފިޔާގައި ގައި. އަދިވެސް ދަނީ މައްޗަށް. ކޮންސިއުމާ މާކެޓް އެދަނީ ފުނޑުފުނޑުވަމުން. ގަރުދިޔަ ޒަމާން އަނެއްކާ ވެސް އައީތޯ އަލީ އާރިފް؟," ޔާމީން އެއްސެވި އެވެ.
ޔާމީންގެ ފާޑުވިދާޅުވުން އަމާޒުކުރެއްވީ ސަރުކާރުގެ މާލީ ސިޔާސަތުތަކުގެ އިތުރުން ރައީސް އޮފީހުގެ މިނިސްޓަރު އަލީ އާރިފު އަށެވެ. ޖުލައި 15، 2024، ގައި ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ބޭއްވި ހަރުގެ ޖަލްސާއެއްގައި އޭނާ ވިދާޅުވީ "ގަރުދިޔަ އާއި ބަތާ ކައިގެން އާދައިގެން ދިރިއުޅުމަށް ތިރިވެލަންޖެހޭ" ކަމަށެވެ.
"މި ދުވަސްކޮޅު މި ޖެހެނީ އެއްކަލަ އަޅުގަނޑުމެން އަބަދު ޓޭކްއަވޭ ހަދައިގެން ކޭކެއުން ހުއްޓާލާފައި، ކޮންމެވެސް ވަރަށް ގޭތެރޭގައި އަމިއްލަ އަށް ގަރުދިޔަ އާއި ބަތާ ކައްކައިގެން ކާލައިގެން ތަންކޮޅެއް އާދައިގެ ދިރިއުޅުމަށް ތިރިވެލުން،" ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެބެއިންގެ ދެދަރި އަލީ އާރިފު އެ ދުވަހު ވިދާޅުވި އެވެ.
މި އަހަރު ދަރަނީގެ ގޮތުގައި 500 މިލިއަން ޑޮލަރު ދައްކަން ޖެހޭ ކަމަށާއި އަންނަ އަހަރު އެ އަދަދު 1.2 ބިލިއަން ޑޮލަރަށް އިތުރުވާނެ ކަމަށް ވިދާޅުވެ ޔާމިން ކަންބޮޑުވުން ފާޅުކުރެއްވި އެވެ.
"މި ހުރިހާ ކަމެއް ހިނގާއިރު، ބާރުވެރިކަމާއި ބެލެނެވެރިކަން ހޯދުމުގެ ހަނގުރާމަ ގަވަރުނަރަށް ނާކާބިޔާބުވެއްޖެ،" ޔާމީންގެ ކުރު ޓްވީޓުގައި ވިދާޅުވި އެވެ.
ޑޮލަރު ރޭޓު މިހާ މަތިވެފައިވާއިރު، ސަރުކާރުން ވަނީ ބީއެމްއެލް މެދުވެރިކޮށް އާންމުންނަށާއި ވިޔަފާރިތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު އިތުރުކޮށްފަ އެވެ.
ސަރުކާރުގެ ކޮންޓްރޯލުގެ ދަށުން ފޯރުކޮށްދޭ ޑޮލަރުގެ މިންވަރު އިތުރުކޮށްދިން ނަމަވެސް، ޑޮލަރު ގަންނަން ވިޔަފާރިތަކަށް މަޖުބޫރުވެފައިވާ ކަޅު ބާޒާރުގެ ރޭޓުތައް މަތިވުމާ ގުޅިގެން ވިިޔަފާރިވެރިންގެ ކަންބޮޑުވުން ބޮޑެވެ. މި މައްސަލައިގައި މީގެ ކުރިން އަދަދު އާ ވާހަކަ ދެއްކި ބައެއް ވިޔަފާރިވެރިން ވަނީ ރޭޓު ދަށް ނުވާ ނަމަ މުދަލާއި ހިދުމަތްތަކުގެ އަގު އުފުލަން މަޖުބޫރުވާނެ ކަމަށް ބުނެފަ އެވެ.
ވިޔަފާރިވެރިންގެ ކަންބޮޑުވުން ހުއްޓަސް ސަރުކާރުން ގަބޫލުކުރަނީ، މިހާރު ހުރި ބޭރު ފައިސާގެ ސިޔާސަތުތައް ތަންފީޒުކޮށްގެން ޑޮލަރުގެ މައްސަލަ ހައްލުކުރެވޭނެ ކަމަށެވެ.
ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ރަސްމީ ރޭޓުގައި ޑޮލަރު ލިބޭނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވައިފައި ވެ އެވެ. ނަމަވެސް މުއިއްޒުގެ ޑޮލަރު ސިޔާސަތު ތަންފީޒު ކުރަން ފެށި ފަހުން ޑޮލަރުގެ އަގު ދަނީ މަތިވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ