ޕީޕީއެމުގެ ޕްރައިމަރީ ބާތިލު ކުރެވެންނެތްކަމަށް ކޯޓުން ކަނޑައަޅައިފި

ޕީޕީއެމުގެ ޕްރައިމަރީ ބާތިލުކުރެވެން ނެތް ކަމަށް ސިވިލް ކޯޓުން ކަނޑައަޅައިފިއެވެ.
ޕީޕީއެމުގެ ރިޔާސީ ޓިކެޓް ދިނުމަށްޓަކައި ކެންޑިޑޭޓަކު ކަނޑައެޅުމަށް ބޭއްވި ޕްރައިމަރީގައި މަކަރު ހަދާފައިވާ ކަމަށް ވިދާޅުވެ އުމަރު ނަސީރު ހުށަހެޅުއްވި މައްސަލައިގެ ހުކުމް އިއްވަމުން ސިވިލް ކޯޓުގެ ގާޒީ އާއިޝަތު ސުޖޫން ވިދާޅުވީ ޕީޕީއެމުގެ ރިޔާސީ ޕްރައިމަރީ ބާތިލުކުރެވޭނެކަމަށް ކަނޑައަޅާނެ ތަނެއް ނެތް ކަމަށެވެ.
ހުކުމް އިއްވަމުން ގާޒީ ވިދާޅުވީ ޕާޓީގެ ތެރޭގައި ފުރިހަމަ އިޖުރާއަތުތައް ފުރިހަމަކޮށްފައި ނެތުމާއި ހެކި ހުށަހަޅާފައި ނެތުމުން ކަމަށެވެ.
މީގެ އިތުރުން ގާޒީ ވިދާޅުވީ ޕީޕީއެމްގެ ޕްރައިމަރީގައި، ޕީޕީއެމްގެ މެމްބަރުންގެ ގޮތުގައި ރެޖިސްޓްރީގައި ނެތް 8915 މީހުން ވޯޓު ދީފައިވާ ކަމަށް އުމަރު ނަސީރު ވިދާޅުވި ނަމަވެސް އެ މީހުން ޕީޕީއެމްގެ ޕްރައިމަރީގައި ވޯޓު ލާފައިވާ ކަން އުމަރު ނަސީރަށް ކޯޓުގައި ސާބިތު ކޮށްދެވިފައި ނުވާ ކަމަށާއި އަދި ހުށަހެޅިފައިވާ ހެއްކާއި ގަރީނާ ތަކަށާއި ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު ޕްރައިމަރީއެއްގައި ހިނގަން ނުވާވަރު ކަންކަން ހިނގާފައިވާ ކަން ގަބޫލު ކުރައްވާ ކަމަށެވެ. ނަމަވެސް އިޖުރާއަތްތަށް ފުރިހަމަކޮށްފައިވާތީ ޕީޕީއެމްގެ ޕްރައިމަރީގެ ވޯޓް ބާތިލް ކުރާނެ ތަނެއް ނެތްކަމަށްވެސް ގާޒީ ވިދާޅުވިއެވެ.
އިތުރަށް ގާޒީ ވިދާޅުވީ ޕީޕީއެމްގެ އަސާސީ ގަވާއިދު ބުނާގޮތުން ޕްރައިމަރީ ވޯޓިންގ ލިސްޓް، ވޯޓު ލުމުގެ ދެ ހަފްތާ ކުރިން އެ ލިސްޓް އާއްމުކޮށް ކެނޑިޑޭޓުންނަށް ފޯރުކޮށް ދޭންޖެހޭ ކަމަށެވެ. ނަމަވެސް އެކަމާހަވާލުކޮށްފައިވާ ކޮމެޓީން އެކަން ކޮށްފައި ނުވާކަމަށާއި އެހެންނަމަވެސް ވޯޓު ލުމުގެ ކުރިން ޕްރައިމަރީގެ ވޯޓިންގ ލިސްޓާމެދު އުމަރު ނަސީރު އެއްވެސް ޝަކުވާއެއް އަދި މައްސަލައެއްވެސް ޕާޓީއަށް ހުށަހަޅާފައި ނުވާކަމަށް ޝަރީއަތަށް ސާބިތު ވާކަމަށެވެ. އަދި ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި އެޕާޓީއެއްގެ ޕްރައިމަރީގައި ވޯޓް ދޭންވާނީ އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުގައި ވާ މެމްބަރުންނަށް އެކަނި ކަމަށް ބުނެފައި ނުވާކަމަށާއި އެހެންކަމުން އިލެކްޝަންސް ކޮމިޝަނުގައިވާ ޕާޓީގެ ދަފްތަރުގައިވާ މެމްބަރުން ފިޔަވައި ޕާޓީތަކުގައިވާ (ޕާޓީތަކުގެ އަމިއްލަ ދަފްތަރު) ދަފްތަރުގެ މެމްބަރުންނަށް ވޯޓު ނުލެވޭ ގޮތަށް ގާނޫނުގައި ނުވާތީ އަދި ޕީޕީއެމްގެ އަސާސީ ގަވާއިދުގައިވެސް ބުނެފައި ނުވާތީ އެމެމްބަރުންގެ ވޯޓު ސައްހަ ނުވާނެކަމަށް ކަނޑަނޭޅޭނެ ކަމަށްވެސް ގާޒީ ވިދާޅުވިއެވެ.
ޕްރައިމަރީ ބާތިލުކޮށްދިނުމަށް އެންމެ ފުރަތަމަ ކަނޑައެޅި އުމަރަށް ތާއިދުކުރި އޭނާގެ ސަޕޯޓަރެކެވެ. އެމައްސަލަ ކުރިއަށްނުގެންދެވޭނެކަމަށް ކަނޑައެޅީ މައްސަލަ ހުށަހެޅި ފަރާތުގެ ހައްގެއްނުވާކަމަށް ނިންމުމަށް ފަހުގައެވެ.
ޕީޕީއެމް ޕްރައިމަރީގައި ޔާމީނަށް 13،096 ވޯޓު ލިބިވަޑައިގެންނެވި އިރު އުމަރުގެ ލިބުނީ 7،450 ވޯޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ