އައްޑޫ ސިޓީ ކައުންސިލާ ބެހޭ ގޮތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އަކީ އެ ކޯޓުން ބެލޭނެ މައްސަލައެއް ނޫން ކަމަށް ހުކުމްކޮށްފި
އައްޑު އަތޮޅުގައި ސިޓީ ކައުންސިލެއްގެ އިންތިހާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން އިއުލާން ކުރުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށް ކަނޑައަޅާދިނުމަށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލައަކީ އެ ކޯޓުން ބެލޭނެ މައްސަލައެއް ނޫން ކަމަށް މިއަދު ހުކުމްކޮށްފި އެވެ.އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް ސ. މީދޫ، ޑޭލައިޓް، އަބްދުލް ހަކީމް އަހްމަދު ދީދީ އާއި ސ. ފޭދޫ، އެވަރެސްޓް، އިމާދު ސާލިހް ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން ސިވިލް ކޯޓްގެ ގާޒީ ހާތިފް ހިލްމީ މިއަދު ކޮށްފައިވާ ހުކުމްގައި ބުނެފައި ވަނީ ގާނޫނު އަސާސީގެ 172 ވަނަ މާއްދާގެ (ހ) ގެ ދަށުން "..އިންތިހާބާ ބެހޭ ކަމެއްގައި ގާނޫނާއި ގައިވާއިދާ ހިލާފަށް ހިންގާފައިވާ ނުވަތަ އެ ފަރާތަކުން ގަބާލުކުރާ ކަމާމެދު ޝަކުވާއެއް އޮތްނަމަ އެ ޝަކުއަކާ މެދު ގޮތެއް ނިންމައިދިނުން އެދި އެ ފަރާތަކުން ހައިކޯޓަށް ހުށަހެޅިދާނެ" ކަމަށެވެ.އަދި އެފަދަ މައްސަލަތައް ބެލުމުގެ އިހްތިސާސް ސިވިލް ކޯޓަށް ލިބިގެން ނުވާ ކަމަށް އެ ހުކުމްގައި ބުނެފައިވެ އެވެ.އެ ހުކުމްގައި އިތުރަށް ބުނެފައި ވަނީ އިދާރީ ދާއިރާތައް ހިންގުމުގެ ގާނޫނުގެ ދަށުން ސިޓީ ކައުންސިލްގެ ޝަރުތު ހަމަވާ ތަންތަނުގައި ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ސިޓީ ކައުންސިލެއް އުފެއްދުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ކަމަށެވެ. އަދި ޝަރުތު ފުރިހަމަވާ ނުވަތަ ސިޓީގެ ދަރަޖަ ލިބިގެންވާ ސަރަހައްދެއް ކަމަށް ކަނޑައަޅާ ހިންގުމަށް ރައީސުލްޖުމްހޫރިއްޔާގެ އިއުލާން ކުރުމާ އެކު އިލެކްޝަން ކޮމިޝަނުން ސިޓީ ކައުންސިލްގެ މެންބަރުން އިންތިހާބު ކުރުމާ ބެހޭ ކަންތައްތައް ކުރުމަށް އިންތިހާބާ ބެހޭ ގާނޫނުގައި ބުނެފައިވާ ކަމަށެވެ.ރައީސުލްޖުމްހޫރިއްޔާ ނިންމުމާމެއްގެ މައްޗަށް ބިނާކޮށް ޝަރުއީ އެއްވެސް މަރުހަލާއަކުން އެނޫންގޮތަކަށް ކަނޑައަޅާފައިނުވާތީ އައްޑު އަތޮޅުގައި ސިޓީ ކައުންސިލެއްގެ އިންތިހާ ބެހޭ ކަމެއްކަމުގައި ވީހިނދު، މިފަދަ މައްސަލަތައް ބެލުމުގެ އިހްސާސް ސިވިލް ކޯޓަށް ލިބިގެން ނުވާ ކަމަށް އެ ހުކުމްގައި ބެނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ