ގުޅިފަޅު ގޯތިތަކުގެ ރަޖިސްޓްރީ ދޫކުރަން ފަށައިފި

ބިންވެރިޔާ ސްކީމުގެ ދަށުން ގުޅިފަޅުން ގޯތި ލިބުނު މީހުންނަށް ރެޖިސްޓްރީ ދޫކުރަން މިއަދު ފަށައިފި އެވެ.
ވީ ކިހިނެއް؟ - ހައުސިން މިނިސްޓްރީން ބުނީ ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލާ އެކު، ގުރުއަތު ނެގުމަށް ފަހު ގޯތި ލިބިފައިވާ ފަރާތްތަކަށް ރަޖިސްޓްރީ ދޫކުރުން ކުރިއަށްދަނީ އެ މިނިސްޓްރީ ކުރިން ހިންގި އިމާރާތް ބިމުގައި ކަމަށެވެ.
ތަފްސީލް - ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް މި ސަރުކާރުގައި ދެ ފަހަރެެއްގެ މަތިން ބަދަލު ގެނެސްފައިވެ އެވެ. އެ ބަދަލުތަކާ އެއްގޮތަށް އެތަނުން ގޯތި ލިބުނު މީހުންގެ މެދުގައި މޭ މަހު ވަނީ އަލުން ގުރު ނަގާފަ އެވެ. 
އެހެންވެ ކުރިން ދީފައި އޮތް ރަޖިސްޓްރީ އާއި ގޯތީގެ އެއްބަސްވުން ބާތިލުވެފައި ވާތީ، އަލުން ގުޅިފަޅުން ގޯތި ލިބުނު މީހުނާ އެކު އެއްބަސްވުން ހަދަން މިނިސްޓްރީން ނިންމީ އެވެ.
ހައުސިން މިނިސްޓްރީ އިން ބުނީ ކުރިން ވެފައިވާ އެއްބަސްވުންތައް އުވާނުލައި، ހަމައެކަނި ގޯތީގެ ލޮޓް ނަންބަރާ ބެހޭ މައުލޫމާތު އިސްލާހުކޮށް، އެ އިސްލާހުގައި ސޮއިކުރަން ނިންމާފައިވާ ކަމަށެވެ.
މީގެ އިތުރުން، ގޯތިލިބުނު ފަރާތްތަކާ ދެމެދު ވެފައިވާ އެއްބަސްވުމުގައި ރާއްޖޭގެ ބިމާބެހޭ ގާނޫނާ ފުށުއަރާ ކަންކަން ހުރުމުން އެކަމަށް ހައްލު ހޯދުމަށް އެޓާނީ ޖެެނެރަލްގެ އޮފީހާ މަޝްވަރާކުރަމުން އަންނަ ކަމަށް ވެސް އެ މިނިސްޓްރީ އިން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ