ސީޕީ ރިޔާޒަށް ކްރިމިނަލް ކޯޓުން ރައްދުދީފި

ފުލުހެއްގެ ކަންފަތްމަތީ މީހަކު ޖަހާ ބީރުކޮށްލިކަމަށް ބުނާ މައްސަލައެއްގައި ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ރިޔާ ފާޑު ވިދާޅުވި ވިދާޅުވުމަށް ކްރިމިނަލް ކޯޓުން ރައްދު ދީފިއެވެ.
ގ.މަސްއޮޑިގޭ އިހުސާނުންދީން ރަޝީދު،ފުލުހެއްގެ ކަންފަތްމަތީ ޖަހައި އޭނާގެ ކަންފަތް ބީރުވި މައްސަލާގައި ދައުލަތުން ދައުވާ ކޮށްފައިވަނީ ފުލުހެއް ދައުރުއަދާ ކުރަމުން ދިޔަ މީހަކަށް ހަމަލާދިނުން ކަމަށާއި އެމައްސަލާގައި ހުކުމްކޮށްފައިވަނީ ދައުލަތުން ކޮށްފައިވާ ދައުވާއާ ގުޅިގެން ހުށަހަޅާފައިވާ ހެއްކާއި ގާރީނާ ތަކަށްބަލައި އަދި ދެފަރާތުގެ ވާހަކަ ތަކަށް ބެލުމަށްފަހުކަމަށް މީޑިއާ އޮފިޝަލް އަހުމަދު މުހައްމަދު ވިދާޅުވިއެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް އަހުމަދު މުހައްމަދު މަނިކު ވިދާޅުވީ ފަނޑިޔާރުން ހުކުމް އިއްވާނީ ކޮށްފައިވާ ދައުވާއަށް ކަމަށާއި އެދައުވާއަށް ހުކުމް އިއްވާނީ ހުށަހަޅާފައިވާ ހެއްކާ ގަރީނާތަކަށް ބަލާ އަދި ދެފަރާތުން ޝަރީއަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަ ތަކަށް ބިނާކޮށްކަމަށެވެ.
"ކްރިމިނަލް ކޯޓަށް ދައުވާއެއް ބަލައިގަންނަނީ އެމައްސަލަ ތަހުގީގު ކުރާފަރާތްތަކުން ތަހުގީގުކޮށް ޕްރޮސެކިއުޓް ކުރުމަށްފަހު. ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ)ގެ އޮފީހުން ދައުވާ ފޮނުވުމުން ކޯޓުން އެދައުވާ ބަލައިގަންނާނީ. ޕީޖީގެ އޮފީހުން އުފުލާފައިވާ ދައުވާއަށް ކޯޓުން ހުކުމް ކުރާނީ. ނުއުފުލާ ދައުވާއަކަށް ހުކުމެއް ނުކުރެވޭނެ." މަނިކު ވިދާޅުވިއެވެ.
އިހުސާން ޖެހުމުން ފުލުހެއްގެ ކަންފަތް ބީރުވި މައްސަލާގައި އިހުސާނު އަދި ކަންފަތް ބީރުވި ފުލުހުސް މީހާވެސް ކޯޓުގައި ބުނެފައިވަނީ ވާހަކަ ދައްކަމުން ދަނިކޮށް "އިހުސާންގެ އަތުން ޖެހުނީ" ކަމަށެވެ. އަދި ހުށަހަޅާފައިވާ މެޑިކަލް ރިޕޯޓުތަކުންވެސް ފުލުސް މީހާގެ ކަންފަތް ބީރުވެފައިވަނީ އެސަބަބާހެދި ކަމަށް ބުނެފައި ނުވާކަމަށެވެ. އެހެންކަމުން ދައުވާ ކުރާފަރާތުންނާއި ދައުވާ ރައްދުވާ ފަރާތުން އިހުސާން އަތުން ޖެހުނީކަމަށް ބުނާއިރު ކަންފަތް ބީރުވެފައިވަނީ އިހުސާން ގަސްތުގައި ޖަހައިގެންކަމަށް ޝަރީއަތަށް ސާބިތު ނުވާކަމަށް މަނިކު ވިދާޅުވިއެވެ.
ނަމަވެސް ފުލުހެއްގެ ދައުރު އަދާކުރަންހުރި މީހެއްގެ ވާޖިބަށް ހުރަސް އެޅުމުން ފުލުހުންގެ ގާނޫނުގެ 75 ވަނަ މާއްދާގެ ދަށުން އިހުސާން 3000 ރުފިޔާއިން ޖޫރިމަނާކޮށް ހުކުމް ކޮށްފައިވާ ކަމަށެވެ. ފުލުހުންގެ ގާނޫނުގައިވާ ގޮތުގެ މަތީން 12000 ރުފިޔާއަށްވުރެ މަތި ނޫން އަދަދަކުން ޖޫރިމަނާ ކުރެވިދާނެ ކަމަށެވެ. އެހެންކަމުން ފުރަތަމަ ފަހަރު އެފަދަކަމެއް ކުރާމީހަކަށް ވަކި އަދަދަކުން، ދެވަނަ އަދި ތިންވަނަ ފަހަރަށް އެކުށް ތަކުރާރު ކުރުމުން ވަކިއަދަދެއް ޖޫރިމާނާކޮށް ވަކި އުސޫލުތަކެއް ކަނޑައަޅާފައިވާ ކަމަށް ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
ފުލުހެއްގެ ކަންފަތްމަތީ ޖެހުމުން އެމީހާގެ ކަންފަތް ބީރުވި މައްސަލައާއި ގުޅިގެން ކްރިމިނަލް ކޯޓުން އިހުސާންގެ މައްޗަށް 3000 ރުފިޔާގެ ހުކުމެއް ކުރުމުން، ފުލުހުންގެ ވެރިޔާ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ރިޔާޒު މީޑިއަށް ދެއްވާފައިވާ ވީޑިއޯއެއްގައި ވަނީ އެހުކުމަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ